Roadha Mihaaru

ފެމެލީ ކޯޓުން އެދެނީ ބައްޕައިންގެ އާމްދަނީއަށް ބަލައިގެން ދަރިންގެ ހަރަދު ކަނޑައެޅުން ގާޒީއަށް ދޫކޮށްލަން

ދަރިންގެ ހަރަދަށް ގަވާއިދެއްގައި ވަކި އަދަދެއް ކަނޑައެޅުމުގެ ބަދަލުގައި ބައްޕައިންގެ އާމްދަނީ އާއި ހާލަތަށް ބަލައިގެން ހަރަދު ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ލިބޭގޮތަށް ގަވާއިދު ބަދަލުކުރަން ތާއީދުކުރާ ކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފި އެވެ.

ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
ނާޒިމް ހަސަން
ނާޒިމް ހަސަން

19 ފެބުރުއަރީ 2025

ދަރިންގެ ހަރަދަށް ގަވާއިދެއްގައި ވަކި އަދަދެއް ކަނޑައެޅުމުގެ ބަދަލުގައި ބައްޕައިންގެ އާމްދަނީ އާއި ހާލަތަށް ބަލައިގެން ހަރަދު ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ލިބޭގޮތަށް ގަވާއިދު ބަދަލުކުރަން ތާއީދުކުރާ ކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފި އެވެ.

ދަރިންގެ ހަރަދަށް މިހާރު ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދު ކުޑަކަމަށް ބަޔާންކޮށް، އެކަމާ މެދު މަޝްވަރާ ކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވައިފަ އެވެ.

މިހާރު ގަވާއިދު އޮންނަ ގޮތުން އެއް ކުއްޖަކު ހުރިނަމަ 2،000ރ. އަދި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ ކޮންމެ ކުއްޖަކަށް 1،000ރ. އަށް ވުރެ މަދު ނޫން އަދަދެއް ދަރިންގެ ހަރަދުގެ ގޮތުގައި މަހަކު ދޭންޖެހެ އެވެ.

ނަމަވެސް، ތަކެތީގެ އަގު އިންތިހާ އަށް އުފުލިފައިވާއިރު މަހެއްގެ މައްޗަށް 2،000ރ. އަކީ ދަރިންގެ ހުރިހާ ހަރަދެއް ފުއްދޭ ވަރަށް ވުރެ މާ ކުޑަ އަދަދެއް ކަމަށް ކުޑޫގެ ސިޓީގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެ މައްސަލަ ދިރާސާ ކުރަމުން ގެންދާ މަޖިލީހުގެ ގަވާއިދު ކޮމެޓީގެ ގިނަ މެމްބަރުން ވަނީ ދެމަފިރިން ވަރިވުމަށް ފަހު ދަރިންނަށް ދޭންޖެހޭ ހަރަދު އިތުރުކުރަން ތާއިދު ކުރައްވައިފަ އެވެ. އަދި މިއަދު ކޮމިޓީގެ މެންބަރުން ވަނީ ކަމާބެހޭ ބައެއް އިދާރާތަކާ ބައްދަލުކޮށްފަ އެވެ.

މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ ދަރިންގެ ހަރަދުގެ ގޮތުގައި ވަކި މިންވަރެއް ގަވާއިދުގައި ކަނޑައަޅާފައި އޮތްއިރު، އިތުރު ހަރަދުގެ ގޮތުގައި އެހެން ހަރަދުތައް ވެސް ނަގައިދެވޭ ކަމަށެވެ. އެގޮތުން ކެއުމާއި އަންނައުނު އަދި ބޭސްފަރުވާއަށް ވަކިން ދައުވާކޮށްގެން ހަރަދު ނަގައިދެވޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން މިހާރު ވެސް ވަރަށް ބޮޑު އަދަދެއް ހަރަދުގެ ގޮތުގައި ނަގައިދެވޭ ކަން ފާހަގަ ކުރައްވައިމ އަހުމަދު ވިދާޅުވީ ފެމެލީ ކޯޓުން އެއް ކުއްޖެއްގެ ހަރަދަށް 16،000ރ. މަހަކު ދައްކަން ޖެހޭ ގޮތަށް ވެސް ބައްޕައެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ޝަކުވާއަކަށް ވެފައި އޮންނަނީ އިތުރު ހަރަދުތައް ހޯދަން ވަކިން ދައުވާ ކުރަން ޖެހޭތީ ކަން ވެސް އޭނާ ވިދާޅުވި އެވެ.

ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު ދެކެވަޑައިގަންނަވާ ގޮތުގައި ގަވާއިދުގައި ދަރިންގެ ހަރަދުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އަދަދު ވެސް ކުޑައެއް ނޫނެވެ. އަދި އެ އަދަދު ބޮޑުކޮށްފި ނަމަ، އެއީ އެންމެ އިންސާފުވެރި ގޮތަކަށް ނުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް މީހުން ދަރިންގެ ހަރަދު ދޭން ޖެހި އާމްދަނީން ދެކޮޅު ނުޖެހޭ ހާލަތްތައް ވެސް އަންނަ ކަމަށެވެ. އަދި ފަހުން ކުރާ ކައިވެންޏަށް ލިބޭ ދަރިއަށް ހަރަދު ނުކުރެވި، ކައިވެނި ރޫޅޭ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ އަހުމަދު މައުސޫމް ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ބައްޕައިންގެ އާމްދަނީ އާއި ގާބިލް ކަމަށް ބަލައިގެން ހަރަދު ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ދިނުމެވެ. އޭރުން އެ ކުއްޖެއްގެ ހާލަތާއި އެ ކުއްޖެއް އުޅޭ ދިރިއުޅުމުގެ ފެންވަރަށް ބަލައިގެން އިންސާފުވެރިކަމާ އެކު ގާޒީންނަށް ހަރަދު ކަނޑައެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި މިހާރު ގަވާއިދުގައި އޮތް އަދަދު 4،000ރ. ބޮޑުކުރަން ގަވާއިދުގައި ހިމެނުމަކީ އެންމެ އިންސާފު ގޮތް ކަމަށް ނުވެދާނެ ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.