Roadha Mihaaru
ފްލެޓް ލިބުނު 41 ޕަސެންޓް މީހުން ކުލި ނުދައްކާ!

ސަރުކާރު ސްކީމުތަކުން ފްލެޓް ލިބުނު 41 ޕަސެންޓް މީހުން ގަވާއިދުން ކުލި ނުދައްކާ: އަސްލަމް

01 އޮކްޓޯބަރ 2022

ސަރުކާރުން މިހާތަނަށް ހިންގާފައިވާ އެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ 31-41 ޕަސެންޓް މީހުން ގަވާއިދުން ކުލި ދައްކަމުން ނުދާ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސަރުކާރުން މިހާތަނަށް ހިންގާފައިވާ އެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ 31-41 ޕަސެންޓް މީހުން ގަވާއިދުން ކުލި ދައްކަމުން ނުދާ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެމްއޭސީއެލުން އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތްކުރި ދެ ޓަވަރުގެ މަސައްކަތް ނިންމައި، އެ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ސަރުކާރުން ހިންގި މަޝްރޫއުތަކަކީ ފައިސާ ދައްކައިގެން އެތަން އަމިއްލަ ކުރުމުގެ ފުރުސަތު ލިބޭ ސްކީމުތަކެއް ކަމުގައި ވިޔަސް އެތަންތަނަށް ފައިސާ ނުދައްކާ ގިނަ ބަޔަކު އުޅެމުންދާ ކަމަށެވެ.

"ހިތާމައާ އެކީ ދަންނަވަން ޖެހެނީ އެކި ނަން ނަމުގައި ސަރުކާރުން ހިންގާފައި ހުރި މަޝްރޫއުތަކަށް މަހުން މަހަށް ދައްކަން ޖެހޭ ލާރި، 31 ޕަސެންޓާއި 41 ޕަސެންޓާ ދެމެދުގެ މީހުން، ހަމައަށް ގަވާއިދުން ދައްކަމުން ނުދޭ،" ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮތް އެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި އެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ނަމަ، މަހުން މަހަށް ފައިސާ ދައްކަން ޖެހެ އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ 1990 ގެ ފަހުކޮޅާއި 2000 ގެ ކުރީކޮޅު ސަރުކާރުން އަޅާފައިވަނީ 100 އެއްހާ ފްލެޓް ކަމަށާއި އޭރު ފައިސާ ނުދައްކާ މީހުންގެ އަދަދު 40 ޕަސެންޓަށް އެރިޔަސް ސަރުކާރަށް "ކެތްކުރެވޭނެ" ކަމަށެވެ. އެކަމަކު މިހާރު ހާހުން ފްލެޓް އަޅަމުން އަންނައިރު 40 އަކަށް ޕަސެންޓް މީހުން ގަވާއިދުން ފައިސާ ނުދައްކާ ނަމަ، އެކަން "ދެކޮޅު ޖެއްސޭނެ" ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެެހެންވެ، އަސްލަމް ވަނީ އެމްއޭސީއެލުން އެ ކުންފުނީގެ މުވައްޒަފުންނަށް "ހެޔޮހިތުން" އަޅައިދިން ފްލެޓްތަކަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދެއްކުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ.

"ޑިފޯލްޓްވާ މުވައްޒަފުންތަކެއްގެ ގޮތުގައި ތިޔަ މުވައްޒަފުން ނުވައްޗޭ. އެހެން ހަދައިފިއްޔާ ދެން އަންނަން އޮތް މުސްތަގުބަލުގައި ތިޔަ މުވައްޒަފުންގެ ތެރެއިން އަލަށް ފްލެޓް ލިބޭ މުވައްޒަފުންނަށް އެމީހުން އުއްމީދުކުރާ ކަހަލަ ފްލެޓްތަކެއް ނުލިބޭނެ،" އެ ކުންފުނީގެ ފްލެޓް ލިބުނު މުވައްޒަފުން ބައިވެރިވި އެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އެގޮތަށް ވިދާޅުވިއިރު މިފަހުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުތަކުގެ ތެރެއިން ފްލެޓަށް ކުލި ދެއްކުމަށް ދެކޮޅު ހެދީ "ހިޔާ" މަޝްރޫއުން ފްލެޓް ލިބުނު ބައެކެވެ. އެމީހުން ކުލި ދައްކަން ދެކޮޅު ހެދީ ސަރުކާރުން ފްލެޓަށް ކަނޑައެޅި އަދަދު ބޮޑު ކަމަށް ބުނެ، ކުލި ކުޑަކޮށްނުދީގެންނެވެ.

ހިޔާ ފްލެޓް: ގިނަ ބަޔަކު މި ފްލެޓްތަކުގައި މިހާރު ދިރިއުޅެމުން އެބަދޭ--. ފޮޓޯ: ނިޝާން އަލީ/މިހާރު

ހިޔާ ފްލެޓް: ގިނަ ބަޔަކު މި ފްލެޓްތަކުގައި މިހާރު ދިރިއުޅެމުން އެބަދޭ--. ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމާ ގުޅިގެން އެޗްޑީސީން ވަނީ ކުލި ނުދައްކާ މީހުންނަށް ޖޫރިމަަނާއާ އެކު ފައިސާ ދައްކަން އަންގައި ލިޔުން ވެސް ފޮނުވައިފަ އެވެ.

ހިޔާ ފްލެޓްތަކުގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ބައެއް ފްލެޓްތައް ލިބުނު މީހުން ވެސް އެތަންތަނަށް ކުލި ނުދައްކާ ކަމުގެ ޝަކުވާ މަދުން ނަމަވެސް ކުރެ އެވެ. އެކަމަކު ގަވާއިދުން ފައިސާ ނުދެއްކިޔަސް މިހާތަނަށް އެއްވެސް ބައެއްގެ އަތުން ފްލެޓް އަތުލައިފައެއް ނުވެ އެވެ.