08 ޖެނުއަރީ 2017
ތައުލީމީ އާ އަހަރެއް އަބަދުވެސް ފެށެނީ އާ އުއްމީދުތަކަކާ އެކީގަ އެވެ. އެކަމަކު ފުރަތަމަ ދުވަހުގެ އަޒުމުގައި ދެމިތިބެވެނީ ކިތައް ދަރިވަރުންނަށް ހެއްޔެވެ؟
ތައުލީމީ އާ އަހަރެއް އަބަދުވެސް ފެށެނީ އާ އުއްމީދުތަކަކާ އެކީގަ އެވެ. އެކަމަކު ފުރަތަމަ ދުވަހުގެ އަޒުމުގައި ދެމިތިބެވެނީ ކިތައް ދަރިވަރުންނަށް ހެއްޔެވެ؟
ދަސްކުރަން ޖެހޭ ފިލާވަޅުތަކާއި ބައިވެރިވާން ޖެހޭ ހަރަކާތްތަކުގެ ބިޒީކަމާ އެކު ބައެއް ފަހަރު ކަންކަން ބޮއްސުންލައިގެން ދެ އެވެ. އެކަމަކު ރޭވުންތެރިކަމާ އެކު މެނޭޖު ކޮށްފިއްޔާ ދަރިވަރެއްގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެކުއެކީގައި އޮމާންކޮށް ގެންދެވިދާނެ އެވެ.
ފޭސްބުކް ޕޯސްޓެއްގައި ޕްރޮފެސަރު ހަސަން އުގެއިލް މިއަދު ވަނީ އެކަން ހާސިލްކުރަން ކުރެވިދާނެ ފަސް ކަމެއް ފާހަގަކުރައްވައިފަ އެވެ. އެއީ މި ވަގުތުން ފެށިގެން ވެސް ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުން ހިފިދާނެ މުހިއްމު ނަސޭހަތްތަކެކެވެ.
އުގެއިލް ވިދާޅުވާ ގޮތުގައި ކިޔެވުން ކުރިއަށް ގެންދާނެ ގޮތުގެ ސާފު ޕްލޭނެއް ސިކުނޑީގައި ނުވަތަ ލިޔެފައި ބޭއްވުން މުހިއްމެވެ. އޭރުން، ކުރަންވީ ކަންކަމާއި އެ ކަންކަން ކުރަންވީ ވަގުތުތައް ނޭނގި އޮޅުންބޮޅުން ވެގެން އުޅޭކަށް ނުޖެހޭނެ އެވެ.
މިއީ ކިޔެވުމުގައި ވެސް އަދި މަސައްކަތުގައި ވެސް ގިނަ ބަޔަކަށް ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ. ކުރަން ޖެހޭ ކަންކަން އެންމެ ފަހު ވަގުތަށް ބެހެއްޓީމާ ނުކުންނަ މައްސަލަތައް ގިނަ އެވެ. މިހާރު ކުރަން ޖެހޭ ކަމެއް ފަހަށް ބޭއްވުމަކީ، އުގެއިލް ފާހަގަކުރައްވާ ގޮތުގައި، ހާސްވުމާއި ފިކުރުބޮޑުވުމަށް މަގުފަހިވާ ކަމެކެވެ. މާދަމާ ކުރަން ޖެހޭ އިތުރު ކަންކަން ހުންނާނެތީ، މިއަދު ކުރަން އޮތް ކަމެއް މާދަމާ އަށް ނުބާއްވަން އޭނާ ނަސޭހަތް ދެއްވަ އެވެ.
"މީގައި ގެންގުޅެން ޖެހޭ އުކުޅަކީ، އެ ކަމެއް ފެއްޓުން. އުނދަގޫ ކަމެއް ވެއްޖެއްޔާ ބައިބަޔަށް ބަހާލައިގެން ކުދިކުދި ވަކި މަސައްކަތްތަކަކަށް ހެދިދާނެ. އޭރުން އެކަމެއް ފަށައިގަންނަން ފަސޭހަވާނެ،" އުގެއިލް ލިޔުއްވި އެވެ.
މަލްޓި-ޓާސްކިން ނުވަތަ އެއްފަހަރާ ގިނަ ކަންކަން ކުރުމަކީ ގާބިލް މީހުންގެ ސިފައެއް ކަމަށް ބައެއް މީހުން ދެކެ އެވެ. އެކަމަކު އުގެއިލް ފާހަގަކުރައްވާ ގޮތުގައި އޭނާ އަށް އެނގިވަޑައިގަންނަވާ ކާމިޔާބު ގިނަ މީހުން އެ ގޮތަކަށް މަސައްކަތެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެ މީހުން ފަހަރަކު ކަމެއް ނަގައިގެން އެ ކަމަކަށް ހުރިހާ ސަމާލުކަމެއް ހުސްކޮށްލަނީ އެވެ.
އެއްފަހަރާ އެތައް ކަމެއް ރަނގަޅަށް ކުރުމަކީ ވާނެ ކަމެއް ނޫން ކަމުގެ ސައިންޓިފިކް އެތައް ހެއްކެއް ވެސް އެބަހުރި ކަމަށާއި މަލްޓި-ޓާސްކް ކުރަން އުޅުނީމާ، ކަމެއް ކުރަން ހޭދަވާ ވަގުތާއި ހެދޭ ގޯސްތައް ވެސް ދެގުނަ އިތުރު ވެގެންދާ ކަމަށް އުގެއިލް ވިދާޅުވެ އެވެ.
އުގެއިލް ވިދާޅުވާ ގޮތުގައި ކޮންމެ މީހަކީ ވެސް "އެ މީހަކާ އެކު އުޅޭ ފަސް މީހެއްގެ އެވްރެޖް"އެކެވެ. ތިމާއާ އެއް ވިސްނުމެއްގެ މީހުންނާ އެކު އުޅެންޏާ، ކިޔެވުމުގެ ޕްލޭން ކުރިއަށް ގެންގޮސް، އެއްގޮތެއްގައި ދެމިހުރުމުގެ އިތުރުން އުނގެނެން ވެސް ފަސޭހަވާނެ ކަން އޭނާ ފާހަގަކުރައްވަ އެވެ. އަދި، އެއްޗެއް އެނގުނީ ކިހާ ވަރަކަށްތޯ ބަލައިލަން އެހެން މީހަކަށް އެ އެއްޗެއް ކިޔައިދިނުން ވަރަށް ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
އުގެއިލް ނަސޭހަތްތެރިވެ ވަޑައިގަންނަވަނީ ދަރިވަރުން ވެސް އާދައިގެ ގޮތަކަށް ދިރިއުޅުން ބެހެއްޓުމަށާއި އަމިއްލަ ނަފްސަށް ވަފާތެރިވުމަށެވެ.
"ކިޔެވުމަކީ ބޮޑު ބުރައެއް ކަމަށް ދެކިގެން ނުވާނެ. ބަލަން ޖެހޭނީ އެއީ ވެސް އާއްމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި. މީގެ މާނައަކީ، ކިޔެވުމެކޭ އެއްވަރަށް މުހިއްމު އެހެން ކަންކަމަށް ވެސް އެކަށީގެންވާ ވަގުތު ހުސްކުރަން ޖެހޭނެއޭ،" އޭނާ ލިޔުއްވި އެވެ.
އެގޮތުން އުގެއިލް ފާހަގަކުރެއްވީ ފައިދާހުރި ކާނާ ކެއުމާއި ރަނގަޅަށް ނިދުމާއި ހަރަކާތްތެރިކޮށް އުޅުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވުން އަދި މީހާ އަށް އަރާމު ލިބޭ ފަދަ ކަންކަން ކުރުމެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރުމުގެ އިތުރުން ހިތްހަމަޖައްސާލަން ވެސް ޖެހޭނެ ކަމަށެވެ.
"އެކަމަކު އެންމެ މުހިއްމު ކަމަކީ ޕްލޭނާ އެއްގޮތަށް އަމަލުކުރުމުގައި ދެމިހުރުން. ބުރަކޮށް މަސައްކަތްކުރުން ރަނގަޅު. ގަވާއިދުން ބުރަކޮށް މަސައްކަތްކުރުން އަދި މާ ރަނގަޅު،" އުގެއިލް ލިޔުއްވި އެވެ.
ތައުލީމީ އާ އަހަރެއް މިއަދު ފެށުމާ ގުޅިގެން އުގެއިލް ލިޔުއްވި ފޭސްބުކް ޕޯސްޓް
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟
ދިރާސީ އަހަރަށް ގެނައި ބަދަލު ދާއިމީކުރާނެތޯ ބަލަނީ
އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފެށޭތޯ ބަލަނީ
ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!
ތައުލީމީ އާ އަހަރު، އާ އުއްމީދުތަކަކާ އެކު