Roadha Mihaaru
ސްޓެލްކޯ އިން އަނެއްކާވެސް ފިއުލް ސާޗާޖު ބޮޑުކޮށްފި

ސްޓެލްކޯއިން އަނެއްކާވެސް ފިއުލް ސާޗާޖު ބޮޑުކޮށްފި، މިހާރު ޔުނިޓަކަށް 38 ލާރި

08 ޖެނުއަރީ 2017

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ތެލުގެ ސާޗާޖުގެ ގޮތުގައި ނަގާ މިންވަރު ޔުނިޓަކަށް 27 ލާރިން 38 ލާރިއަށް ބޮޑުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ތެލުގެ ސާޗާޖުގެ ގޮތުގައި ނަގާ މިންވަރު ޔުނިޓަކަށް 27 ލާރިން 38 ލާރިއަށް ބޮޑުކޮށްފި އެވެ.

މިއީ އެ ކުންފުނިން އެއް މަސް ތެރޭގައި ފިއުލް ސާޗާޖު ބޮޑުކުރި ދެވަނަ ފަހަރެވެ. ސަރުކާރުން ކަރަންޓުގެ އަގަށް މިދިޔަ ފެބްރުއަރީ މަހު ބަދަލު ގެނައި ފަހުން، މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ތެލުގެ ސާޗާޖު، ކަރަންޓް ބިލުގައި ވަނީ ހިމަނައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު 19 އިން ފެށިގެން ސާޗާޖުގެ ގޮތުގައި ޔުނިޓަކަށް ނަގަމުން އައީ ހަތަރު ލާރި އެވެ. ނޮވެމްބަރު 16 އިން ފެށިގެން ވަނީ ޔުނިޓަކަށް ނަގާ މިންވަރު 12 ލާރިއަށް ބޮޑުކޮށްފަ އެވެ. އޭގެ ފަހުން ޑިސެމްބަރު 9 ގައި ޔުނިޓަކަށް 27 ލާރި ހަމަޖެއްސި އެވެ.

ސަރުކާރުގެ ކަރަންޓް ކުންފުނީގެ ވެބްސައިޓްގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ފަހުން ތައްޔާރުކުރާ ބިލްތަކަށް، ތެލުގެ ސާޗާޖުގެ ގޮތުގައި ނަގާނީ، 11 ލާރި ބޮޑުކޮށް، ޔުނިޓަކަށް 38 ލާރި އެވެ.

ސްޓެލްކޯ އަށް ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް 8ރ. އަށް ވުރެ ބޮޑުވާ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރީގެ ފިއުލް ސާޗާޖު ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން އޮންނަނީ ދީފަ އެވެ. އެ ކުންފުންޏަށް މިހާރު ޑީސަލް ލީޓަރެއް ގަންނަން ލިބެނީ 9.28ރ. އަށެވެ.

ސާޗާޖަށް އަލަށް ގެނައި ބަދަލަށް ބަލާ ނަމަ، މިހާރު 1،000ރ. އަރާ ބިލަކަށް ގާތްގަނޑަކަށް 250ރ. އިތުރުވާނެ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ފިއުލް ސާޗާޖު މައްޗަށް ދަނީ އެ ކުންފުންޏަށް ޑީސަލް ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު އާއްމުން ބޭނުންކުރާ ކަރަންޓްގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ކަރަންޓް ބިލު ބޮޑުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފައިވެ އެވެ. އަދި އޭގެ ފަހުން 500 ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓްތަކުގެ އަގު ސަރުކާރުން ހެޔޮކުރި އެވެ. އެއާ އެކު ވެސް ކަރަންޓް ބިލު ބޮޑުވާތީ އެ ޓެރިފް ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިދިއަ އަހަރުގެ ކުރީކޮޅު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ.