Roadha Mihaaru
ޖަލަށް ފޯނެއް ވެއްދުމުގެ ފެށޭ އަގު: 10،000ރ.

ޖަލަށް ފޯނެއް ވެއްދުމުގެ ފެށޭ އަގު: 10،000ރ.

13 އޮކްޓޯބަރ 2022

ޖަލެއްގައި މީހަކު ބަންދު ކުރާނީ ފާސްކުރުމަށް ފަހުގަ އެވެ. ޖަލުގެ ގޮޅިތަކާއި ޖަލު މީހުން އުޅޭ ސަރަހައްދުތައް ވަކި ގަވައިދެއްގެ ދަށުން އަބަދުވެސް ފާސްކުރަން ޖެހެ އެވެ. ޖަލުން މީހަކު ނެރެފައި ވައްދާ ކޮންމެ ފަހަރަކު ވެސް ފާސްކުރަންޖެހެ އެވެ. އެކަމަކު ޖަލުގެ ގައިދީންގެ އަތުގައި އެންމެ ފަހުގެ ފޯނާއި އެއާ ގުޅޭ ސާމާނާއި ބިޑި ސުއްޓާ ސިނގިރޭޓާއި މަސްތުވާ ހުރިހާ އެއްޗެއް ގެންގުޅޭކަން ނޭނގޭ މީހަކު ނެތެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޖަލެއްގައި މީހަކު ބަންދު ކުރާނީ ފާސްކުރުމަށް ފަހުގަ އެވެ. ޖަލުގެ ގޮޅިތަކާއި ޖަލު މީހުން އުޅޭ ސަރަހައްދުތައް ވަކި ގަވައިދެއްގެ ދަށުން އަބަދުވެސް ފާސްކުރަން ޖެހެ އެވެ. ޖަލުން މީހަކު ނެރެފައި ވައްދާ ކޮންމެ ފަހަރަކު ވެސް ފާސްކުރަންޖެހެ އެވެ. އެކަމަކު ޖަލުގެ ގައިދީންގެ އަތުގައި އެންމެ ފަހުގެ ފޯނާއި އެއާ ގުޅޭ ސާމާނާއި ބިޑި ސުއްޓާ ސިނގިރޭޓާއި މަސްތުވާ ހުރިހާ އެއްޗެއް ގެންގުޅޭކަން ނޭނގޭ މީހަކު ނެތެވެ.

އެ ހުރިހާ ކަމަކަށް ވުރެ ވެސް މިހާރު ބޮޑުވެ ނުރައްކާވެފައި ވަނީ ޖަލަށް ވައްދާ ފޯނުތަކުގެ މައްސަލަ އެވެ. މަކަރާއި ހީލަތުން ފައިސާ ފޭރުމަށް ކުރާ ގާތްގަނޑަކަށް ހުރިހާ ކޯލަކީ ވެސް ޖަލުގައި ތިބި ކުށްވެރިންގެ އަމަލުތައް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު މިއީ ހުއްޓުވުނު ކަމަކަށް ނުވި އެވެ.

ޖަލަށް ފޯނު ވެއްދުމަކީ އެއްވެސް ގައުމެއްގައި 100 ޕަސެންޓް ކޮންޓްރޯލް ވެފައި އޮތް ކަމެއް ނޫނެވެ. އެ ކަން ހައްލުކުރަން އޮތް އެންމެ ފަސޭހަ ގޮތަކީ ޖަލުގައި ފޯނު ބޭނުން ނުކުރެވޭ ގޮތް ހެދުން ކަމަށް ވާތީ އޮތް ގޮތަކީ ސެލްފޯން ސިގްނަލް ޖޭމަރު ހަރުކުރުމެވެ. އެހެންވެ 2014 ވަނަ އަހަރުން ފެށިގެން އެ މަސައްކަތްކުރަމުން އަންނަކަން އެކަަމާ ގުޅޭ ގޮތުން ރަސްމީ އިދާރާތަކުން މީޑިއާގައި ދައްކާފައި ހުރި ވާހަކަތަކުން އެނގެ އެވެ. އެކަމަކު އެކި "އުޒުރު" ތައް ކުރިމަތިވެ އަދިވެސް އެއީ ނުވެ އޮތް ކަމެކެވެ.

ފުރަތަމަ އުޅުނީ ޖޭމަރު ހަރުކުރާށެވެ. ނަމަވެސް ޖަލުގެ އިތުރުން މުޅި ސަރަހައްދުން ސިގްނަލް ކެނޑޭނެތީ އެ ކަން މައްސަލައަކަށް ވީ އެވެ. މިދިޔަ އަހަރު، ޖަލު ސަރަހައްދަށް ވަކިން ހާއްސަ އެންޓަނާއެއް ހަރުކުރި އެވެ. އެ އެންޓަނާއިން، ޖަލުގައި ބޭނުންކުރާ ފޯން ނަންބަރުތަކުގެ މައުލޫމާތު ނެގޭ ގޮތަށް ހުރި ނަމަވެސް އެ މައުލޫމާތު ތަހުގީގީ އިދާރާތަކާ ހިއްސާ ނުކުރާ ކަމަށް ވަނީ އެނގިފަ އެވެ. - އެ މައުލޫމާތު، ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރަން އުޅެ އެކަން ވާގޮތެއް ނުވި އެވެ.

މާފުށީ ޖަލަށް ވައްދަން އުޅުނު ފޯނާއި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި-- ފޮޓޯ: ފުލުހުން

މާފުށީ ޖަލަށް ވައްދަން އުޅުނު ފޯނާއި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި-- ފޮޓޯ: ފުލުހުން

ޖަލުގައި ހާއްސަ އެންޓަނާއެއް ހަރުކުރިކަން ކަރެކްޝަނަލް ސާވިސް އިން ކަށަވަރު ކޮށްދިނެވެ. އެކަމަކު އެ އިން ލިބޭ މައުލޫމާތު ތަހުގީގީ އިދާރާތަކާ ހިއްސާ ކޮށްގެން ނޫނީ، ޖަލުގައި ވަގަށް ގެންގުޅޭ ނަންބަރުތައް ކަނޑާލުން ފަދަ އެއްވެސް ކަމެއް ގާނޫނީ ގޮތުން ކުރެވޭކަށް ނެތެވެ.

ޖަލަށް ވައްދާ ފޯނަކަށް 10،000-15،000ރ.

ޖަލަށް ފޯނާއި މަނާ އެހެން އެއްޗެހި ވެއްދުމަކީ ބޮޑު ވިޔަފާރިއެކެވެ. އެންމެ ފަހުން އެނގެން ހުރި މައުލޫމާތަށް ބަލާއިރު ކަރެކްޝަންސް އިން 2020 ވަނަ އަހަރު ވެސް ވަނީ ޖަލަށް މަނާ ތަކެތި ވެއްދުމާއި އެފަދަ މައްސަލަތަކާ ގުޅުން ހުރި 10 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިދިޔަ އަހަރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ޖަލުތައް ހުރީ އާއްމުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ކަމަށް ވުމާއި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއް ލެވެލަށް ޖަލުގެ އެކި ތަންތަނުގެ ސެކިއުރިޓީ ނެތުމަކީ ޖަލަށް ވެއްދުން މަނާ ތަކެތި ހުއްޓުވަން އޮތް ގޮންޖެހުމެކެވެ. އޭނާ ވެސް ވިދާޅުވީ މަނާ ތަކެތި ޖަލަށް ވެއްދުމުގައި "މަދުން ނަމަވެސް" ޖަލު އޮފިސަރުން ބައިވެރިވާ ކަމަށެވެ.

ޖަލުގައި ތިބެގެން އާއިލާ އާއި ރައްޓެހިންނަށް ބޭނުންއިރަކު ގުޅައިގެން އުޅޭ އެކި މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި ޖަލަށް ފޯނެއް ވެއްދުމަށް 10،000 އާއި 20،000 އާ ދެމެދުގެ އަދަދެއް ހޭދަކުރެ އެވެ. އެއީ ފޯނުގެ އަގެއް ނޫނެވެ. ކޮންމެވެސް މީހަކު ފޯނު ގަނެފައި ދިނުމުން ޖަލަށް ގެންގޮސް ހަވާލުކޮށްދޭ އަގެވެ.

މި އަގުތައް ބައެއް ހާލަތްތަކުގައި 25،000ރ. އަށް ވެސް އަރާފައި އެބަހުއްޓެވެ. އެންމެ އާދައިގެ، 500 ވަރަކަށް ރުފިޔާ އަށް ވުރެ ވެސް އަގު ހެޔޮ "ބައްތި ފޯން" އެއް ޖަލަށް ވެއްދިޔަސް އެކަން ކޮށްދޭ މީހަކަށް 12،000ރ. ލިބޭ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ މީހުން ކިޔައިދިނެވެ.

ޖަލަށް ފޯނު ވެއްދުމަށް މަސައްކަތްކުރި ބައެއްގެ އަތުން ފެނުނު ފޯނާއި އޭގެ ޗާޖަރުތައް

ޖަލަށް ފޯނު ވެއްދުމަށް މަސައްކަތްކުރި ބައެއްގެ އަތުން ފެނުނު ފޯނާއި އޭގެ ޗާޖަރުތައް

ފޯނު ޗާޖުކުރުމާއި އެއަށް ބޭނުންވާ އެހެން ކަންކަން ވެސް ޖަލުން ހަމަޖެ އެވެ.

އެތައް ހާސް ރުފިޔާއެއް ހަރަދުކޮށްގެން ޖަލަށް ވައްދާ ފޯނު، ޖަލުގައި ހިންގާ ފާސްކުރުމުގެ އޮޕަރޭޝަންތަކުގައި އަތުލައިފި ނަމަ އަނެއްކާވެސް ޖެހެނީ ފޯނެއް ހޯދާށެވެ. އެކަމަކު ޖަލުން ފޯނު މަދުނުވެ ޖަލުގެ "ކޯލް ސެންޓަރު" މެދުކެނޑުމެއް ނެތި ހިނގަމުން ދިއުމުން އެނގެނީ ޖަލަށް ފޯނު ވެއްދުން ފަސޭހަކަމާއި އެކަން ފުޅާވެފައި އޮތް ވަރެވެ. ބައެއް އާންމުންގެ ފޯނުތަކަށް ޖަލުން ގުޅުމުގެ އުނދަގޫ ބޮޑުވެގެން، އެ ނަމްބަރުތައް ހުންނަނީ އެ މީސްމީހުންގެ ފޯނަށް ސޭވް ކޮށްފަ އެވެ.

"މިހާރު" އިން ފެނުނު ބައެއް މީހުންގެ މޮބައިލް ފޯނުތަކުގައި ޖަލުން ގުޅޭ ނަމްބަރުކަން ފާހަވެގެން 30 އަށް ވުރެ ގިނަ ނަމްބަރު ސޭވް ކޮށްފައި ހުއްޓެވެ. ޖަލު އޮފިސަރުންގެ އިތުރުން އެކި ގޮތްގޮތަށް ޖަލަށް ފޯނާއި އެކި އެއްޗެހި ވައްދަން އުޅުނު އެތައް ބަޔަކު ތަކެއްޗާ އެކު އަތުލައިގެންފައި ވެސް އެބަހުއްޓެވެ.

ޖަލުތަކަށް ފޯނު ވެއްދުން ހުއްޓުވަން ކުރާ މަސައްކަތާ ބެހޭ ގޮތުން ސުވާލުކުރުމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު ޔުސްރީން އަހްމަދު ވިދާޅުވީ "ފުލުހުންނާއި ސާވިސް ޕްރޮވައިޑަރުންނާ މަޝްވަރާކޮށް މާފުށީ ޖަލުގައި އެންޓަނާއެއް ހަރުކޮށްފައި" ވާ ކަމަށް ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން އުސޫލެއް ވެސް ހަދާފައިވާ ކަމަށާއި އެކަމަކު އެ މަސައްކަތުގެ "ކުރީކޮޅު ވީމާ މާ ބޮޑަށް ކޮމެންޓްކުރަން ދަތި" ކަމަށް ވިދާޅުވި އެވެ.

ބަންދު މީހުން ބަލައި ފާސްކުރަން ގަވައިދުގައި އޮންނަ ގޮތް

⬤ ޕެޓްޑައުން ސާޗް: ލައިގެން ހުންނަ ހެދުން މަތިން އަތް ކާއްތައިގެން ހަށިގަނޑު ފާސްކުރުން

◂ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި އެ ނޫން މީހުން ޖަލަށް ވަދެ ނުކުމެ އުޅޭއިރު

◂ ގައިދީންނާއި ބަންދު މީހުން އެކި ބޭނުންތަކަށް ގޮޅިން ނެރެ ވައްދާއިރު

◂ ގައިދީއަކު ނުވަތަ ބަންދު މީހަކު އުޅޭ ގޮޅި ނުވަތަ ޔުނިޓް ބަލައި ފާސްކުރާއިރު

⬤ ސްޓްރިޕް ސާޗް: ލައިގެން ހުންނަ އަންނައުނުތައް ބާލައިގެން ހަށިގަނޑު ފާސްކުރުން

◂ ގައިދީއަކު ނުވަތަ ބަންދު މީހަކު ޖަލަކަށް ވައްދާއިރު އާއި ނެރޭ އިރު

◂ ގައިދީއަކު ނުވަތަ ބަންދު މީހަކު އެކަހެރިކުރާއިރު

◂ ގައިދީއަކު ނުވަތަ ބަންދު މީހެއްގެ އަތުގައި ޖަލަށް ވެއްދުން މަނާ އެއްޗެއް އޮތް ކަމަށް ޝައްކުވެއްޖެ ނަމަ

◂ އެކަހެރި ބައްދަލުވުމަކަށް ވައްދާއިރު އަދި ބައްދަލުކުރުމަށް ފަހު ގޮޅިއަށް ވައްދާއިރު

◂ ގައިދީއަކު ނުވަތަ ބަންދު މީހަކު އުޅޭ ގޮޅި ނުވަތަ ޔުނިޓް ބަލައި ފާސްކުރުމުގެ ތެރޭގައި އެތަނަކުން ޖަލަށް ވެއްދުން މަނާ އެއްޗެއް ފެނިއްޖެ ނަމަ

◂ ޕެޓްޑައުން ސާޗް ކުރުމަށް ފަހު ނުވަތަ ކުރުމުގެ ތެރޭގައި އެހެން މީހެއްގެ އަތުން ނުވަތަ އެ މީހަކު ގެންގުޅުނު އެއްޗަކުން ޖަލަށް ވެއްދުން މަނާ އެއްޗެއް ފެނުން ނުވަތަ އެފަދަ އެއްޗެއް އޮތް ކަމަށް ބެލެވިއްޖެ ނަމަ

⬤ އިންޓާނަލް ސާޗް: ހަށިގަނޑު ތެރޭގައި ޖަލަށް ވެއްދުން މަނާ އެއްޗެއް ފޮރުވާފައި ވޭތޯ ބެލުމަށް ކުރާ ސާޗް

ބޭސްފުޅިއަކާ އެކު މާފުށި ޖަލަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މިނީ ފޯނެއް.

ބޭސްފުޅިއަކާ އެކު މާފުށި ޖަލަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މިނީ ފޯނެއް.

ހަށިގަނޑުގެ އިތުރުން ޖަލު ތެރެއަށް ވައްދާ ކޮންމެ އެއްޗެއް ބަލައި ފާސްކުރަންޖެހޭނެ ކަމަށާއި ޖަލު މީހުން އުޅޭ ސަރަހައްދުތައް އަބަދުވެސް ބަލައި ފާސްކުރަންޖެހޭނެ ކަމަށް ވެސް ގަވައިދުގައި އޮވެ އެވެ. ގައިދީންނާއި ބަންދު މީހުން ކޮރިޑޯ އާއި ޔާޑަށް ނެރުމުގެ ކުރިން އެ ތަންތަން ވެސް ފާސްކުރަން ޖެހެ އެވެ. ޖަލު ގޮޅިއަކަށް މީހަކު ވައްދާއިރު އާއި ގޮޅި ހުސްކުރުމަށް ފަހު ވެސް އެތަނެއް ފާސްކުރަން ގަވައިދު ލާޒިމްކުރެ އެވެ.

ގަވައިދުގައި މި ބުނާ ކަންކަން ފުރިހަމައަށް ކުރާއިރު ވެސް ޖަލަށް ފޯނު ވެއްދޭ ނަމަ މިއީ ކިހިނެއް ހިނގާ ކަމެއްކަމާ މެދު ސުވާލެއް ނެތެވެ؛ މިކަން ކޮށްދޭން ނުވަތަ ކުރުވަން ބަޔަކު ތިބެނީ އެވެ.

ޒިންމާވާނެ މީހަކު ނެތް

ޖަލުގައި ގެންގުޅޭ ނަންބަރުތަކަކީ ކޮންމެވެސް ނުދަންނަ މީހެއްގެ ނަމުގައި އޮންނަ ސިމެއް ކަމަށް ވާތީ އެ ނަންބަރުތަކާ ގުޅޭ ގޮތުން ކޯޓު އަމުރު ހޯދަން ދަތިވެ އެވެ. ސިމްގެ ވެރިފަރާތުގެ މައުލޫމާތާއި އެ ސިމް ބޭނުންކުރާ މީހާގެ މައުލޫމާތު ކޯޓު އަމުރުގެ ބޭނުމަށް ހޯދަން ޖެހެ އެވެ. އެކަމަކު ޖަލުގައި ސިމް ގެންގުޅެނީ ވަކި ކާކު ކަމެއް އެނގޭނެ ގޮތެއް ނޯވެ އެވެ. އަމުރު ރައްދުވާނެ ފަރާތެއް ނެތުމުން ކޯޓު އަމުރެއް ނުލިބެ އެވެ.

ނުރަސްމީ ގޮތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެކެއްގެ ނަމުގައި އެތައް ހާސް ސިމެއް ނަގާފައި ހުރެ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންގެ ނަމުގައި ހުންނަ ސިމްތަކެވެ. ސިމްތައް ގަނޑުކޮށް ނެގުމަށް ފަހު ރީ ރެޖިސްޓްރީ ނުކޮށް ގެންގުޅެނީ އެވެ. ސިމަށް ޒިންމާ ވާނެ މީހަކު ނެތެވެ. ސިމް ނެގި ކަމަށް ބުނާ މީހާ، މައްސަލައެއް ދިމާވެގެން ބަލާއިރު ގިނަ ފަހަރު ރާއްޖޭގައި ނުވެސް އުޅެ އެވެ. އެ މީހަކު ހޯދޭނެ ގޮތެއް ވެސް ނޯވެ އެވެ.

ފޯން ކޯލްތައް ކޮށްގެން، ހީލަތުން ހޯދާ ފައިސާ އެކި އެކައުންޓްތަކުން ދައުރުކުރަމުން ގެންގޮސް ކޮންމެވެސް ދިމާލުން ނަގައި ބޭނުންކޮށްލަނީ އެވެ. ހުރިހާ ދިމާލަކުން "ކަންފަސޭހަ" އުސޫލުތަކެއް ހުރި އިރު އެންމެ ފަސޭހަ ޖަވާބަކަށް އޮންނަނީ އާންމުން ހޭލުންތެރިވާށޭ ބުނުމެވެ. ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ޒިންމާއިން ރެކި އެހެން ބަޔަކު އެވެނިކަމެއް ނުކުރަނީއޭ ކިޔަން ތިބެނީ އެވެ.

އޮޅުވާލައިގެން ފައިސާ ފޭރެން ކުރާ ކޯލްތަކުގެ ފެށުމާއި ނިމުން ވެސް އޮތީ ޖަލުގަ އެވެ. އެކަން ކުރާ ގޮތާއި ވަނީ ކީއްކަން ވެސް އެނގެ އެވެ. ހުއްޓުވެއް ނެތީއެއް ވެސް ނޫނެވެ.