Roadha Mihaaru
އަލީ ވަހީދު ރާއްޖެއަށް ގެނެވޭނެތަ؟

އަލީ ވަހީދު ރާއްޖެއަށް ގެނެވޭނެތަ؟

21 ޖޫން 2021

ކުރީގެ ޓޫރިޒމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ސީރިއަސް ދައުވާތަކެއް އުފުލާފައި ވަނިކޮށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިން ކޯޓު އަމުރުގެ އިސްތިއުނާފު މަރުހަލާ ވެސް ކުރިއަށް ނުގެންދެވުނީ އޭނާ ކޯޓަށް ހާޒިރު ނުކުރެވި، ޣައިރު ހާޒިރުގައި މައްސަލަ ނުހިންގޭނެތީ އެވެ. އޭނާގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ އެތައް ބައެއްގެ ހައްގު ގެއްލުމުގެ ކަންބޮޑުވުން އޮތަސް އިތުރު ގޮތެއް ނެތުނީ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ޓޫރިޒމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ސީރިއަސް ދައުވާތަކެއް އުފުލާފައި ވަނިކޮށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިން ކޯޓު އަމުރުގެ އިސްތިއުނާފު މަރުހަލާ ވެސް ކުރިއަށް ނުގެންދެވުނީ އޭނާ ކޯޓަށް ހާޒިރު ނުކުރެވި، ޣައިރު ހާޒިރުގައި މައްސަލަ ނުހިންގޭނެތީ އެވެ. އޭނާގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ އެތައް ބައެއްގެ ހައްގު ގެއްލުމުގެ ކަންބޮޑުވުން އޮތަސް އިތުރު ގޮތެއް ނެތުނީ އެވެ.

އަލީ ފުރުވާލުމުގައި އޭނާ އަށް ޖާމިނުވި އެކުވެރިޔާ އައްސަދު އަލީ (އަޑުބަރޭ) އަށް އަދަބު ދޭން ދައުލަތުން އެދިފައި އޮއްވައި އަލީ ވަހީދުގެ ޚަބަރެއްވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އޭނާ ވަނީ ޝަރީއަތް އޮންލައިންކޮށް ބާއްވަން އެދިވަޑައިގެން ކޯޓަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ކޯޓުން ވަނީ މިއަދަށް ތާވަލު ކުރި މައްސަލައިގެ އަޑުއެހުން ޔޫކޭގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ބާއްވަން އިންތިޒާމު ހަމަޖައްސައިދީފަ އެވެ.

ކޯޓަށް ފޮނުވި ސިޓީތަކުން އެނގުނީ އަލީ ވަހީދު އުޅުއްވަނީ ޔޫކޭގައި ކަމެވެ. އަދި އޭނާގެ އެޑްރެހާއި ފޯނު ނަމްބަރު ވެސް ކޯޓަށް ވަނީ ލިބިފަ އެވެ. އެހެންވެ، މިއަދުގެ ސުވާލަކަށްވީ ދިވެހި ދައުލަތުގެ އިހުތިސާސް ހިނގާ ހައި ކޮމިޝަނަށް އަލީ ވަހީދު ވަޑައިގަތުމުން، އޭނާ ގާނޫނާ އެއްގޮތަށް ހައްޔަރުކޮށް، އަނބުރާ ރާއްޖެ ގެނެވޭނެތޯ އެވެ.

މިކަމާ ގުޅިގެން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، ރާއްޖެ އާއި ޔޫކޭއާ ދެމެދު ކުށްވެރިން ނުވަތަ ތުހުމަތު ކުރެވޭ މީހުން ބަދަލުކުރާ އެއްބަސްވުން ނުވަތަ އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމަކީ ވެސް އަލީ ވަހީދު ގެނެވޭނެ ގޮތެއް ނެތް އެއް ސަބަބު ކަމަށެވެ. އިނގިރޭސި ފުލުހުން މެދުވެރިކޮށް ވެސް އަލީ ހައްޔަރު ކުރެވޭނީ އެފަދަ އެއްބަސްވުމެއް އޮތް ނަމަ އެވެ. އިނގިރޭސިވިލާތުގައި ރާއްޖޭގެ ގާނޫނުތައް ނުހިނގާނެތީ އެ ގައުމަށް ދިވެހި ފުލުހުން ފޮނުވައިގެން ހައްޔެއް ނުކުރެވޭނެ އެވެ.

ޕީޖީ ހުސެއިން ޝަމީމް: އޭނާ ވިދާޅުވީ، އިހްތިސާސް ނެތުމުން އަލީ ވަހީދުގެ މައްޗަށް ގާނޫނު ތަންފީޒު ނުކުރެވޭނެ ކަމަށް -- މިހާރު ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޕީޖީ ހުސެއިން ޝަމީމް: އޭނާ ވިދާޅުވީ، އިހްތިސާސް ނެތުމުން އަލީ ވަހީދުގެ މައްޗަށް ގާނޫނު ތަންފީޒު ނުކުރެވޭނެ ކަމަށް -- މިހާރު ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޝަމީމް ވިދާޅުވީ، ހައި ކޮމިޝަނަކީ ރާއްޖޭގެ ގާނޫނުތައް ހިނގާ ތަނަކަށް ވިޔަސް، މައްސަލަ ދިމާވަނީ ގާނޫނު ތަންފީޒުކުރަން އުޅޭ ހިސާބުން ކަމަށެވެ. އޭނާ ފާހަގަކުރެއްވީ، ހައި ކޮމިޝަނުގައި ރާއްޖޭގެ ގާނޫނު ހިނގިޔަސް އެތަނުގައި އަލީ ހައްޔަރު ކުރެވޭނެ މީހަކު ނެތުމެވެ.

މިސާލަކަށް، ރާއްޖޭގެ ފުލުހުން ޔޫކޭއަށް ގޮސް އެމްބަސީ ތެރޭގައި ހުއްޓާ އަލީ ވަހީދު ހައްޔަރުކުރި ނަމަވެސް، ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ އެވެ. ޝަމީމް ފާހަގަ ކުރެއްވީ، ހައްޔަރުކުރުމުން ފުރިހަމަ ކުރަން ޖެހޭ ޖިނާއީ އިޖުރާއަތްތައް ބޭރުގައި ހުރެގެން ފުރިހަމަކުރެވެން ނެތުމެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޝަމީމް ވަނީ މި ވާހަކަ ދައްކަވައިފަ އެވެ. ކޯޓުގެ އިހްތިސާސް ނެތް ތަނެއްގައި އޮންލައިންކޮށް ޝަރީއަތް ހިންގާއިރު، ޝަރީއަތުގެ ހުރުމަތް ކެނޑިޔަސް ފިޔަވަޅު އެޅޭނެ ގޮތެއް ނޯންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ، އޭނާ ގަބޫލުކުރައްވަނީ ޝަރީއަތް ހިންގަން ވާނީ އަލީ ވަހީދުގެ މައްޗަށް ގާނޫނު ހިންގޭނެ ތަނެއްގައި ކަމަށެވެ.

"މިސާލަކަށް އޭނަ އިއުތިރާފުވީ އޯ. އިއުތިރާފު ވީމަ ކޯޓުން ޖެހޭނެ ހުކުމެއް ކުރަން. ހުކުމް ކުރީމަ ހުކުމް ތަންފީޒު ކުރެވޭނެ ގޮތެއް ނޯންނާނެ،" ޝަމީމް ވިދާޅުވި އެވެ.

"އެމްބަސީން ނުކުމެގެން ދިޔައިމަ އެކަމުގައި ނެތް އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް،"

ޝަމީމް ދެއްކެވި ވާހަކައަށް ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވެސް ތާއީދު ކުރެއްވި އެވެ. މުހުތާޒު ވިދާޅުވީ، ކޯޓުގެ އިހްތިސާސް ނުހިނގާ ތަނެއްގައި ޝަރީއަތް ހިންގުމުގެ މާނައެއް ނެތް ކަމަށެވެ.

ރެޑް ނޯޓިސް ނެރެގެން ވެސް ކޯޓު އަމުރެއް ނެރެގެން ވެސް ގެނެވޭނީ އެ މީހަކު ހުރި ގައުމަކާ އެެކު އެކްސްޓްރެޑިޝަން ގާނޫނުގެ ދަށުން ކުށްވެރިން ނުވަތަ ތުހުމަތު ކުރެވޭ މީހުން ބަދަލު ކުރެވޭނެ ބައިލެޓެރަލް އެއްބަސްވުމެއް އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލީ ވަހީދު ގެނެވޭނެ ހަމައެކަނި ގޮތަކީ އަލީ ވަހީދު އަމިއްލައަށް އައުން،" މުހުތާޒު ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ހަތް ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.