Roadha Mihaaru
ޝަރީއަތް ނިމެންދެން ނަދީމް ބަންދުކުރީ ގޯސްކޮށް: ކޯޓް

ޝަރީއަތް ނިމެންދެން ނަދީމް ބަންދުކުރަން ތިން އަހަރު ކުރިން ނެރުނު އަމުރު ގާނޫނާ ޚިލާފަށް: ހައި ކޯޓް

08 ޖުލައި 2021

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް މީގެ ތިން އަހަރު ކުރިން، ޝަރީއަތް ނިމެންދެން ބަންދުކޮށް، ހަތް މަސް ވަންދެން ބަންދުގައި ބެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް މީގެ ތިން އަހަރު ކުރިން، ޝަރީއަތް ނިމެންދެން ބަންދުކޮށް، ހަތް މަސް ވަންދެން ބަންދުގައި ބެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފެބްރުއަރީ، 2018 ގައި ނަދީމް ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ތުހުމަތުގަ އެވެ. ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރާ ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނަދީމް ހައްޔަރު ކުރުމަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ މާޗް، 2018 ގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ގާތްވެފައި ވަނިކޮށް ކްރިމިނަލް ކޯޓުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޖިނާއީ އިޖްރައާތުގެ ގާނޫނަށް އޭރު އޮތީ އަމަލުކުރުން ހުއްޓާލާފަ އެވެ. ނަމަވެސް ނަދީމް ޝަރީއަތް ނިމެންދެން ބަންދުކުރީ އެ ގާނޫނުގެ ދަށުންނެވެ. ހަތް މަހަށް ވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލީ ސެޕްޓެމްބަރު، 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބު ނިމުމުމުންނެވެ.

އެ މައްސަލަ ނަދީމްގެ ފަރާތުން އިސްތިއުނާފް ކުރިތާ ތިން އަހަރު ފަހުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮއްވާ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ނަދީމް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދުމުގެ ބާރެއް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ. ގާނޫނު އަސާސީ އޮތްގޮތުން ކުއްލި ނުރައްކަލުގެ ހާލަތަށް ބަދަލު ގެނެވޭނީ ހަމައެކަނި ރައީސަށް ކަމަށް ވާއިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ ދެމި އޮއްވާ ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަމަލު ކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެގޮތަށް އަމަލުކުރީ ހެޔޮ ނިޔަތެއްގައި ކަމަށް ދައުލަތުން ބުންޏަސް، އެއީ ގާނޫނާ ޚިލާފަށް ކަމެއް ކުރަން ދެއްކޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ކިތަންމެ ހެޔޮ ނިޔަތެއް އޮޮތަސް، ގާނޫނީ އިމުން ބޭރުން ކުރާ ކޮންމެ ކަމެއް ގާނޫނާ ޚިލާފްވާނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮއްވައި ނަދީމް ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން އެދުނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ވެސް އޭރު ނަދީމްގެ މައްޗަށް ކުރި އެވެ. އެކަމަކު ފަހުން އެ ދައުވާ އަނބުރާ ގެންދިޔަ އެވެ. ނަދީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އޭރުގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް އެ ތުހުމަތުގައި ބަންދުކުރި އެވެ. އަދި އެހެން މައްސަލަތަކެއްގައި އެ ބޭފުޅުން ޖަލަށްލާން ވެސް އޭރު ހުކުމްކުރި އެވެ. އެކަމަކު އެ ބޭފުޅުންނަށް އިއްވި ޖަލު ހުކުމްތައް ހައި ކޯޓުން ފަހުން ބާތިލްކުރި އެވެ.