Roadha Mihaaru
ފުރަތަމަ ލަގްޒަރީ އެއާލައިނާއެކު 200 އެއްހާ ވަޒީފާ

ފުރަތަމަ ލަގްޒަރީ އެއާލައިނާއެކު 200 އެއްހާ ވަޒީފާ އުފެދޭނެ: ސީއީއޯ

05 އޮކްޓޯބަރ 2022

މަޝްހޫރު އަރަބެސްކްއާ އެކު ރާއްޖޭގެ ސިމްޑީ ކުންފުނިން ޗުއްޓީ ދަތުރުތަކަށް އަލަށް ތައާރަފުކުރާ ހާއްސަ ލަގްޒަރީ އެއާލައިނާއެކު، 200 އެއްހާ ވަޒީފާ އުފެދޭނެ ކަމަށް ބިއޯންޑް ސިމްޑީ އޮޕަރޭޝަންސްގެ ސީއީއޯ ޓީރޯ ޓަސްކިލާ އިއްޔެ ވިދާޅުވެއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މަޝްހޫރު އަރަބެސްކްއާ އެކު ރާއްޖޭގެ ސިމްޑީ ކުންފުނިން ޗުއްޓީ ދަތުރުތަކަށް އަލަށް ތައާރަފުކުރާ ހާއްސަ ލަގްޒަރީ އެއާލައިނާއެކު، 200 އެއްހާ ވަޒީފާ އުފެދޭނެ ކަމަށް ބިއޯންޑް ސިމްޑީ އޮޕަރޭޝަންސްގެ ސީއީއޯ ޓީރޯ ޓަސްކިލާ އިއްޔެ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ބިއޯންޑް އެއާލައިނުގެ ޓީމުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއެކު ބޭއްވި ބައްދަލުވުމުގައި ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އޭނާއާ ހަވާލާދީ، ބަޔާނުގައި ބުނީ އެ އެއާލައިނުގެ ދަތުރުތައް ފަށާނެ ތާރީހެއް އަދި ކަނޑަނޭޅި ނަމަވެސް މަސައްކަތް ކުރަނީ އަންނަ އަހަރުގެ ކުރީ ކޮޅު ދަތުރުތައް ފެށުމަށް ކަމަށެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވަނީ ބިއޯންޑް އެއާލައިންގެ ޓީމަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ރާއްޖެ އިން ތައާރަފުވެ، ފެށުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް ވިދާޅުވި ކަމަށް ބިއޯންޑް ސިމްޑީގެ ބަޔާނުގައި ބުންޏެވެ. އެ އެއާލައިނަކީ ރާއްޖޭގައި ތައާރަފު ކުރާ އެއާލައިނަކަށް ވުމުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ ގެނައުމުގެ މަގު ފަހިވާނެ ކަމަށް ވެސް ފަޔާޒާ ހަވާލާދީ، އެ ކުންފުނިން ބުނެ އެވެ.

ބިއޯންޑް ސިމްޑީގެ ސީއީއޯ ޓަސްކިލާ ވިދާޅުވީ، ރާއްޖެ އަކީ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލު ކަމަށާއި އެ އެއާލައިނުގެ ސަބަބުން ރާއްޖޭގައި އިތުރަށް ޓޫރިޒަމް ތަރައްގީވާނެ ކަމަށެވެ.

ދިގު ދަތުރުތަކަށް ހާއްސަކޮށް ތައާރަފުކުރާ އެ އެއާލައިނުން ޔޫރަޕާއި އޭޝިއާ އާއި އޮސްޓްރޭލިއާ އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކަކަށް ދަތުރު ކުރާނެ ކަމަށް ބިއޯންޑް އިން ބުނެ އެވެ. ޖުމްލަ 60 މަންޒިލަކަށް އެއާލައިނުން ދަތުރުކުރާނެ އެވެ.

ބިއޯންޑް އެއާލައިން ފެށުމަށް ސިމްޑީއާ އެކު މަސައްކަތްކުރާ އަރަބެސްކް އަކީ ޔޫއޭއީގެ ކުންފުންޏެކެވެ. އެއީ އޭވިއޭޝަން ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހުރި އިންވެސްޓުމެންޓް ކުންފުންޏެކެވެ.