Roadha Mihaaru
ދެ އެކުވެރިންގެ މާރާމާރީގައި އެކެއްގެ ފައި ވާގިނެތިއްޖެ

ދެ އެކުވެރިންގެ މާރާމާރީގައި އެކެއްގެ ފައިގެ ވާގިނެތިއްޖެ

06 އޮކްޓޯބަރ 2022

ނ. ވެލިދޫގައި ދެ އެކުވެރިއެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކާ ހެދި އެކެއްގެ ފައި ޕެރެލައިޒްވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނ. ވެލިދޫގައި ދެ އެކުވެރިއެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކާ ހެދި އެކެއްގެ ފައި ޕެރެލައިޒްވެއްޖެ އެވެ.

އެ ރަށު ކައުންސިލުގެ ރައީސް އާތިފު ހުސެއިން މިއަދު "މިހާރު" އަށް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ހިންގި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި މީހަކު މާލެ ގެނެސް، އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.

އެ އަނިޔާގެ ސަބަބުން އެ މީހާގެ އެއް ފައި ޕެރެލައިޒްވެ، ނުހިނގޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މާރާމާރި ހިންގީ ދެ އެކުވެރިންގެ މެދުގަ އެވެ. ނަމަވެސް، އެ މާރާމާރި ހިންގަން މެދުވެރި ސަބަބެއް ސާފުވާ ގޮތެެއް ނުވި އެވެ.

ފުލުހުން ބުނީ ވެލިދޫގައި ހިނގި މާރާމާރިއެއްގައި 19 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

"މާރާމާރީއާ ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ ހައްޔަރުކޮށްފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.