Roadha Mihaaru
އަލީ ވަހީދުގެ ދައުވާތައް ކޯޓުން އަނބުރާ ފޮނުވާލައިފި

އަލީ ވަހީދަށް ކުރި ދައުވާތައް ކުރިއަކަށް ނުގެންދެވުނު، ކޯޓުން މައްސަލަ އަނބުރާ ފޮނުވާލައިފި

04 އޮކްޓޯބަރ 2022

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.

ދެ ހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ރާއްޖެ ވަޑައިގެން އަލީ ވަހީދަށް މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަން ލިބިވަޑައިގަތް ނަމަވެސް، އޭގެ ދެ އަހަރު ފަހުން އޭނާ މަގާމުން ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ އޭރު ފެންމަތިވި ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެންނެވެ. އެއީ އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވުުމުން އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ތަފާތު ހަތް ދައުވާއެއް އެ އޮފީހުން އުފުލި އެވެ. އެއީ ސާބިތުވެއްޖެ ނަމަ 21 އަހަރަށް އޭނާ ޖަލަށްލެވޭ ވަރުގެ ދައުވާތަކެކެވެ. އެހެންނަމަވެސް، އެ މައްސަލަ ކޯޓުގައި އޮއްވައި އޭނާ ފިއްލަވައިގެން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރެއްވި ފަހުން އެ މައްސަލައިގެ ޝަރީއަތް ކުރިއަކަށް ނުދެ އެވެ.

"މިހާރު"އަށް ކަށަވަރުވެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބޭރުކޮށްލައި އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އެއީ އޭނާގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައިގެންނެވެ.

އެނގިފައިވާ ގޮތުގައި، ގާޒީ ހަސަން ސައީދު ބައްލަވަމުން ގެންދެވި އެ މައްސަލަ އަނބުރާ ފޮނުވާލީ ކޯޓުގެ އަމިއްލަ އިހްތިޔާރުގަ އެވެ. ގިނަ ދުވަސް ވަންދެން ނުހިނގާ މައްސަލަތައް މީގެ ކުރިން ވެސް އަނބުރާ ފޮނުވާލާފައި އެބަހުއްޓެވެ.

އަލީ ވަހީދު ރާއްޖެއިން ފުރީ، އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮއްވައި އޭނާގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލައި ހަތަރު މަހަށް ޕާސްޕޯޓު ދޫޫކޮށްލަން ހަސަން ސައީދު ނިންމެވި ފަހުންނެވެ. އެ ފަހުން އޭނާ އެނބުރި ރާއްޖެ ވަޑައިނުގަންނަވަ އެވެ. ޕާސްޕޯޓު ދޫކޮށްލީ، އޭނާގެ ސިއްހީ ހާލަތަށް ރިއާއަތްކޮށެވެ. އަދި އޭނާ ހާޒިރުވާނެ ކަމުގެ ޔަގީންކަން ދިނުމަށް އެކުވެރިޔާ އަސްހަދު އަލީ ކޯޓުގައި ޖާމިނުވުމުންނެވެ.

އަލީ ވަހީދު ފިއްލެވި ފަހުން އޭނާ ޝަރީއަތްތަކަށް ޗިޓު ފޮނުވުމުން ބައެއް އަޑުއެހުންތަކަށް އޭނާ ހާޒިރެއް ނުވެ އެވެ. އަދި ފަހުން އެއްވެސް ގޮތަކަށް ޗިޓުތަކަށް އިޖާބައެއް ނުދެއްވަ އެވެ. އޭނާގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން ވެސް އަޑުއެހުމުގައި ބައިވެރިނުވުމުން އޭނާ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި ޣައިރުހާޒިރުގައި އެ ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ހުކުމް ކޮށްފަ އެވެ.

އޭނާ ކޯޓަށް ހާޒިރު ނުކުރެވުމުން، ކްރިމިނަލް ކޯޓުން ވަނީ ޖާމިނުވި އަސްހަދު އަލީއަށް ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން، އަލީ ހާޒިރު ކުރަން އެންގި އެންގުމާ ހިލާފުވުމުން އަސްހަދު ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައިގެން އޭނާ 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރި އެެވެ. އެގޮތަށް ހުކުމް ކުރީ، ޖާމިނު އެއްބަސްވުމާ ހިލާފުވުމުގެ އަދަބެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅައިދޭން ދައުލަތުން އެދިފައި އޮއްވަ އެވެ. އަސްހަދު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ވަކި ކުރީ ވެސް އެ ހުކުމާއެކު އެވެ.

އެފަހުން، އޭނާއަކީ ފިލައިގެން އުޅޭ މީހެއް ކަމަށް ބަލައި އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރަން ފުލުހުންނަށް ވެސް އެންގި އެވެ. އެ އަމުރާ ގުޅިގެން އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެހެންނަމަވެސް، އެ ރެޑްނޯޓިސް އިންޓަޕޯލްގެ ވެބްސައިޓުން ފެންނަން ނެތެވެ. ފުލުހުން ބުނާ ގޮތުގައި އެއީ އޭނާ އުޅޭ ގައުމު އެނގޭތީ އެވެ.

އަލީ ވަހީދާއި އޭނާގެ ވަކީލުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައަކީ ހަގީގަތެއް ނެތް ވާހަކަތަކެކެވެ. އަދި އެއީ ސިޔާސީ ގޮތުން އޭނާއަށް ގެއްލުން ދިނުމަށް ފްރޭމްކޮށްގެން ބާރުގަދަ ބަޔަކު ކުރި ކަމެއް ކަމަށް ބުނެފައިވެ އެވެ.

އަލީ ވަހީދުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އެނގޭ ގޮތުގައި އޭނާ މިވަގުތު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ. އެ ގައުމުގައި އޭނާ މިހާރު މަސައްކަތް ކުރައްވަނީ ފުޓުބޯޅަ ޓީމެއްގެ ކޯޗެއްގެ ގޮތުގަ އެވެ. އެއީ އިނގިރޭސި ވިލާތުގެ ލަންޑަންގެ ޑިސްޓްރިކްޓް ލީގުގެ ޓީމެއް ކަމަށްވާ، ސްޕޯޓިން ލަންޑަން އެފްސީގަ އެވެ. ކޯޗިންގެ މަސައްކަތަަކީ އެ ގައުމުގައި އޭނާ ކުރިން ވެސް ކުރެއްވި މަސައްކަތެކެވެ.