Roadha Mihaaru
ބިއޯންޑްގެ ކެބިން ކްރޫންނަށް ވާން 4000 އެޕްލިކޭޝަން

ބިއޯންޑްގެ ކެބިން ކްރޫންނަށް ވާން 4،000 އެޕްލިކޭޝަން

27 އެޕްރީލް 2023

ދުނިޔޭގެ ފުރަތަމަ ލެޝާ ލަގްޒަރީ އެއާލައިން "ބިއޯންޑް" އިން ކެބިން ކްރޫއިން ނެގުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ހާހެއްހާ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދުނިޔޭގެ ފުރަތަމަ ލެޝާ ލަގްޒަރީ އެއާލައިން "ބިއޯންޑް" އިން ކެބިން ކްރޫއިން ނެގުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ހާހެއްހާ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެ އެއާލައިނުން ބުނި ގޮތުގައި ބުދަ ދުވަހު ކުރިއަށް ގެންދިޔަ "ބިއޯންޑް އޯޕަން ޑޭ" އިވެންޓަށް ވޯކިން އިންޓަވިއުއަށް 150 ބައިވެރިން ދިޔަ އެވެ. އޮންލައިން އެޕްލިކޭޝަންތަކާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަތަރު ހާހެއްހާ އެޕްލިކޭޝަން ލިބިފައިވާ ކަމަށް ބުންޏެވެ. އޭގެ ތެރެއިން ހޮވާލެވުނު ބައިވެރިންނަށް މިއަދު ވަނީ ފުރަތަމަ އެސެސްމަންޓް ސެޝަންކުރިއަށް ގެންގޮސްފަ އެވެ.

ކެބިން ކްރޫއަށް ހޮވޭ ކެނޑިޑޭޓުން ކަނޑައަޅާނީ އެސެސްމަންޓުތަކަށް ފަހު އެވެ.

ބިއޯންޑްގެ ފަރާތުން ސިމްޑީގެ މެނޭޖަރު، ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިން އިބްރާހިމް ހަމީޝް ވިދާޅުވި ގޮތުގައި ބިއޯންޑުން ހުޅުވާލި ފުރަތަމަ ފުރުސަތަށް ދިވެހިންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި ބައިވެރިންގެ ފަރާތުން ޕޮޒިޓިވް ފީޑްބެކްތަކެއް ލިބުނު ކަމަށާއި ބިއޯންޑްގައި މަސައްކަތްކުރުމަށް ކެނޑިޑޭޓުން ކެތްމަދުވެފައި ތިބި ކަމަށް ވެސް ވިދާޅުވި އެވެ.

ސިމްޑީގެ މެނޭޖަރު، ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިން އިބްރާހިމް ހަމީޝް "ބިއޯންޑް"އާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސިމްޑީގެ މެނޭޖަރު، ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިން އިބްރާހިމް ހަމީޝް "ބިއޯންޑް"އާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި އަހަރު ތެރޭ މި އެއާލައިން ލޯންޗްކުރަން. އެއީ ޖޫން، ޖުލައި ހިސާބު. އެ ޓާގެޓަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑު ބައެއް ކެބިން ކްރޫއިން ނެގުމަކީ." ހަމީޝް ވިދާޅުވި އެވެ.

ހަމީޝް ވިދާޅުވި ގޮތުގައި ކެބިން ކްރޫއިންނަށް ކުރިމަތިލި ބައިވެރިންގެ ތެރެއިން ފުރަތަމަ ފްލައިޓަށް ބޭނުންވާ ވަރަށް ކްރޫއިން ހޮވާނެ އެވެ. އެއަށް ފަހު، ފްލައިޓްތައް އިތުރުވާ މިންވަރަށް ބަލައި، ކެބިން ކްރޫއިން ހޮވާއިރު މި ފަހަރު އެޕްލިކޭޝަން ހުށަހެޅި ބައިވެރިންނަށް އިސްކަން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ފެށުމެއް. މި ފަދަ އިތުރު އޯޕަން ޑޭ އާއި އެސެސްމަންޓް ސެޝަންތައް ދުނިޔޭގެ އެކި ހިސާބުތަކުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން." ހަމީޝް ވިދާޅުވި އެވެ.

ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ ލަގްޒަރީ ތަޖުރިބާއިން ފަސިންޖަރުންނަށް ދިނުމަށް ތައާރަފްކުރާ އެއާލައިނަކަށް ބޭނުން ވަނީ އެންމެ ކޮލިޓީ ރަނގަޅު ހިދުމަތް ދެވޭނެ ކެބިން ކްރޫއިން ކަމަށެވެ.

"ލަގްޒަރީ އެކްސްޕީރިއަންސެއް ދޭން މި މަސައްކަތް ކުރަނީ. އެހެންވެ އަޅުގަނޑުމެން ކެބިން ކްރޫއިން ހޮވާނީ ވަރަށް ބަލާފައި، އެންމެ ރަނގަޅު ކެނޑިޑޭޓުން ހޮވާފައި. ވަރަށް ރަނގަޅު އެޕްލިކޭޝަންތަކެއް ލިބިފައި ހުރީ." އޭނާ ވިދާޅުވި އެވެ.

ބިއޯންޑް އެއާލައިންގެ ފްލައިޓްތަކަކީ އާއިލާތަކާއި ރައްޓެހިންނާއި ލޯބިވެރިންނާ އެކު ކުރާ ދިގު ދަތުރުގައި ޕްރައިވެޓް ޖެޓް އެކްސްޕީރިއަންސެއް ލިބޭނެ ފްލައިޓްތަކެކެވެ.

ޓަސްކިލާ ވިދާޅުވީ އެ އާލައިން ފަރުމާކުރުމުގައި ތިމާވެއްޓާއި ރައްޓެހި، ސަސްޓެއިނަބަލް ގޮތްތައް ހޯދައި އެއާ އެއްގޮތަށް ފްލައިޓުތައް ފަރުމާކޮށްފައިވާ ކަމަށެވެ. އަދި އެއީ ޖާގައިގެ ގޮތުން ތަނަވަސް، ފަސިންޖަރުންނަށް ޕްރައިވެސީ ލިބޭނެ ފްލައިޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ފްލައިޓުގައި ހިމެނޭނީ 68 ސީޓު. އެއީ ޕްރައިވެޓް ކެބިންތަކެއް އޭގައި ފަރުމާކޮށްފައި ހުރީމަ. މި އެއާލައިނަކީ ދަތުރުމަތީގެ ތަޖުރިބާ ވީހާވެސް ހިތްފަސޭހަ ކޮށްދިނުމަށް ތައާރަފް ކުރާ އެއާލައިނެއް. އަޅުގަނޑުމެން ވާނީ ދަތުރު މަތީ މުނިފޫހިފިލުވުމަށް ފިލްމާއި ވީޑިއޯ ބެލުމަށް އެޕަލް އައިޕެޑް ޕްރޯ ވެސް އިންސްޓޯލް ކޮށްފަ. މިއީ އައިޕެޑް ޕްރޯ އިންސްޓޯލް ކުރި ފުރަތަމަ އެއާލައިން." އޭނާ ވިދާޅުވި އެވެ.

ބިއޯންޑް އެއާލައިން ފެށުމަށް ސިމްޑީއާ އެކު މަސައްކަތްކުރާ އަރަބެސްކް އަކީ ޔޫއޭއީގެ ކުންފުންޏެކެވެ. އެއީ އޭވިއޭޝަން ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހުރި އިންވެސްޓުމެންޓް ކުންފުންޏެކެވެ.