Roadha Mihaaru
ހަރަދު ނުދޭތީ ގިނަ މީހުން ބަންދުކުރީ މިދިޔަ އަހަރު

ދަރިންގެ ހަރަދު ނުދޭތީ އެންމެ ގިނަ މީހުން ބަންދުކުރީ މިދިޔަ އަހަރު

13 ޖުލައި 2023

ދަރިންގެ ހަރަދު ނުދޭތީ އެންމެ ގިނައިން މީހުން ބަންދުކުރަން ހުކުމްކުރީ މިދިޔަ އަހަރު ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދަރިންގެ ހަރަދު ނުދޭތީ އެންމެ ގިނައިން މީހުން ބަންދުކުރަން ހުކުމްކުރީ މިދިޔަ އަހަރު ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ދަރިންގެ ހަރަދު ނުދޭތީ މިދިޔަ އަހަރު 16 މީހަކު ގޭ ބަންދުކުރަން ހުކުމް ކުރިއިރު އެކަކު ޖަލަށްލާން ވެސް ހުކުމްކުރި އެވެ. އަދި 2021 ވަނަ އަހަރު 10 މީހަކު ގޭ ބަންދު ކުރަން އަދި ދެ މީހަކު ޖަލަށްލާން ހުކުމް ކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދަރިންގެ ހަރަދު ނުދީގެން އެކަކު ޖަލަށް ލުމަށް އަދި ދެ މީހަކު ގޭ ބަންދުކުރަން ހުކުމް ކޮށްފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ބައްޕަގެ މުސާރައިން ދަރިންގެ ހަރަދު އުނިކުރުމަށް ފަހު ކޯޓަށް ޖަމާކުރަން މިދިޔަ އަހަރު 19 މައްސަލައެއްގައި ހުކުމްކުރި އެވެ. އަދި މިއަހަރުގެ މިހާތަނަށް އެގޮތަށް ތިން މައްސަލައެއްގައި ހުކުމް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ދަރިންގެ ހަރަދު ހުކުމާ އެއްގޮތަށް ނުދޭނަމަ، ޖަލަށްލުމާއި ގޭ ބަންދު ކުރުމުގެ އިތުރުން އެކައުންޓުން ފައިސާ އުނިކުރުން ފަދަ ފިޔަވަޅުތައް އެޅެ އެވެ. ނަމަވެސް އެތައް އަހަރެއް ވަންދެން ދަރިންގެ ހަރަދުގެ ގޮތުގައި ބޮޑެތި އަދަދުތައް ނުދީ ހުންނަ މައްސަލަތައް އަދިވެސް ފެންމަތިވެ އެވެ.