Roadha Mihaaru
"ވިސާމް ދޫކޮށްލިއިރު ޕީޖީން ވަކި އެއްޗެއް ނުބުނޭ"

ވިސާމް ދޫކޮށްލިއިރު ޕީޖީން ވަކި އެއްޗެއް ބުނެފައެއް ނުވޭ: ކޯޓު

26 ޖެނުއަރީ 2021

ފަސްދޮޅަސް އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގެ ދައުވާ ލިބޭ އަހުމަދު ވިސާމް ސިއްހީ ހާލަތަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލިއިރު އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަސްދޮޅަސް އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގެ ދައުވާ ލިބޭ އަހުމަދު ވިސާމް ސިއްހީ ހާލަތަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލިއިރު އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

މަސް ދޯންޏަކާއި ބައެއް ގޭގެ ބަލައި ފާސްކޮށް، މިިދިޔަ އަހަރުގެ މާޗު އަތުލައިގަތް 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރާ މ. ބޮއިލިންފިޝް އަހުމަދު ވިސާމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަހު އޭނާގެ ބަންދު ކްރިމިނަލް ކޯޓުން ރިވިއުކޮށް، ބަންދުން ދޫކޮށްލީ އޭނާގެ ކިބައިގައި ހުރި ސިއްހީ މައްސަލަތަކާ ގުޅިގެން ޑޮކްޓަރަށް ނުދައްކާތީ އެވެ. އެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ އިސްތިއުނާފް ކުރަން ޕީޖީން ހައި ކޯޓަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

ޑީޖޭއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ވިސާމްގެ ކަކުލުގެ އަނިޔާއަކާއި ނަފްސާނީ މައްސަލަތަކަކާ ގުޅިގެން އެ ދެ ބާވަތުގެ ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ކަރެކްޝަންސްގެ ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ. އެކަމަކު ބަންދު އަމުރު މުރާޖައާ ކުރުމާ ހަމައަށް ވެސް އޭނާ އެ ދެ ބާވަތުގެ ޑޮކްޓަރުންނަށް ދައްކާފައި ނުވާ ކަމަށާއި އެކަމާ ބެހޭ ލިޔުންތައް ވެސް ކޯޓަށް ހުށަހެޅި ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަންކަމާ ގުޅިގެން ޕީޖީ އޮފީހުން އެ އަޑުއެހުމުގައި ވަކި އެއްޗެއް ބުނެފައިނުވާ ކަމަށް އެ ބަޔާނުގައިިވެ އެވެ.

"އޭނާގެ ބަލި ހާލަތާ ގުޅޭ ކަންކަމާ ގުޅިގެން ޕީޖީގެ ފަރާތުން ވިދާޅުވަނީ ކީކޭތޯ ޝަރީއަތުން ސުވާލު ކުރުމުން އަހުމަދު ވިސާމްގެ ބަލި ހާލަތާ ގުޅިގެން އެއްވެސް ކަމެއް ފާހަގަކުރަން ނެތް ކަމަށް ދައުލަތުން ބުނެފައިވެ އެވެ." ޑީޖޭއޭ އިން ބުނެ އެވެ.

އެ އިދާރާގެ ބަޔާނުގައިވާ ގޮތުން ވިސާމް ދޫކޮށްލީ ގިނަ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. އެކަމަކު އެއީ ކޮން ޝަރުތުތަކެއް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

ވިސާމާ އެކު، 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިތުރު 10 މީހަކަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ދަނީ ކުރިއަށެވެ.