Roadha Mihaaru
ދެ ސްކޫލު އަޅަން އަރަބިއްޔާގެ ބެލެނިވެރިން ގަބޫލެއް ނޫން

ބާ ޖަމާލުއްދީން ބިމުގައި ދެ ސްކޫލު އަޅަން އަރަބިއްޔާގެ ބެލެނިވެރިން ގަބޫލެއް ނޫން

02 އޮކްޓޯބަރ 2022

އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ދާއިމީ ހައްލެއްގެ ގޮތުގައި ހަމަޖެއްސި ބާޖަމާލުއްދީން ބިމުގައި ޖަމާލުއްދީން ސްކޫލުގެ ބައެއް ވެސް ހަދާތީ އަރަބިއްޔާގެ ބެލެނިވެރިން ހިތްހަމަނުޖެހިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ދާއިމީ ހައްލެއްގެ ގޮތުގައި ހަމަޖެއްސި ބާޖަމާލުއްދީން ބިމުގައި ޖަމާލުއްދީން ސްކޫލުގެ ބައެއް ވެސް ހަދާތީ އަރަބިއްޔާގެ ބެލެނިވެރިން ހިތްހަމަނުޖެހިއްޖެ އެވެ.

އެ ސްކޫލުގެ ޕީޓީއޭގެ ނައިބު ރައީސް އައިޝަތު ޝާދިޔާ "މިހާރު" އަށް ވިދާޅުވީ އަރަބިއްޔާގެ މައްސަލައިގައި މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވުމުން ބާޖަމާލުއްދީން ބިން ދެއްވައި، އެ ތަނުގައި އިތުރު ސްކޫލު އަޅާ ކަމަށް އޭރު ވިދާޅުނުވާ ކަމަށެވެ.

އެކަމަކު މިނިސްޓްރީއާ ބިން ހަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރިއިރު މި އޮތީ ކަންބޮޑުވާ ގޮތަކަށް ކަމަށް ޝާދިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބާ ޖަމާލުއްދީން ބިން ބަހާފައި ތިން ހަތަރު ސްކޫލު އަޅާނެ ޖާގައެއް އެ ތަނުގައި ނެތެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބާ ޖަމާލުއްދީން ބިމުގައި އަރަބިއްޔާގެ އާ އިމާރާތް އަދި ޖަމާލުއްދީން ސްކޫލެއްގެ ބައެއް އަޅަން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއެކު ސޮއިކޮށްފަ އެވެ. އަހަރަކާއި ތިން މަހުން ނިންމާ ގޮތަށް އެ މަޝްރޫއު ހަވާލުކުރީ 168 މިލިއަން ރުފިޔާއަށެވެ.

އެ ތަނުގައި އަރަބިއްޔާގެ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހަދާނެ އެވެ. އޭގެ އިތުރުން ޖަމާލުއްދީންގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރަން ބޭނުންވާ 34 ކްލާސްރޫމް ވެސް، ބާ ޖަމާލުއްދީންގެ ބިމުގެ ބައެއްގައި ހަދާނެ އެވެ. ޝާދިޔާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ސްކޫލުތައް އެއްދަންފަޅިއަށް ހިންގުން ކަމަށްވާތީ ސްކޫލު ހިންގާ ބިން 25،000 އަކަފޫޓަށް ވުރެ ކުޑަވެގެން ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ބުނެފައިވާ ކަމަށެވެ.

އެކަމަކު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާއްމުންގެ މީހަކު ފޮނުވި ސުވާލަކަށް ދިން ޖަވާބުގައި މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލު އަޅަން ކަނޑައަޅާފައިވަނީ 18،000 އަކަފޫޓުގެ ބިމެއްގައި ކަމަށެވެ. އަދި އެ ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރަން 50 ކްލާސްރޫމް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއް ބިމެއްގައި ދެ ސްކޫލު އެޅުމަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން. ބެލެނިވެރިން ތިބީ ނުތަނަވަސްކަމުގައި. މި ވަގުތު މި ތިބީ ވެސް ކިޔެވުމަށް އެކަށީގެންވާ މާހައުލެއްގައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޝާދިޔާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދާ ހިލާފުވުމުން އެ މަނިކުފާނާ ބައްދަލުކުރަން ބެލެނިވެރިން ބޭނުންވާ ކަމަށެވެ. އެކަމަށް އެދި މިއަދު ސިޓީ ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބިން ދީފައި އަނދުން އަޅުވައި އަތުލުމަކީ އަރަބިއްޔާއަށް ނިކަމެތިކަން ގެނައި ކަމެއް. އަޅުގަނޑުމެން އަޑުގަދަކުރަން މަޖުބޫރުވަނީ މިގޮތަށް ކަންތައްތައް ކުރާތީ. އިސްލާމީ ތައުލީމު މި ގައުމުން ފޮހެލުމަށް ކުރާ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާގައި ބުނީ ދެ ސްކޫލު ވަކިވާނެ ގޮތަށް އެ ދެމެދުގައި ވަކި މަގެއް ހަދާނެ ކަމަށެވެ.

އަރަބިއްޔާގެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އަޑުއިއްވުމަށް ހަދާފައިވާ "ސޭވް އަރަބިއްޔާ" ފޭސްބުކް ޕޭޖުގައި ބުނީ އަރަބިއްޔާއަކީ އެޑިއުކޭޝަން މިނިސްޓްރީ ނުވަތަ ސަރުކާރުން ބޭނުން އިރަކު ބޭނުން ގޮތެއް ހަދަން އޮތް ތަނެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ ވަގުތީ އިމާރާތެއްގައި ބަންދުވެގެން. އެތައް ކަމަކުން މަހުރޫމްވެގެން. އަރަބިއްޔާއަށް ވެސް މުސްތަގިއްލު އިމާރާތެއް މި ދިވެހި ލޮބުވެތި ފަސްގަނޑުން ލިބޭނެ ކަމުގެ ފޮނި އުއްމީދުގައި ތިއްބާ އަރަބިއްޔާ އިތުރަށް ފަހަތަށް ޖައްސައި ނިކަމެތި ކޮށްލުމީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން،" ޕޭޖުގައި ބުންޏެވެ.

މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި ގެއްލުން ވެފައި ހުރުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލްގެ ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގަ އެވެ.