Roadha Mihaaru
މެސީ ނުލައި ޕީއެސްޖީ އެއްވަރު، ރާމޯސް އަށް ރަތެއް

މެސީ ނުލައި ކުޅުނު މެޗުގައި ޕީއެސްޖީ އެއްވަރު، ރާމޯސް އަށް ރަތް ކާޑެއް

09 އޮކްޓޯބަރ 2022

ރެއިމްސް (އޮކްޓޫބަރު 9) - އަނިޔާގެ ސަބަބުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ނުހިމަނައި ޕީއެސްޖީ އިން ފްރާންސް ލީގުގައި ރަށުން ބޭރުގައި ރެއިމްސް އާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރު ވި އިރު، އެ މެޗުގައި ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ރަތް ކާޑު ދައްކައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރެއިމްސް (އޮކްޓޫބަރު 9) - އަނިޔާގެ ސަބަބުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ނުހިމަނައި ޕީއެސްޖީ އިން ފްރާންސް ލީގުގައި ރަށުން ބޭރުގައި ރެއިމްސް އާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރު ވި އިރު، އެ މެޗުގައި ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ރަތް ކާޑު ދައްކައިފި އެވެ.

މިއީ މި ސީޒަނުގައި ޕީއެސްޖީ އިން ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ. އަދި މެސީ ނުލައި މި ސީޒަނުގައި ޕީއެސްޖީ އިން ކުޅުނު ފުރަތަމަ މެޗު ވެސް މެ އެވެ.

ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޑިފެންޑަރު ރާމޯސް ރެފްރީއާ ދެބަސްވެގެން ރީނދޫ ކާޑެއް ދެއްކި އެވެ. އެވަރުން ވެސް ނުހުއްޓައިގެން ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައި އޭނާ ދަނޑުން ފޮނުވާލައިފަ އެވެ.

މިއީ ރާމޯސް އަށް އޭނާގެ ކެރިއަރުގައި ދެއްކި 28 ވަނަ ރަތް ކާޑެވެ. އަދި ޕީއެސްޖީ އަށް ބަދަލުވި ފަހުން އޭނާ އަށް ދެއްކި ދެ ވަނަ ރަތް ކާޑެވެ. ޕީއެސްޖީ ގައި އެންމެ ފުރަތަމަ ރަތް ކާޑު ދެއްކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލޯރިއެންޓް އާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގަ އެވެ.

ރާމޯސް އަށް ފުރަތަމަ 26 ރަތް ކާޑު ދެއްކީ ރެއާލް މެޑްރިޑަށް ކުޅެނިކޮށެވެ. އޭނާ އަކީ 20 ރަތް ކާޑާ އެކު ސްޕެނިޝް ލަ ލީގާ ގައި ވެސް އެންމެ ގިނަ ރަތް ކާޑު ހޯދި ކުޅުންތެރިޔާ އެވެ. ސްޕެނިޝް ސުޕަ ކަޕް ގައި އެއް ރަތް ކާޑު ހޯދި އިރު، ޗެމްޕިއަންސް ލީގުގައި އޭނާ އަށް ވަނީ ފަސް ރަތް ކާޑު ދައްކައިފަ އެވެ.

އެކަކު މަދުކޮށް ޕީއެސްޖީ ކުޅެމުން ދިޔަ ވަގުތު ރެއިމްސް އިން ރަނގަޅު ފުރުސަތު ހޯދި ނަމަވެސް މާ ނުރައްކާ ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. ފަހު ހާފުގައި ޕީއެސްޖީ އިން ލީޑު ނަގަން ނޭމާ އަށް ހުސް ފުރުސަތެއް ލިބި ނާކާމިޔާބު ވިއިރު، ލަނޑެއް ނުޖެހުމުގެ ޕްރެޝަރުގައި ތިބި ނޭމާ އާއި ކިލިއަން އެމްބާޕޭ މެޗުގެ އިތުރު ވަގުތުގައި ކުރި ފައުލް ތަކަށް ވަނީ ރީނދޫ ކާޑު ދެއްކި އެވެ.

ލީގުގައި ޕީއެސްޖީ އާ އެންމެ ގާތުން ވާދަކުރާ މާސޭ ވަނީ ރޭ ފުރަތަމަ ފަހަރަށް މި ސީޒަނުގައި ބަލިވެފަ އެވެ. ރަށުން ބޭރުގައި އަޖަކްސިއޯ އާ ވާދަކޮށް މާސޭ ބަލިވީ 2-1 އިންނެވެ.

މެޗުގެ 15 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޑިމިޓްރީ ޕަޔެޓް ވަނީ މާސޭ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އޭގެ 10 މިނިޓް ފަހުން އަޖެކްސިއޯ އަށް އެއްވަރު ކޮށްދިނީ ކޮންގޯގެ ފޯވާޑް ބެވިޗް މޫސިޓީ-އޮކޯ އެވެ. އަދި ފަހު ހާފު ފެށިގެން ދެވަނަ މިނިތުގައި އަޖެކްސިއޯ އަށް ލީޑު ލިބުނީ މާސޭގެ އާޖެންޓީނާ ޑިފެންޑަރު ލިއެނާޑޯ ބެލާޑީ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ 10 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. މާސޭ އަށް 10 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ.