Roadha Mihaaru
މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ

މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ

21 ފެބުރުއަރީ 2024

މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާބޯޓު ގެންނަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާބޯޓު ގެންނަން ނިންމައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސިންގަޕޫރުގައި މިހާރު ކުރިއަށް ގެންދާ ސިންގަޕޯ އެއާޝޯގައި އޭޓީއާރު 42-600 ދެ ބޯޓު ގެންނަން އޯޑަރު ދީފައިވާ ކަމަށެވެ.

އެ ބޯޓުތައް މި އަހަރުގެ ފަހުކޮޅު ރާއްޖެ ގެންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އަލަށް ގެންނަން ނިންމި އެ ދެ ބޯޓާ އެކު، އަންނަ އަހަރު އެ ކުންފުނީގެ ފްލީޓަށް އޭޓީއާރު މަރުކާގެ ބޯޓުގެ އަދަދު ހަތަކަށް އިތުރުވާނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަން އިން މިހާރު އޭޓީއާރު މަރުކާގެ ތިން ބޯޓު ދަތުރުތަކުގައި ބޭނުންކުރެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެ އެއާލައިނުން ވަނީ އޭޓީއާރު 42-600 ގެ ދެ ބޯޓަށް އޯޑަރު ދީފަ އެވެ.

އޭޓީއާރު ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ބޯޓުތައް އިތުރުކުރުމުން ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ރަނގަޅު ހިދުމަތެއް ދެވޭނެ ކަމަށެވެ. އަދި ހަރަދު ކުޑަ ބޯޓުތަކަކުން މުޅި ރާއްޖެ ގުޅާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނުން ވަނީ ބޮއިން 787-8 މަރުކާގެ މަތިންދާބޯޓެއް ވެސް ހަ އަހަރަށް ކުއްޔަށް ނަގަން މިދިޔަ މަހު ނުވައެއްގައި އިއުލާންކޮށްފަ އެވެ. އެއީ 250 ސީޓުގެ ބޯޓެކެވެ. މިދިޔަ ޑިސެމްބަރު 31 ގައި ވެސް އައިލެންޑް އޭވިއޭޝަނުން ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދަން އިއުލާންކުރި އެވެ. އެފަހަރު ހޯދަން އިއުލާންކުރީ ފަސް އަހަރުގެ މުއްދަތަށް އެއާބަސް އޭ330-220 މަރުކާގެ މަތިންދާބޯޓެކެވެ.

ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ ބޯޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ވައިޑް-ބޮޑީ ބޯޓުތަކުން އެއްފަހަރާ 275 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. އަދި ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ކުރެވޭނެ އެވެ.

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 25 ބޯޓު އެބަ އޮތެވެ. އެއީ އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި އޭޓީއާރުގެ ތިން ބޯޓާއި ޑޭޝް8 މަރުކާގެ 10 ބޯޓު އަދި ޓްވިން އޮޓާ 11 ސީޕްލޭން އެވެ.