Roadha Mihaaru
އެމްބާޕޭގެ އުފަންދުވަހު ކޮއްކޮ ދަނޑަށް!

އެމްބާޕޭގެ އުފަންދުވަހު ކޮއްކޮ ދަނޑަށް!

21 ޑިސެމްބަރ 2023

ޕެރިސް (ޑިސެމްބަރު 21) - ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭގެ 16 އަހަރުގެ ކޮއްކޮ، އީތަން އެމްބާޕޭ ފުރަތަމަ ފަހަރަށް ސީނިއާ ޓީމަށް ކުޅެފި އެވެ.

ޕެރިސް (ޑިސެމްބަރު 21) - ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭގެ 16 އަހަރުގެ ކޮއްކޮ، އީތަން އެމްބާޕޭ ފުރަތަމަ ފަހަރަށް ސީނިއާ ޓީމަށް ކުޅެފި އެވެ.

އީތަން ކުޅެން އެރީ، ރޭ އަމިއްލަ ދަނޑުގައި 3-1 އިން މެޓްޒް ބަލިކުރި މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ.

ޕީއެސްޖީގެ ކެޕްޓަން ކިލިއަން އެމްބާޕޭ އަށް 25 އަހަރު ފުރުނު އުފަން ދުވަހުގައި، ރޭ ކުޅުނު މެޗުގައި އޭނާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދެވަނަ ހާފުގައި ވިޓީނިއާ ޕީއެސްޖީއަށް ލީޑު ނަގައިދިން އިރު ފަހު ދެ ގޯލު ޖެހީ އޭނާ އެވެ. މެޓްޒްގެ ހަމައެކަނި ގޯލު ޖަހައިދިނީ މެތިއު އުޑޯލް އެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީ، ފްރާންސް ލީގުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ނީސް އަށްވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ޕީއެސްޖީން ވަނީ މިހާތަނަށް ކުޅުނު 17 މެޗުން 40 ޕޮއިންޓް ހޯދައިފަ އެވެ.

ރޭގެ މެޗަށް ފަހު ކިލިއަން އާއި އީތަން އެމްބާޕޭ.--

ރޭގެ މެޗަށް ފަހު ކިލިއަން އާއި އީތަން އެމްބާޕޭ.--

ކޯޗު ލުއިސް އެންރީކޭ، އިތުރު ވަގުތުގައި އީތަން އެމްބާޕޭ ކުޅެން ނެރުމުން އެޓީމު މެޗު ނިންމާލިއިރު ދަނޑުމަތީގައި އެމްބާޕޭގެ ދެބެން ވެސް ތިއްބެވެ. މި މަހުގެ 29 ވަނަ ދުވަހު އީތަން އަށް 17 އަހަރު ފުރޭނެ އެވެ.

ނުރައްކާތެރި ފޯވާޑް ކިލިއަންއާ ހިލާފަށް، އީތަން އަކީ މިޑްފީލްޑަރެކެވެ. ކިލިއަން ވެސް ޔޫތު ކެރިއަރު ފެށި އޭއެސް ބޮންޑީ އިން ތަމްރީނު ހޯދައިގެން އީތަން ޕީއެސްޖީގެ އެކަޑަމީއާ ގުޅުނީ 2017 ވަނަ އަހަރު، ކިލިއަން ޕީއެސްޖީ އަށް ބަދަލުވުމާ އެކު އެވެ.

އުމުރުން 15 އަހަރުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އީތަން އެމްބާޕޭ ވަނީ ފުރަތަމަ ފަހަރަށް ސީނިއާ ޓީމާ އެކު ރަހުމަތްތެރިކަމުގެ މެޗެއްގައި ކުޅެފަ އެވެ. އަދި މި ސީޒަނަށް ތައްޔާރުވާން އޭޝިއާގައި ބޭއްވި ޕްރީ ސީޒަން ޓުއާގައި ޕީއެސްޖީ ސްކޮޑުގައި ހިމެނިގެން އޭނާ ކުޅެފައިވެ އެވެ.

ނަމަވެސް ޕްރީ ސީޒަންގައި ޕީއެސްޖީގެ އާ ކޮންޓްރެކްޓުގައި ސޮއިކުރަން ކިލިއަން އެމްބާޕޭ ދެކޮޅު ހެދުމުން އޭޝިއާ ޓުއާގައި ކިލިއަން ނުހިމަނަ އެވެ.