އައްޑޫ ފޭދޫގައި މިދިޔަ ޖޫން މަހު ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދިން މައްސަލައިގައި ދައުލަތުން ހަތަރު ކުޑަކުއްޖެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
09 އޮކްޓޯބަރ 2022
އައްޑޫ ފޭދޫގައި މިދިޔަ ޖޫން މަހު ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދިން މައްސަލައިގައި ދައުލަތުން ހަތަރު ކުޑަކުއްޖެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
އެ ރަށު ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21 އަށް ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ރޭ ދަންވަރު ހަމަލަދިނީ ފޭދޫގެ ދެ ގޭންގެއްގެ ދެމެދުގައި އޮންނަ މައްސަލައަކާ ގުޅިގެންނެވެ. އަމިއްލަ ގޭގެ ގޯތި ތެރޭގައި ހުއްޓާ ދިން އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ޒަޔާން މަރުވީ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ދައުވާކުރީ އުމުރުން 18 އަހަރު ނުފުރޭ ހަތަރު ކުޑަކުއްޖެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެކެއްގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، ދެން ތިބި ތިން ކުދިންގެ މައްޗަށް އުފުލީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެ ކުދިންގެ މައްޗަށް ދައުވާކޮށް، މައްސަލަތައް ޖުވެނައިލް ކޯޓަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިއުތިރާފުވެ، ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ދަށުން ޑައިވާޝަން އެގްރީމެންޓު އެކުދިންނާއެކު ހަދާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ހަދާ ޑައިވާޝަން އެގްރިމަންޓުގެ ބޭނުމަކީ ކުށް ކުރާ ކުޑަކުދިން ޖަލަށްލުމުގެ ބަދަލުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ފުރިހަމަ ކުރުމެވެ. އެ ޕްރޮގްރާމުތައް ފުރިހަމަ ކުރުމުން އެ ކުޑަކުދިން ދޫކޮށްލާނެ އެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ 25 އަހަރުގެ ޖަލު ހުކުމެއް ކަމަށް ވިޔަސް، ކުޑަކުއްޖަކަށް ދައުވާ ކުރާ ހާލަތުތަކުގައި އެ އަދަބު ތިން ބައި ކުޅަ ދެ ބަޔަށް ކުޑަވާނެ އެވެ. ކުޑަކުއްޖަކަށް ވާތީ މަރުގެ އަދަބު ވެސް ނުދެވޭނެ އެވެ.
ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަމަށް ވާއިރު ކުޑަކުއްޖަކަށް ވާތީ، އެ ކުށް ސާބިތުވިތަސް ތަންފީޒު ކުރަން ޖެހޭނީ އަދަބުގެ ތިން ބައި ކުޅަ ދެ ބަ އެވެ.
ޒަޔާންގެ މަރުގެ މައްސަލައިގައި ހަތަރު ކުޑަކުއްޖެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، އެ މައްސަލައިގައި ތުހުމަތުކުރެވޭ އުމުރުން 18 އަހަރުން މަތީގެ ފަސް މީހެއްގެ ބައި ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. ތަހުގީގުގައި ކުރަން ހުރި މަސައްކަތްތަކަށް ބަލައި، މައްސަލަ ތަހުގީގުކުރުމުގެ މުއްދަތު އެ އޮފީހުން އިތުރުކޮށްދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ދައުވާ ލިބޭ ހަތަރު ކުޑަކުދިންނާއި ތުހުމަތު ކުރެވޭ 18 އަހަރުން މަތީގެ ފަސް ފިރިހެނުން މިހާރު ތިބީ ބަންދުކޮށްފަ އެވެ.
ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށްފި
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
"އިސް ދެ މީހުންނަށް ކުށް ސާބިތުވުމަކީ ކާމިޔާބީއެއް"
ދޯނީގައި ބިދޭސީމީހާ މަރާލި މައްސަލައިގައި ދައުވާކޮށްފި
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ކިންގްސް ކުންފުނީގެ މައްސަލަ ރިވިއުކުރަން އެދެނީ
ޔާމީންގެ މައްސަލައިން ތަނާޒުލްވާންޖެހޭނަމަ އެކަން ކުރާނެ
އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ޝަކުވާ ލިބޭ: ޕީޖީ