23 އޮކްޓޯބަރ 2022
އަރަބިއްޔާ ސްކޫލްގެ ކުދިން ވަގުތީ އިމާރާތުގައި ކިޔަވަނީ ގިނަ ދަތިތަކަކާއެކު، ވަރަށް ހާލުގައި ކަމަށް އެ ސްކޫލުގެ ބެލެނިވެރިން މިއަދު ބުނެފި އެވެ.
އަރަބިއްޔާ ސްކޫލްގެ ކުދިން ވަގުތީ އިމާރާތުގައި ކިޔަވަނީ ގިނަ ދަތިތަކަކާއެކު، ވަރަށް ހާލުގައި ކަމަށް އެ ސްކޫލުގެ ބެލެނިވެރިން މިއަދު ބުނެފި އެވެ.
އަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހާމަކުރުމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ސްކޫލްގެ ޕޭރެންޓް ޓީޗާ އެސޯސިއޭޝަނުގެ ނައިބު ރައީސް އައިޝަތު ޝާދިޔާ ވިދާޅުވީ، އަރަބިއްޔާގެ ކުދިން ކިޔަވަމުން ގެންދިޔަ އިމާރާތުގައި ރެނދުލައި އެ ތަން ވެއްޓޭތީ މިހާރު ކިޔަަވަނީ ވަގުތީ އިމާރާތެއްގައި ކަމަށް ވާއިރު، ސްކޫލުގެ އެކި ފަރާތްތަކުގެ އަޑުތައް ކަމާ ބެހޭ މުއައްސަސާތަކުގެ އިސްވެރިންނަށް އިވިވަޑަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުދިން، އަޅުގަނޑުމެންގެ ޓީޗަރުން، އަޅުގަނޑުމެންގެ މެނޭޖްމަންޓުން އުފުލަމުންދާ ތަކުލީފުތަކުގެ ވާހަކަ އަސްލު އަޑު ނީވޭހެން އަޅުގަނޑަށް ހީވަނީ،" ޝާދިޔާ ވިދާޅުވި އެވެ.
އަރަބިއްޔާގެ ކުދިންގެ ކިޔެވުމަށްޓަަކައި އެމްޓީސީސީ ސޯމިލް ނުވަތަ ދާދި ފަހަކާ ޖެހެންދެން ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ހިންގި އިމާރާތް ސަރުކާރުން ހަމަޖައްސައިިދިނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.
ޝާދިޔާ ވިދާޅުވީ، އެ ތަން ހުންނަނީ ފޮށިގަނޑެއް ގޮތަށް ކަމަށާއި އެ ތާނގައި ވަރަށް ގިނަ ކަންތައްތަކެއް ކުދިންނަށް މަހުރޫމް ވެފައިވާ ކަމަށެވެ.
"ކުދިންނަށް ޕީއީ ބާއްވާނެ ޖާގައެއް ނޯވޭ. ޕީއީ ގަޑި ނަގަން ވެއްޖިއްޔާ ކުދިން ޖެހެނީ މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން ކެންސަލް ކޮށްފައި ހެންވޭރު ދަނޑަށް ޕީއީ ގަޑި ނަގަން ދާން. އެ ދުވަހުގެ ކިޔެވުން އެ ހިސާބުން މެދުކަނޑާލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޝާދިޔާ ވިދާޅުވީ މި އަހަރުގެ ކިޔެވުން ފަށައިގެން ކުރިއަށް ދަނީ ލެބޯޓަރީއަކާއި ލައިބްރަރީއަކާ ވެސް ނުލައި ކަމަަށާއި ނަމަވެސް އަރަބިއްޔާ ސްކޫލުގެ މެނޭޖްމަންޓުން އިސް ނަގައިގެން ކްލާސްރޫމެއްގައި ލައިބްރަރީއެއް ހަދާފައިވާ ކަމަށެވެ.
"ފުރިހަމަ ލައިބްރަރީއެއް ނޫން. ލައިބްރަރީއެކޭ ޖަހާލާފައި އިނީމާ ލައިބްރަރީއަކަށް ވަނީ،" ޝާދިޔާ ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަރަބިއްޔާގެ ޕީޓީއޭގެ ނައިބު ރައީސް އައިޝަތު ޝާދިޔާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުދިންގެ ހަށިގަނޑުގެ ތަރުބިއްޔަތަކީ ވަރަށް މުހިންމު މާއްދާއެއް ކަމަށް ވާއިރު، އަރަބިއްޔާގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިން އުޅޭ ކަމަށާއި އެ ކުދިންނަށް ޕީއީ ގަޑިއަކީ މުހިންމު ގަޑިއެއް ކަމަށް އޭނާ ވިދާޅުވި އެވެ. ސްކޫލުގައި ބައްދަލުވުމެއް ބާއްވަން ޖެހުނަސް، އަދި ރަސްމިއްޔާތެއް ބާއްވަން ޖެހުނަސް ޝާދިޔާ ވިދާޅުވިގޮތުގައި، ޖާގައިގެ ދަތިކަން ވަރަށް ބޮޑެވެ.
"ދާދި މިދާކަށް ދުވަހު ސްކޫލްގައި މަގާމުތައް ކުދިންނަށް ހަވާލުކުރަން ބޭއްވި ޖަލްސާގައި ބައެއް ކުދިންނަށް ބައިވެރިވާން ޖެހުނީ ގޫގުލް މީޓް މެދުވެރިކޮށް،" އަރަބިއްޔާ ސްކޫލުގެ ވަގުތީ އިމާރާތުގެ ޖާގައިގެ މައްސަލަ އިންތިހާ އަށް ބޮޑުކަން ފާހަގަކުރައްވަމުން ޝާދިޔާ ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބާ ޖަމާލުއްދީންގެ ބިން ދިނުމުން ބެލެނިވެރިން ތިބީ ވަރަށް ފޮނި އުންމީދެއްގައި ކަމަށް ޝާދިޔާ ވިދާޅުވި އެވެ. އެކަމަކު، އެ ތަނުގައި އަރަބިއްޔާގެ އިތުރުން ޖަމާލުއްދީންގެ ބައެއް އިމާރާތް ކުރާ ގޮތަށް ނިންމުމުން ބެލެނިވެރިންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.
އެ ތަނުގައި އަރަބިއްޔާގެ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހަދާނެ އެވެ. އޭގެ އިތުރުން ޖަމާލުއްދީންގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރަން ބޭނުންވާ 34 ކްލާސްރޫމް ވެސް، ބާ ޖަމާލުއްދީންގެ ބިމުގެ ބައެއްގައި ހަދާނެ އެވެ.
އެ ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީގެ އެޕޮއިންޓްމަންޓަށް އެދުނުތާ ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސްވީއިރު ސިޓީ އަށް ޖަވާބު ވެސް ނުލިބޭ ކަމަށް އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ޖަމިއްޔާ އިން ބުންޏެވެ.
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އަރަބިއްޔާ އަށް އަބަދު ވެސް ޖެހެނީ ހަމަ މި ހާލު!
ދެ ސްކޫލު އަޅަން އަރަބިއްޔާގެ ބެލެނިވެރިން ގަބޫލެއް ނޫން
ބާޖަމާލުއްދީންގެ އިމާރާތްތައް ތަޅާލަން 2.4 މިލިއަން
އަރަބިއްޔާ އަޅާނެ އިރެއް ސާފުކޮށްދޭން އެދިއްޖެ
އަރަބިއްޔާ އަށް އަޒްހަރުން ޓީޗަރުން އަންނަން ފަށައިފި
އަރަބިއްޔާ ސްކޫލަށް އަޒުހަރުގެ ޓީޗަރުން އަދިވެސް ނުލިބޭ
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
އަރަބިއްޔާގެ މޫނުބުރުގާ އެޅުމުގެ މައްސަލަ ކޯޓުން ބޭރު