މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ފުރިހަމަކުރަން ޖެހޭ ޗެއިން އޮފް ކަސްޓަޑީގެ މައްސަލައެއް ޝަރީއަތުގައި ފެންމަތިވެއްޖެ ހާލަތެއްގައި އެ ޗެއިން އޮފް ކަސްޓަޑީއަކާ ގުޅޭ ފުލުހުން ކޯޓަށް ހާޒިރުކޮށްގެން ޗެއިންގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތަށް ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަނެއް މިއަދު ނެރެފި އެވެ.
09 އޮކްޓޯބަރ 2022
މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ފުރިހަމަކުރަން ޖެހޭ ޗެއިން އޮފް ކަސްޓަޑީގެ މައްސަލައެއް ޝަރީއަތުގައި ފެންމަތިވެއްޖެ ހާލަތެއްގައި އެ ޗެއިން އޮފް ކަސްޓަޑީއަކާ ގުޅޭ ފުލުހުން ކޯޓަށް ހާޒިރުކޮށްގެން ޗެއިންގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތަށް ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަނެއް މިއަދު ނެރެފި އެވެ.
ޗެއިން އޮފް ކަސްޓަޑީއަކީ ފުލުހުން އެއްކުރާ ހެކި ތަހުލީލު ކުރަން ފުލުހުންގެ ތެރޭގައި އެކަކު އަތުން އަނެކަކު އަތަށް ގެންދާއިރު، އެ ހެއްކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން ކަށަވަރު ކުރަން، ހެކިތަކަށް އެވިޑެންސް ނަމްބަރު ދީ، އެ ތަކެއްޗާ ހަވާލުވި ފަރާތްތަކުގެ މައުލޫމާތާއި ހަވާލުވި ވަގުތާއި ތާރީހުތައް ހިމަނައި، އެ ތަކެތި އެކަކު އަތުން އަނެކަކު އަތަށް ގެންދިޔަ ގޮތުގެ ސިލްސިލާ އެނގޭ ލިޔުންތަކެކެވެ.
ފުލުހުން ހުށަހަޅާ ޗެއިން އޮފް ކަސްޓަޑީގައި އެކި މައްސަލަތައް ހުރެގެން، ކްރިމިނަލް ކޯޓުން މި ފަހުން ވެސް ޑްރަގް މައްސަލަތަކެއްގައި ދައުލަތުން ދައުވާ ކުރި ބައެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައިވެ އެވެ.
ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވެގެން މީހުން ދޫވާ މައްސަލަ ބޮޑުވެފައިވާއިރު، ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ މީހުން ކޯޓަށް ހާޒިރުކޮށްގެން އޭގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތް ހަދައިފަ އެވެ.
އެ ޕްރެކްޓިސް ޑައިރެކްޝަނުގައި ވަނީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލުކުރާ ތަކެއްޗަކީ ދައުވާ ލިބޭ މީހާގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ނެގުނު ތަކެތިތޯ ކަށަވަރު ކުރުމަށް ހުށަަހަޅާ ޗެއިން އޮފް ކަސްޓަޑީގެ ފޯމު ނެތް ނަމަ ނުވަތަ ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފެދޭ ފަދަ ކަމެއް އޮތް ނަމަ އެ ތަކެއްޗެއް ހިފެހެއްޓި މީހަކާއި ޗެއިންއާ ގުޅޭ އެންމެން ޝަރީއަތަށް ހާޒިރުކޮށްގެން ކަށަވަރު ކުރެވިދާނެ ކަމަށެވެ.
އޭގެ އިތުރުން، ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ހާލަތުގައި، ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީއަތަށް ހާޒިރު ކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލު ކުރެވިފައިވާ ތަކެއްޗަކީ އޭނާގެ އަތުން ނުވަތަ ހިޔާޒަތުން ފެނުނު ތަކެތިކަން ކަށަވަރު ކުރެވޭ ނަމަ ޗެއިން ފުރިހަމަ ވެފައިވާ ކަމަށް ބަލަން ޖެހޭނެ ކަމަށް އެ ޕްރެކްޓިސް ޑައިރެކްޝަނުގައިވެ އެވެ.
މާލެ އިން ވިލިމާލެ އަށް ދިޔަ މީހަކު ހުއްޓުވައި، ފާސްކުރިއިރު އޭނާ ލައިގެން ހުރި ޖިންސުގެ ކުރިމަތީ ޖީބުން އެއް ގްރާމުގެ އެމްޑީއެމްއޭ ފެނުނު ކަމަށް ބުނެ ދައުލަތުން ކުރި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް މިދިޔަ މަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވެސް ޗެއިން އޮފް ކަސްޓަޑީގައި ހުރި މައްސަލަތަކަކާ ގުޅިގެންނެވެ. އެއް ފުލުހަކު އެ މަސްތުވާތަކެއްޗާ ހަވާލުވި ކަމަށް ބުނާ ގަޑި އާއި ތާރީހު ލިޔުމަށް ފަހު ދެ ފަހަރެއްގެ މަތިން ތާރީހާއި ގަޑިއަށް ބަދަލު ގެނެސްފައިވާތީ އާއި ތާރީހާއި ގަޑި އަށް ބަދަލު ގެނައި ސަބަބެއް އެނގެން ނެތުމުން އެއީ ހަގީގަތުގައި ވެސް ދައުވާ ލިބުނު މީހާގެ ޖީބުން ފެނުނު މަސްތުވާތަކެތި ކަމާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމުގައިވެ އެވެ.
މީގެ ނުވަ އަހަރު ކުރިން އިންޑިއާ އިން ރާއްޖެ އައި މީހެއްގެ ބޫޓުން ބައި ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވެސް ޗެއިން އޮފް ކަސްޓަޑީގެ މައްސަލައެއް ޖެހިގެންނެވެ.
ޗެއިން އޮފް ކަސްޓަޑީގެ އަސްލު އެ މައްސަލައިގައި ހުށަހަޅާފައި ނުވެ އެވެ. ހަމައެކަނި ހުށަހެޅީ ތަހުގީގު މަރުހަލާގައި މާ ފަހުން ފުރާފައިވާ ފޯމެއް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެއީ ދައުވާ ލިބުނު މީހެއްގެ ބޫޓުގެ ތެރެއިން ފެނުނު މަސްތުވާތަކެތިކަން ކަށަވަރުވާނެ ގޮތެއް ނެތް ކަމަށް ހުކުމުގައި ބުނެފައި ވެ އެވެ.
ފެޑެކްސް އިން ޑްރަގު ގެނައި މީހަކު އުމުރަށް ޖަލަށް
ޔާމީނާ ދެކޮޅު އާ ހެކިތަކުގެ މައްސަލަ ބަލައިގެންފި
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
12 ކިލޯގެ ޑްރަގް ކޭސް: ދެ މީހަކު ދޫކޮށްލައިފި
42 ކިލޯގެ ޑްރަގް: ނަޝީދުގެ ބަންދަށް 10 ދުވަސް
130 ކިލޯ ޑްރަގް:ދެ މީހުން ދޫކުރުމުން އިސްތިއުނާފަށް
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
100 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ދައުވާކޮށްފި
72 ކިލޯގެ ޑްރަގްސް އެތެރެކުރި މީހުންނަށް ދައުވާކޮށްފި
"ވިސާމް ދޫކޮށްލިއިރު ޕީޖީން ވަކި އެއްޗެއް ނުބުނޭ"