Roadha Mihaaru
ޔާމީންގެ ފަރާތުން ދޮގުހެކި ދިންކަމުގެ ލިޔުންތަކެއް!

ޔާމީންގެ ދިފާއުން ދޮގު ހެކި ދިންކަން ސާބިތުކުރަން ދައުލަތުން ލިޔުންތަކެއް ހުށަހަޅައިފި

05 އޮކްޓޯބަރ 2022

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައެއް ދިފާއީ ހެކިންގެ ހެކިބަހާ މެދު ސުވާލު އުފައްދައި، ދޮގު ހެކި ދީފައިވާކަން ސާބިތުކޮށްދިނުމަށް ދައުލަތުން އާ ހެކިތަކެއް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައެއް ދިފާއީ ހެކިންގެ ހެކިބަހާ މެދު ސުވާލު އުފައްދައި، ދޮގު ހެކި ދީފައިވާކަން ސާބިތުކޮށްދިނުމަށް ދައުލަތުން އާ ހެކިތަކެއް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު ޔާމީނަށް ރިޝްވަތު ދެއްވިކަމުގެ ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ.

އެ މައްސަލާގައި ދައުލަތާއި ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމިފައި ވަނިކޮށް، ދައުލަތުން މިއަދު ކޯޓަށް ހުށަހެޅީ ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަހާ ބެހޭގޮތުން ހުށަހެޅި ހެކިތަކެކެވެ. އެއީ ދިފާއީ ހެކިންގެ ހެކިބަހުގެ ތެދު ދޮގު ކަށަވަރުކުރުމާ ގުޅޭ ހެކިތަކެއް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނި ގޮތުގައި ޔާމީންގެ ބައެއް ދިފާއީ ހެކިންގެ ހެކިބަހަކީ ދޮގެއްކަން ނުވަތަ ހެކިބަސް ނަފީކުރެވޭ ފަދަ ހެކިތަކެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ދިފާއީ ހެކިންގެ ތެރޭގައި ކުރީގެ ބައެއް ވަޒީރުން ވެސް ހިމެނެ އެވެ.

އާ ލިޔުންތަކާ ބެހޭ ތަފްސީލެއް މިއަދު ހާމަ ނުކުރި ނަމަވެސް، ދައުވާ ލިބޭ ޔޫސުފް ނައީމްގެ ވަކީލް ހަމްޒާ ލަތީފް ދެއްކެވި ވާހަކައިން އެނގޭ ގޮތުގައި ހުށަހެޅި ލިޔުންތަކުގެ ތެރޭގައި، ޔާމީން ވިދާޅުވެގެން އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާ ހަވާލުކުރެއްވި ކަމަށް ހެކިބަސް ދެއްވި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްގެ ވަޒީފާގެ ހާޒިރީ ރެކޯޑް ހިމެނެ އެވެ. ނަރީޝް ޔާމީނަށް އެކި ކަންކަމުގައި އެހީތެރިކަން ދެއްވި ކަމަށް ބުނާ މުއްދަތުގައި ނަރީޝް ހުންނެވީ ސިފައިންގެ ވަޒީފާގަ އެވެ.

ނަރީޝް ސިފައިންގެއިން ވަކިކުރީ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. ޖަމީލް މަގާމުން ވަކިކުރުމުން، އާ ނައިބު ރައީސަކަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ގެންނަން ހިންގި ކެމްޕޭނެއްގައި ނެގި ފޮޓޯއެއްގެ މައްސަލައިގަ އެވެ.

ދެން ހުށަހެޅި ލިޔުމަކީ އާ ރަށް ކުއްޔަށް ދިނުމާ ބެހޭ ގޮތުން، ރައީސް އޮފީހުގައި އޮތް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ބައްދަލުވުމެއްގައި ދެއްކި ކަމަށް ބުނާ ވާހަކަތަކެއްގެ ޔައުމިއްޔާ ސައްހަ ނޫން ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު އަދި އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އޭރުގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ހެކި ބަސް ދެއްވުމާ ގުޅޭ ލިޔުމެކެވެ. އެ ބޭފުޅުން ހެކިބަސް ދެއްވީ ޔައުމިއްޔާގައި ސޮއި ނެތް ކަމަށާއި އެ ބޭފުޅުން ސޮއި ނުކުރައްވާ އެއްވެސް ޔައުމިއްޔާއެއް ނޯންނާނެ ކަމަށް ވިދާޅުވެ އެވެ. އެކަމަކު އެ ބޭފުޅުން ސޮއިކުރައްވާފައިވާ ޔައުމިއްޔާގެ ލިޔުން ދައުލަތުން މިއަދު ހުށަހެޅިކަން ޝަރީއަތުގައި ދެއްކި ވާހަކައިން އެނގެ އެވެ.

އާ ލިޔުންތަކެއް ހުށަހެޅުމުން ޔާމީންގެ ވަކީލުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ދައުވާ ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔުންތަކެއް މި މަރުހަލާގައި ހުށަހެޅޭނެ އެއްވެސް ގޮތެއް ގާނޫނަކު ނޯންނާނެ ކަމަށާއި ދައުލަތުން އުޅެނީ "ކުރީގެ ޝަރީއަތްތަކުގައި ޖެހި ސަކަރާތް ޖަހަން" ކަމަށް ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން "ސަރަކާތް ޖަހަން އުޅޭ ކަމަށް" ވަކީލުން ވިދާޅުވުމުން އެގޮތަށް ނުބުނަން އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް އެންގެވި އެވެ.

ޔާމީންގެ މައްސަލާގެ މިއަދު ބޭއްވި އަޑުއެހުން

ޔާމީންގެ މައްސަލާގެ މިއަދު ބޭއްވި އަޑުއެހުން

ޔާމީންގެ ވަކީލުން ވިދާޅުވީ ދައުލަތުން ހެކި ހުށަހަޅަން ޖެހޭނީ ދައުވާ ފޯމާ އެކު ކަމަށާއި ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މި މަރުހަލާގައި ހުށަނޭޅޭނެ ކަމަށެވެ.

ރައްދުގައި ދައުލަތުން ބުނީ ފަހުން ހާމަވާ ހެކިތަކެއް ހުށަހެޅޭނެ ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ކަމަށެވެ. އަދި އެ ހެކިތައް ކުރިން ހުށަނޭޅީ ދިފާއީ ހެކިންގެ މައުލޫމާތު ދައުލަތުން ކޯޓަށް އެ މައްސަލަ ފޮނުވިއިރު ނޭނގޭތީ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ ކުރިން އެ ލިޔުންތައް ހޯދަން ދައުލަތަށް ނުވެސް އެނގޭނެ ކަމަށް ތަކުރާރުކޮށް ބުންޏެވެ.

ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ އެ ހެކިތަކުގެ ތެރޭގައި ހިމެނެނީ ވަޒީފާ އަދާކުރި ތަނުގެ ހާޒިރީ ޝީޓާއި އޭގެ ތެރޭގައި 2015 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު ޔައުމިއްޔާ ލިޔުންތަކެއް ހިމެނޭ ކަމަށެވެ. އަދި އެ ލިޔުންތައް ހޯދުމުގެ ފުރުސަތު ކުރިން ވެސް އޮތް ކަމަށާއި އެހެންވެ އެއީ އާ ހެއްކެއް ކަމަށް ނުބުނެވޭނެ ކަމަށެވެ.

އޭގެ ތަފްސީލަށް ދާން ދައުލަތުން އުޅުމުން ގާޒީ އެކަން ހުއްޓުވުމަށް ފަހު ވިދާޅުވީ މި މަރުހަލާގައި ދެއްކޭނީ އެ ލިޔުންތައް ބަލައިގަތުމާ ގުޅޭ ވާހަކަ އެކަނި ކަމަށެވެ.

އިސްގާޒީ ޝަކީލް ވިދާޅުވީ އެ ލިޔުންތަކާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެ ކަމަށެވެ.

ޔާމީންގެ ވަކީލުން މިއަދު އެދިވަޑައިގަތީ ހެކިންގެ ބަޔާންތައް ލިބެންދެން ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ ފަސްކުރުމަށެވެ. އަދި އެގޮތަށް އެދެނީ ޝަރީއަތް ފަސްކުރަން ނޫން ކަމަށާއި އެކަމަކު ދިފާއުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

"މި ވާހަކަ މި ދައްކަނީ ޝަރީއަތް މެދުކަނޑާލާކަށް، ޝަރީއަތް ފަސްކުރާކަށް ނޫން." ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މިއަދު ކޯޓަށް އައުމުން ލިޔުންތަކެއް ދައުލަތުން ހަވާލުކުރި ކަމަށާއި އެއީ ކޯއްޗެއްކަން ނޭނގެނީސް ވާހަކަ ނުދެއްކޭނެ ކަމަށެވެ.

ޔޫސުފް ނައީމްގެ ވަކީލުން ވެސް އެކަން ފާހަގަކުރި އެވެ. ދިފާއުން ބުނީ 13 ހެކިންގެ ހެކިބަހާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ހެކިންގެ ބަޔާންތަކެއް ނުވަތަ އޭގެ ރެކޯޑިން ލިބިފައި ނެތް ކަމަށެވެ. އަދި އެ ޝަރީއަތް ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރިޔަސް، ޔޫޓިއުބަކީ ރަސްމީ އެއްޗެއް ނޫން ކަމަށް ވަކީލުން ވިދާޅުވި އެވެ.

ގާޒީ ޝަކީލް ވިދާޅުވީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުން އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދާނީ ގާނޫނުގައި ބަޔާންކުރާ ހައްގުތައް ދީގެން ކަމަށް ގާޒީ ވިދާޅުވި އެވެ.