Roadha Mihaaru
"ބިއޯންޑް" ލޯންޗްކޮށްފި، ދަތުރުތައް ނޮވެމްބަރު މަހު

ލަގްޒަރީ އެއާލައިން "ބިއޯންޑް" ލޯންޗްކޮށްފި، ދަތުރުތައް ނޮވެމްބަރުގައި

09 އޮކްޓޯބަރ 2023

ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކުރި ލަގްޒަރީ އެއާލައިން "ބިއޯންޑް" ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކުރި ލަގްޒަރީ އެއާލައިން "ބިއޯންޑް" ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

މި އެއާލައިންގެ ފުރަތަމަ މަތިންދާބޯޓު މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފަ އެވެ. މި މަތިންދާބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ވެސް ދީފަ އެވެ.

ބިއޯންޑްގެ މި މަތިންދާބޯޓަކީ 44 ސީޓުގެ ބިޒްނަސް ކްލާސް ސީޓް ހިމެނޭ ބޯޓެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ސުވިޓްޒަލޭންޑުގެ ޒޫރިކް އާއި ޖަރުމަނުގެ މިޔުނިކް އާއި ސައުދީގެ ރިޔާދުންނެވެ. ދެވަނަ އަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އިޓަލީގެ މިލާން އާއި ތައިލެންޑުގެ ބެންކޮކާއި ދުބާއީއަށެވެ. އެއަށް ފަހު ބެއިޖިން އަދި ޝެންހާއިގެ ދަތުރުތައް ފެށުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މި އެއާލައިންގެ ދަތުރުތައް ފަށާއިރު މެދުއިރުމަތީގެ ގައުމުތަކުގެ ދަތުރުތަކުގެ އަގުތައް ފެށެނީ 2،000 ޑޮލަރުންނެވެ. އަދި ޔޫރަޕުގެ ގައުމުތަކަށް އަގުތައް ފެށެނީ 3،800 ޔޫރޯ އަށެވެ.

ޓެރޯ ވިދާޅުވީ ދަތުރުތައް ފަށާއިރު ދިވެހިންނަށް ހާއްސަ އަގުތަކެއް އަދި ކަނޑަނާޅާ ކަމަށެވެ. އަދި ދަތުރުތައް ފެށުމަށް ފަހު ދިވެހި މާކެޓަށް އަމާޒުކޮށް ޕްރޮމޯޝަންތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސިމްޑީގެ މެނޭޖިން ޑިރެކްޓަރު މިޝާލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި މި އެއާލައިނުގައި މަސައްކަތްކުރުމަށް ގިނަ ދިވެހިންތަކަކަށް ވަނީ ވަޒީފާގެ ފުރުސަތު ދީފަ އެވެ. އަދި މަސައްކަތްކުރަމުން އަންނަނީ ކުންފުނީގެ 50 ޕަސެންޓަކީ ދިވެހި މުވައްޒަފުންނަށް ހެދުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު މި އެއާލައިންގެ ފުރަތަމަ މަތިންދާބޯޓު ރާއްޖެ ގެނެސްފައި ވާއިރު، ވަރަށް އަވަހަށް ދެވަނަ މަތިންދާބޯޓު ވެސް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެއާލައިނުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހު އެވެ. މި އެއާލައިނުން ހަފުތާއަކު ދެ ދަތުރު ކުރާނެ އެވެ.