Roadha Mihaaru
އާ ދައުވާތަކާ ގުޅިގެން ޔާމީނަށް އިތުރު ފުރުސަތެއް

އާ ދައުވާތަކާ ގުޅިގެން މައްސަލަ އަށް ތައްޔާރުވާން ޔާމީނަށް އިތުރު ފުރުސަތެެއް

26 ނޮވެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަލަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއާ ގުޅިގެން މައްސަލަ އަށް ތަައްޔާރުވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަލަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއާ ގުޅިގެން މައްސަލަ އަށް ތަައްޔާރުވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެ މައްސަލައާ ގުޅިގެން ޖަލުގައި ވަކީލުންނާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަނުޖެހޭތީ އެކަމަށް ކޯޓުން ކުރިން އޮތީ ފުރުސަތު ދީފަ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ، ޖަލުގައި ވަކީލުންނާ ބައްދަލު ކުރެއްވުނަސް، މައްސަލައާ ގުޅިގެން އެކަށީގެންވާ މަސައްކަތްތައް ކުރައްވަން ވަގުތާއި ވަސީލަތްތައް ލިބިވަޑައިނުގަންނަވާ ކަމަށެވެ. ދައުލަތުން ހުށަހަޅާފައިވާ އޯޑިއޯ ކްލިޕްތައް ޖަލުގައި އަޑު އެހޭނެ އިންތިޒާމު ހަމަނުޖެހޭ ކަމަށާއި އޮންލައިންކޮށް އަޑުއެހުން ކުރިއަށް ދާއިރު އެ މަނިކުފާނު ހުންނެވިޔަސް، ވަކީލުން އެހެން މަޖިލީހެއްގައި ތިބެން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ވެސް ޔާމީން ފާޅުކުރެއްވި އެވެ.

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވިގޮތުގައި، އޯޑިއޯތައް ޖަލުގައި އަޑުއަހަން މަސައްކަތް ކުރުމުން ކަރެކްޝަންސް އިން ފޯރުކޮށް ދިން ލެޕްޓޮޕުން އިތުރު ފައިލްތަކެއް ކްރިއޭޓްވެ، އޯޑިއޯތައް އަޑުއެހޭނެ ގޮތެއް ނުވި އެވެ. ލެޕްޓޮޕަށް އެ މައްސަލަ ދިމާވުމުން ޔާމީނާއި ވަކީލުންނާ ޖަލުގައި ކުރައްވާ މަޝްވަރާތައް އަޑުއެހުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެ ލެޕްޓޮޕް ބަގް ކޮށްފައިވާ ކަމަށް ޝައްކު ކުރެއްވޭ ކަމަށެވެ. ބައެއް ލިޔުންތައް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ވަކީލުންގެ ލެޕްޓޮޕް ފަދަ ތަކެތި ކޯޓަށް ގެނެސްގެން އޯޑިއޯތައް އަޑުއެހޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

އެކަމަކު، ޔާމީނާއި ވަކީލުން އެދިވަޑައިގަތީ ޖަލުގައި އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށެވެ. އެގޮތުން ވަކީލުންގެ އަމިއްލަ ލެޕްޓޮޕް ޖަލަށް ގެންގޮސްގެން އޯޑިއޯތައް އަޑުއެހޭނެ ގޮތް ހަމަޖައްސަން ކަރެކްޝަނަލް ސާވިސް އަށް އަންގަން ވަކީލުން އެދިވަޑައިިގަތެވެ.

ދައުލަތުން ބުނީ އޯޑިއޯތައް އަޑުނޭހޭ މައްސަލަ ދައުލަތުގެ ސަމާލު ކަމަށް ކުރިން ގެނެސްފައިނުވާ ކަމަށާއި ކުރިން އެކަން އެންގި ނަމަ، އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ގާޒީ ޝަކީލް ވިދާޅުވީ އެ ފުރުސަތު ދެއްވުމަށް ފަހު، އަންނަ މަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އެ މަނިކުފާނުގެ ފަރާތުން އިސްތިއުނާފު ކޮށްފައި ވާއިރު، އެ މައްސަލަ ހައި ކޯޓުގައި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.