Roadha Mihaaru
ކޮޕް ސަމިޓްގައި ރަސްގެފާނު ޗާލްސް ބައިވެރިނުވާނެ

ކޮޕް ސަމިޓްގައި ރަސްގެފާނު ޗާލްސް ބައިވެރިނުވާނެ

04 އޮކްޓޯބަރ 2022

އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު، މިސްރުގެ ޝަރަމުއް ޝައިޚްގައި އޮންނަ ތިމާވެށީގެ މަހާސިންތާގައި، އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިނެއް، ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައިފި އެވެ.

އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު، މިސްރުގެ ޝަރަމުއް ޝައިޚްގައި އޮންނަ ތިމާވެށީގެ މަހާސިންތާގައި، އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިނެއް، ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައިފި އެވެ.

އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ރަސްގެފާނު ޗާލްސް ކޮޕް މަހާސިންތާ އަށް މިސްރަށް ވަޑައިނުގަތުމަށް ނިންމެވީ، ބޮޑުވަޒީރު ލީޒް ޓްރަސްގެ އަރިހުން އެކަމުގައި މަޝްވަރާއަކަށް އެދިވަޑައިގަތުމަށް ފަހު އެވެ. އެ ކަމުގައި ބޮޑުވަޒީރު ލީޒް، މަޝްވަރާ އެރުވީ ރަސްގެފާނު އެ މަހާސިންތާގައި ބައިވެރިވެވަޑައިނުގަތުމަށެވެ.

ބަކިންހަމް ގަނޑުވަރުން އެކަމާ ބެހޭ ގޮތުން ބަޔާނެއް މިނެރުނީ، ރަސްގެފާނު ޗާލްސް ކޮޕް ސަމިޓަށް ވަޑައިނުގަތުމަށް، ބޮޑުވަޒީރު އަމުރުކުރައްވައި އެކަމަށް ދެކޮޅު ހެއްދެވުމުން ކަމަށް ބުނެ، މީޑިއާތަކުގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރަސްގެފާނު ކޮޕް ސަމިޓަށް ވަޑައިނުގަތުމަށް ނިންމެވީ، ދެ ބޭފުޅުންގެ މެދުގައި ވަރަށް ރަހްމަތްތެރި ގޮތެއްގައި އަދި ފުރިހަމަ އިހްތިރާމާއެކު މަޝްވަރާ ކުރެއްވުމަށް ފަހު، ދެ ބޭފުޅުންނަށް ވެސް އެއްބަސްވެވަޑައިގެންނެވުނު ގޮތަށެވެ.

މިއަންނަ ނޮވެމްބަރު މަހުގެ 6-18 އަށް މިސްރުގައި އޮންނަ ކޮޕް ސަމިޓްގައި، ރަސްގެފާނު ވާހަކަފުޅު ދައްކަވާ ގޮތަށް ވެސް އޮތީ އެޖެންޑާ ކޮށްފަ އެވެ. ނަމަވެސް، ރަސްގެފާނު ވަޑައިނުގަތުމަށް ނިންމެވުމާ ގުޅިގެން، އެޖެންޑާ އަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ.

ބަކިންހަމް ގަނޑުވަރުން ބުނި ގޮތުގައި ރަސްގެފާނު އެ ސަމިޓަށް ވަޑައިނުގަތުމަށް ނިންމެވީ، ޝާހީ އާއިލާގެ އިސް ބޭފުޅުންގެ އިތުރުން، ބޮޑުވަޒީރުގެ އޮފީހުގެ މުޝީރުންނާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. އަދި ބޮޑުވަޒީރު ލީޒް އާއި ރަސްގެފާނާ ދެމެދު އެއްވެސް ދެބަސްވުމެއް ނުވަތަ ޚިޔާލު ތަފާތުވުމެއް ނެތް ކަމަށް ވެސް ގަނޑުވަރުން ބުނެ އެވެ.

ޗާލްސް އަކީ މަންމާފުޅު، ރާނީ އެލިޒަބަތުގެ ރަނިކަމުގެ ދުވަސްވަރު އިނގިރޭސި ވަލީ އަހުދުގެ ހައިސިއްޔަތުގައި ހުންނެވި އިރު، ތިމާވެށީގެ ކަންކަމުގައި ވަރަށް އިސް ނަންގަވައިގެން އުޅުއްވި ބޭފުޅެކެވެ. މާހައުލީ ނިޒާމު އިއާދަކުރުމުގެ ދާއިރާ އިންނާއި އޯގަނިކް ދަނޑުވެރިކަން ކުރިއެރުވުމަށް ޗާލްސް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އޭގެ އިތުރުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގައުމުތަކުގެ ވެރިންނާ އެކުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ.

އެންމެ ފަހުން 2021 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ގްލެސްގޯގައި ބޭއްވި ކޮޕް26ގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި، އިނގިރޭސި ވިލާތުގެ އޭރުގެ ވަލީއަހުދުގެ ހައިސިއްޔަތުން، ޗާލްސް ތަގުރީރު ކުރެއްވި އެވެ. އަދި ޗާލްސްގެ މަންމާފުޅު، ކުރީގެ ރާނީ އެލިޒަބަތު ވެސް އެ މަހާސިންތާގައި، ވީޑިއޯ ލިންކު މެދުވެރިކުރައްވައި ތަގުރީރު ކުރެއްވި އެވެ.