Roadha Mihaaru
72 ކިލޯގެ ޑްރަގްސް އެތެރެކުރި މީހުންނަށް ދައުވާކޮށްފި

ރާއްޖެ އަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުންނަށް ދައުވާކޮށްފި

15 ފެބުރުއަރީ 2021

ރާއްޖެ އަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ 10 މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ 10 މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.

ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި "މަސްޖަރީ 2" ނަމަކަށް ކިޔާ ދޯންޏެއްގައި 72 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ ޑިސެމްބަރު 8، 2020 ގައެވެ. އެ ތަކެތި އަތުލައިގަތުމަށް ފަހު، ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮޮފީހުން މިއަދު ބުނީ އެ މައްސަލައިގައި އިސްކޮށް އުޅުނު ސ. ހުޅުދޫ ދޭލިޔާގެ، އިރުފާން ތަގިއްޔު 32، އާއި ރ. އިނގުރައިދޫ އެލެސްކާ، މުހައްމަދު ވިޝާމް 28، އިސްވެ ތިބެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައިގައި ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހެއްގެ މައްޗަށް ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައިވާ ކަމަށް ޕީޖީން ބުންޏެވެ.

ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހުން:

1. އިރުފާން ތަގިއްޔު، ދޭލިޔާގެ/ސ. ހުޅުދޫ

2. މުހައްމަދު ވިސާމް، އެލެސްކާ/ ރ. އިނގުރައިދޫ

3. އަބްދުﷲ ވިސާމް، އެލެސްކާ/ ރ. އިނގުރައިދޫ

4. އަހުމަދު ނަސީރު، އަނބުގޮސްދޮށުގެ/ ދ. މާއެނބޫދޫ

5. މުހައްމަދު އަކްރަމް، ހ. ގާރޑްންބިއުޓީ

6. މުހައްމަދު ޝަރީފް، ނޫރީއާގެ/ ހދ. ނޮޅިވަރަންފަރު

7. މުހައްމަދު ފުރުގާން، ޕެރިސްހޮލިޑޭ/ ލ. ގަން- ތުނޑި

8. އަހުމަދު ޝިނާން، ފީރޯޒްގެ/ ރ. ރަސްގެތީމު

9. މުހައްމަދު ވަޖީހު، ތަނޑިރަތްމާގެ/ތ. ތިމަރަފުށި

10. އަލީ އަހުމަދު، މއ. ކަނޑޫގެ

ކެނަބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހުން:

1. އަހުމަދު ނަސީރު، އަނބުގޮސްދޮށުގެ/ ދ. މާއެނބޫދޫ

2. މުހައްމަދު އަކްރަމް، ހ. ގާރޑްންބިއުޓީ

3. މުހައްމަދު ޝަރީފް، ނޫރީއާގެ/ ހދ. ނޮޅިވަރަންފަރު

މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ދިޔަ މީހުންނާއި ލޯންޗުގައި މާލެ އަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން އޭގައި ދިޔަ މީހުންނަށެވެ.

އެ މަސްތުވާތަކެތި މާލެ އަށް ބާލައި ކާރަށް އަރުވާފައި ދުއްވަން ފެށިތަނުން އެ ކާރު ފުލުހުން ހުއްޓުވީ ފަރީދީމަގުންނެވެ. ކާރު ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ހުރީ ދެ ސޫޓްކޭހާއި ދެ ގޯނީގަ އެވެ. ސޫޓް ކޭސްތަކުން ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، ކާރުތެެރެއިން އަތުލައިގަތް މަސްތުވާތަކެތި އަޅާފައި ހުރީ ގޯންޏަށެވެ.