Roadha Mihaaru
ނާޒިމަށް ކަނޑައެޅި އަދަބުގެ މައްސަލަ ހައިކޯޓަށް

ނާޒިމަށް ކަނޑައެޅި އަދަބުގެ މައްސަލާގައި ޕީޖީން ހައިކޯޓަށް

09 އޮކްޓޯބަރ 2022

އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ވަކީލް ނާޒިމް ސައްތާރުގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ވަކީލް ނާޒިމް ސައްތާރުގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ އަދަބެކެވެ. އެ ކުށަށް އޭނާ އެއްބަސްވެެފައިވެ އެވެ.

އެ މައްސަލާގައި ނާޒިމްގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ މިއަދެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ނާޒިމްގެ އިތުރުން އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެ އަދަބު މާ ބޮޑު ކަމަށް ބުނެ އެ މައްސަލަ ވެސް ދައުލަތުން އޮތީ އިސްތިއުނާފް ކުރަން ނިންމައިފަ އެވެ.

ގާނޫނުލް އުގޫބާތު އޮންނަ ގޮތުން އަދަބުގެ މިންވަރާ މެދު ހިތްހަމަނުޖެހޭނަމަ، ވަކިން އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮވެ އެވެ. މީގެކުރިން ވެސް އަދަބާ މެދު ހިތްހަމަނުޖެހިގެން ހައިކޯޓަށް ހުށަހަޅާފައިވެ އެވެ.

އެ މައްސަލާގައި އަލަމްގީރްގެ މައްޗަށް ކޯޓުން އިއްވީ ހަތް މަހުގެ ޖަލު ހުކުމެކެވެ. އަދި އެއް ޖިންސުން ގުޅުން ހިންގި މަންޒަރު ވީޑިއޯކުރި މައްސަލާގައި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއެއް ސާބިތުވެ، ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އޮތީ އިއްވައިފަ އެވެ.