Roadha Mihaaru
މެސީގެ ލަނޑުން ލިޔޯން ބަލިކޮށް ޕީއެސްޖީ ލީޑު ނަގައިފި

މެސީގެ ލަނޑުން ލިޔޯން ބަލިކޮށް ޕީއެސްޖީ އެއް ވަނައިގައި ލީޑު ނަގައިފި

19 ސެޕްޓެމްބަރ 2022

ލިޔޯން، ފްރާންސް (ސެޕްޓެމްބަރު 19) - ފްރާންސް ލީގުގައި ލިޔޯން އާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނެލް މެސީ ޖެހި ހަމައެކަނި ލަނޑާ އެކު 1-0 އިން މޮޅުވެ، ޕީއެސްޖީ އިން ތާވަލްގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިޔޯން، ފްރާންސް (ސެޕްޓެމްބަރު 19) - ފްރާންސް ލީގުގައި ލިޔޯން އާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނެލް މެސީ ޖެހި ހަމައެކަނި ލަނޑާ އެކު 1-0 އިން މޮޅުވެ، ޕީއެސްޖީ އިން ތާވަލްގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ޕީއެސްޖީ އަށް ލީޑު ލިބުނީ އެ ޓީމާ އެއްވަރަކަށް ޕޮއިންޓް ހޯދަމުން އައި މާސޭ، އަމިއްލަ ދަނޑުގައި ރެނެސްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވުމުންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި މަޓެއޯ ގުއެންޑޯޒީ އަތުން ބައިކޮޅަށް ވަނަ ލަނޑަކުން ރެނެސް އަށް ލީޑު ލިބުނު އިރު، ދެ ވަނަ ހާފުގައި މާސޭ އަށް އެއްވަރު ކޮށްދިނީ ވެސް ގުއެންޑޯޒީ އެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ އަށް މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. މާސޭ އަށް ލިބިފައި ވަނީ 20 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލޮރިއެންޓް އަށް 19 ޕޮއިންޓް ލިބިފައި ވާއިރު، ހަތަރު ވަނައިގައި އޮތް ލެންސް އަށް ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. އަދި ފަސް ވަނައިގައި އޮތް މޮނާކޯ އަށް 14 ޕޮއިންޓް ލިބިފައި ވާއިރު، ލިޔޯން އޮތީ 13 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

ރަށުން ބޭރުގައި ލިޔޯން ކޮޅަށް ޕީއެސްޖީން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެސީ ޖަހައިދިނީ ނޭމާ ދިން ޕާހަކުން ފަސް ވަނަ މިނިޓުގަ އެވެ. މިއީ މެސީ މި ސީޒަނުގައި ލީގުގައި ޖެހި ހަތަރު ވަނަ ލަނޑެވެ. އަދި މިއީ ނޭމާ ފްރާންސް ލީގުގައި ކުޅުނު 100 ވަނަ މެޗު ވެސް މެ އެވެ. މި ސީޒަނުގައި މިހާތަނަށް އަށް ގޯލު ޖަހައިފައިވާ ނޭމާ ވަނީ ފްރާންސް ލީގުގައި 77 ލަނޑު ޖަހައި 44 އެސިސްޓް ކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ވާތުބެކް ނޫނޯ މެންޑޭޒް ހުރަސްކޮށްލި ބޯޅައެއް ހޯދައި މެސީ ފޮނުވާލި ހަމަލާއެއް ގޯލަށް ވަންނަން ދަނިކޮށް ގޯލު ލައިން މަތީ ހުރެ ބޮލުން ދިފާއު ކުރީ ލިޔޯންގެ ޒުވާން ޑިފެންޑަރު ކަސްޓެލޯ ލުކާބޭ އެވެ. އަދި ފަހުން މެންޑޭޒް ތަނަވަސް ކުރި ފުރުސަތެއްގައި ނޭމާ ފޮނުވާލި ހަމަލާ ދިފާއު ކުރީ ލިޔޯންގެ ކީޕަރު އެންތަނީ ލޮޕޭޒް އެވެ. އަދި ނޭމާ ދިން ބޯޅައެއް މެސީ ފޮނުވާލުމުން ވެސް ލޮޕޭޒް ދިފާއު ކުރި އެވެ.

މެޗުގައި ލިޔޯންގެ ކެޕްޓަން އެލެކްޒެންޑާ ލަކަޒޭ އާއި ކެމަރޫންގެ ފޯވާޑް ކާލް ޓޯކޯ އެކަމްބީ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ނާކާމިޔާބު ވެފަ އެވެ.