Roadha Mihaaru
ފިނި މޫސުމުގައި ޔޫރަޕަށް ލިބޭ ގެއްލުން ބޮޑުވެދާނެ

މިއަހަރުގެ ފިނި މޫސުމުގައި ޔޫރަޕަށް ލިބޭ ގެއްލުން ބޮޑުވެދާނެ

05 އޮކްޓޯބަރ 2022

މިއަހަރުގެ ފިނި މޫސުމަށް ޔޫރަޕްގެ ގައުމުތައް ތައްޔާރުވަމުން އަންނަ އިރު، އުފެދޭ އެންމެ ބޮޑު ސުވާލަކީ، ހޫނުކަން ހޯދުމަށް މިފަހަރު ހަދާނީ ކިހިނެއް ހެއްޔެވެ؟ ބައެއް ސަރަހައްދުތަކަށް ގަނޑުފެނާއި ސްނޯ ފައިބައި ސުން ދަރަޖައަށް ފިނިކަން ގަދަވެގެން ދާއިރު، އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވާނީ އަލިފާން އެންދުމާއި ހީޓަރުތައް ޖެއްސުމުގަ އެވެ.

މިއަހަރުގެ ފިނި މޫސުމަށް ޔޫރަޕްގެ ގައުމުތައް ތައްޔާރުވަމުން އަންނަ އިރު، އުފެދޭ އެންމެ ބޮޑު ސުވާލަކީ، ހޫނުކަން ހޯދުމަށް މިފަހަރު ހަދާނީ ކިހިނެއް ހެއްޔެވެ؟ ބައެއް ސަރަހައްދުތަކަށް ގަނޑުފެނާއި ސްނޯ ފައިބައި ސުން ދަރަޖައަށް ފިނިކަން ގަދަވެގެން ދާއިރު، އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވާނީ އަލިފާން އެންދުމާއި ހީޓަރުތައް ޖެއްސުމުގަ އެވެ.

ވިލާތުގެ ގިނަ ގައުމުތަކުގައި ގޭހުގެ އަގު މިހާރު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފަ އެވެ. އަދި ގޭސް ލިބުން ވެސް އެހާ ދައްޗެވެ. އެހެންކަމުން ފިނި މޫސުން ފެށިގެން އަންނަ އިރު، ފަސޭހަކަމާ އެކު ހަކަތައިގެ ބާވަތްތައް ލިބޭނެ ގޮތެއް ނެތް ނަމަ، ވަރަށް ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ހަކަތައިގެ ވަސީލަތްތައް ހޯދުމުގައި ވިލާތުގެ ގައުމުތަކަށް ދަތިތަކެއް ކުރިމަތިވެގެން އުޅެނީ، މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ. ވިލާތުގެ ގައުމުތަކަށް ބޭނުންވާ ގުދުރަތީ ގޭހާއި ޑީސަލާއި ޕެޓްރޯލްގެ ވަރަށް މަތީ މިންވަރެއް އެ ގައުމުތަކަށް ގަންނަނީ ރަޝިޔާ އިންނެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން، ވިލާތުގެ ގައުމުތައް ވަނީ، ރަޝިޔާގެ ތެލާއި ގޭސް ގަތުން ހުއްޓާލައިފަ އެވެ.

ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް ބޭނުންވާ ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް 40 ޕަސެންޓް އެ ގައުމުތަކަށް ފޮނުވަނީ، ރަޝިޔާގެ ހުޅަނގު ފަރާތު އައްސޭރި ސަރަހައްދުން ފެށިގެން ބޯލްޓިކް ކަނޑު އަޑިން ޖަރުމަން ވިލާތުގެ އިރުމަތީ އައްސޭރިއާ ހަމައަށް އަޅާފައި އޮންނަ ދެ ގޭސް ހޮޅިންނެވެ. ހަނގުރާމައާ ގުޅިގެން ވިލާތުގެ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން، ރަޝިޔާ އިން ވަނީ ވިލާތުގެ ގައުމުތަކަށް ގޭސް ފޮނުވުން ވަރަށް ބޮޑަށް މަދުކޮށްލައިފަ އެވެ.

ފިނި މޫސުން ބޯމަތިވަމުން އަންނަ އިރު، ގޭހާއި ތެލުގެ ބާވަތްތައް ލިބޭނެ ފަސޭހަ އެހެން ގޮތެއް މިހާތަނަށް ހަމަޖެހިފައި ނެތުމުން، އެ ގައުމުތަކުގެ ރައްޔިތުން މިހާރު ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. ފިނި މޫސުން ފެށުމާ އެކު، ހޫނުކަން ހޯދުމަށްޓަކައި އާންމު ގޮތެއްގައި ބޭނުންކުރަނީ، ގޭހުން ހޫނުކުރާ ޒާތުގެ ހީޓަރެވެ. މަދުން ނަމަވެސް ކަރަންޓު ހީޓަރު ވެސް ބޭނުންކުރެ އެވެ.