Roadha Mihaaru
މޯލްޑިވިއަންގެ އާ ބޯޓުތައް އަންނަ މަހު ރާއްޖެ ގެންނަނީ

އުންމީދު ކުރެވެނީ އާ ބޯޓުތައް އަންނަ މަހު ރާއްޖެ ގެނެވޭނެ ކަމަށް: އައިލެޑް އޭވިއޭޝަން

30 ސެޕްޓެމްބަރ 2022

ގައުމީ އެއާލައިން، މޯލްޑިވިއަން އިން މި އަހަރު އަލަށް ގަނެފައިވާ ތިން ބޯޓު އަންނަ މަހު ރާއްޖެ ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ގައުމީ އެއާލައިން، މޯލްޑިވިއަން އިން މި އަހަރު އަލަށް ގަނެފައިވާ ތިން ބޯޓު އަންނަ މަހު ރާއްޖެ ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ގައުމީ އެއާލައިންގެ ފްލީޓަށް އިތުރުކުރާ އާ ބޯޓުތައް އެ މުއްދަތުގައި ރާއްޖެ ގެނެވޭނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ.

މޯލްޑިވިއަންގެ އާ ބޯޓުތައް އުފައްދަނީ ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރު ކުންފުނިންނެވެ.

މޯލްޑިވިއަންގެ އޭޓީއާރު-72 މަރުކާގެ ބޯޓެއް ފްރާންސްގެ ޓުލޫސް-ބްލެންޔެކް އެއާޕޯޓުން ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އެ ފޮޓޯ އާންމުކުރީ "ޔޫރޯސްޕޮޓް" ކިޔާ ޕޭޖަކުންނެވެ.

އަލަށް ގެންނަ ބޯޓުތަކުގެ ތެރޭގައި ހިމެނެނީ އޭޓީއާރު 72 ސީރީޒްގެ ދެ އެއާކްރާފްޓާއި އޭޓީއާރު-42 ސީރީޒްގެ ބޯޓެކެވެ. އެ ބޯޓުތައް ގަތުމަށް ޖުމުލަ 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

އޭޓީއާރު 72 މަރުކާރުގެ ބޯޓުތަކުން 74 މީހުންނަށް ދަތުރުކުރެވޭއިރު އޭޓީއާރު 42 މަރުކާރުގެ ބޯޓުތަކުގެ ޖާގައަކީ 50 އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެފައިވާ ގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު ވެސް މޯލްޑިވިއަން އަށް އޭޓީއާރުގެ އިތުރު ތިން ބޯޓު ހޯދާނެ އެވެ. އެތެރޭގެ އުދުހުންތަކުގައި އެ އެއާލައިނުން ބޭނުންކުރާ ހުރިހާ ބޯޓެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.