Roadha Mihaaru
ނުރުހުމުގައި ކުއްޖަކު އަތުލުން: މޮޅުވީ މަަންމަ

ދެ އަހަރުގެ ކުއްޖަކު އަތުލި މައްސަލަ: ހައި ކޯޓުން މަންމަ އަށް ކާމިޔާބު

06 އޮކްޓޯބަރ 2022

މަންމަގެ ނުރުހުމުގައި ބައްޕަ ގެންދިޔަ ދެ އަހަރުގެ ދަރިފުޅު މަންމައާ އަނބުރާ ހަވާލުކުރަން ނެރުނު އަމުރެއް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މަންމަގެ ނުރުހުމުގައި ބައްޕަ ގެންދިޔަ ދެ އަހަރުގެ ދަރިފުޅު މަންމައާ އަނބުރާ ހަވާލުކުރަން ނެރުނު އަމުރެއް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ފިރިހެން މީހާގެ ރަށުގައި ކައިވެނި ކޮށްގެން އުޅުމަށް ފަހު، އަންހެނަކު އެ ދެ މީހުންގެ ދެ އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން މިދިޔަ ޖޫން މަހު އޭނާގެ ރަށަށް ދިޔައީ ޗުއްޓީއަކަށް ކަމަށް ވިޔަސް، ފަހުން ފިރިމީހާގެ ރަށަށް ދާން ދެކޮޅު ހެދި އެވެ.

އެހެންވެ، އަންހެން މީހާގެ ރަށަށް ފިރިހެން މީހާ ގޮސް، ނުރުހުމުގައި ކުއްޖާ ގެންދިޔައީ އެވެ. މިއީ އާއިލީ މައްސަލައަކަށް ވާތީ އެ ހާދިސާ ހިނގި ރަށާއި އެ ދެ މީހުންނާއި ކުއްޖާއާ ބެހޭ އެ ނޫން ވެސް މައުލޫމާތުތައް ކޯޓުން ވަނީ ސިއްރުކޮށްފަ އެވެ.

އަންހެން މީހާގެ ފަރާތުން ބުނާގޮތުން ފިރިމީހާއާ ދުރަށް ދާން ޖެހުނީ ގެވެށި އަނިޔާގެ ސަބަބުންނެވެ. ދަރިފުޅު ހޯދުމުގެ ވަގުތީ އަމުރަކަށް އެދި އޭނާ މައްސަލަ ހުށަހެޅުމުން ދަށު ކޯޓުން މިދިޔަ އޮގަސްޓް މަހު އެންގީ ތިން ދުވަސް ތެރޭގައި ކުއްޖާ މަންމައާ ހަވާލުކުރުމަށެވެ.

އެކަން ނުކޮށްފި ނަމަ ފުލުހުން އެ އަމުރު ތަންފީޒުކުރަން އެންގި އެވެ.

އެކަމަކު ފިރިހެން މީހާ ބުނާގޮތުން ގެވެށި އަނިޔާ ކުރިކަމަށް ބުނާ ވާހަކައިގައި އޭނާގެ ބަހެއް ކޯޓުން ނުހޯދަ އެވެ. އަންހެން މީހާ އުޅޭ މާހައުލަކީ އެ ކުއްޖާ އަށް ރައްކާތެރި ތަނެއް ނޫން ކަމަށާއި ކުއްޖާއާ މެދު އަންހެން މީހާ އިހުމާލުވާ ކަމަށް ފިރިހެން މީހާ ބުނެ އެވެ.

އެ މައްސަލަ ފިރިހެން މީހާ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ނިންމީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ މައްސަލަ ނިމެންދެން ކުއްޖާ މަންމަ ކައިރީގައި ބެހެއްޓުމަށް އަމުރު ނެރުނު ސަބަބުތައް ދަށު ކޯޓުން ބަޔާންކޮށްދީފައިވާއިރު، ކުއްޖާގެ މަސްލަހަތާ ގުޅޭ ގިނަ ކަންކަމަށް ދަށު ކޯޓުން ރިއާޔަތް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއަށް ހައި ކޯޓުން ވަދެ، ބަސް ބުނަންޖެހޭ ފަދަ އިސްތިސްނާ ހާލަތެއް ނެތް ކަމަށާއި އެހެންވެ، ދަށު ކޯޓުގެ އަމުރަށް ތާއީދުކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ހުސައިން މަޒީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަރުހީޒާ އެވެ.