Roadha Mihaaru
ޣާނިއާ އާއި މިންނަތުގެ ހިއްސާ ކުންފުނިން ވަކިކޮށްފި

ކޮލިޓޭޓް ކުންފުނީގައި އޮތް ދެ ފަނޑިޔާރުންގެ އަނބިންގެ ހިއްސާ ވަކިކޮށްފި

12 ނޮވެމްބަރ 2016

ހުޅުމާލޭގައި ލާލޭ އިންޓަނޭޝަނަލް ސްކޫލް ހިންގި ފަރީދިއްޔާ ސްކޫލް ހިންގުމުގެ ބިޑް ކާމިޔާބު ކުރި ކުންފުނީގައި ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ އަނބިކަނބަލުންގެ ހިއްސާ އޮއްވާ އެ ދެ ބޭފުޅުންގެ ހިއްސާ ކުންފުނިން މިހާރު އުނިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ލާލޭ އިންޓަނޭޝަނަލް ސްކޫލް ހިންގި ފަރީދިއްޔާ ސްކޫލް ހިންގުމުގެ ބިޑް ކާމިޔާބު ކުރި ކުންފުނީގައި ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ އަނބިކަނބަލުންގެ ހިއްސާ އޮއްވާ އެ ދެ ބޭފުޅުންގެ ހިއްސާ ކުންފުނިން މިހާރު އުނިކޮށްފި އެވެ.

ހަތަރު ފަރާތަކުން ކުރިމަތިލި އެ ބިޑް ކާމިޔާބު ވެފައިވާ ކޮލިޓިއޭޓް އެޑިއުކޭޝަންގައި، ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިއާ އަބްދުލްޣަފޫރާއި އެ ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނުގެ އަނބިކަނބަލުން މިންނަތު ނަސީރުގެ ހިއްސާ އޮތެވެ.

އެ ސްކޫލް ހިންގުން އެ ކުންފުންޏާ ހަވާލު ކުރުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެންގުމަކާ ގުޅިގެން މަޑުޖައްސާލާފައި ވަނިކޮށް ޣާނިއާ އާއި މިންނަތުގެ ހިއްސާ އެ ކުންފުނިން ވަކިކުރީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު އެ ދެ ބޭފުޅުން ހިއްސާ ވިއްކާލީ ކަމެއް ނުވަތަ ދޫކޮށްލީ ކަމެއް ސާފެއް ނުވެއެވެ.

ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނު ބުނާ ގޮތުން ހައި ކޯޓުގެ ފަނޑިޔާރުންގެ އަނބިން/ފިރިން، ބޭރުގެ އެއްވެސް ބަޔަކާ ގުޅިގެން ވިޔަފާރިކުރުން މަނަ އެވެ. ކޮލިޓިއޭޓް ކުންފުނިން ސްކޫލް ހިންގަނީ ބޭރު ކުންފުންޏެއް ކަމަށްވާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލާ ގުޅިގެންނެވެ.

ލާލޭ ސްކޫލް ހިންގި އިމާރާތުގައި އެހެން ސްކޫލެއް ހިންގުން ކޮލިޓިއޭޓް ކުންފުންޏަށް ދޭން ނިންމިކަން ސަރުކާރުން ކަށަވަރުކޮށް ނުދިނަސް އެ ކުންފުނިން ވަނީ އެ ސްކޫލްގެ ބެލެނިވެރިންނަށް ލިޔުމެއް ފޮނުވައި، އަންނަ އަހަރުން ފެށިގެން އެ ސްކޫލް ހިންގާނީ އެ ކުންފުނިން ކަމަށް ބުނެފަ އެވެ

ކޮލިޓިއޭޓް ކުންފުންޏާ އެ ސްކޫލް ހިންގުން ހަވާލުކުރަން ނިންމިއިރު ދަރިވަރުންގެ އަތުން އެންމެ ކުޑަ ފީއެއް ނަގަން ހުށަހަޅާފައި އޮތީ ކުރިން އެ ސްކޫލް ހިންގި ތުރުކީގެ ބިޒް އެޓޯލްސް އިންނެވެ. ބިޒް އެޓޯލްސް އަތުން އެތަން އަތުލީ އެތަން ހިންގުމުގެ މުއްދަތު ހަމަވުމުންނެވެ.