Roadha Mihaaru
އޮގަސްޓް މަހުގެ ނިޔަލަށް 700،000 ޑޯޒް ހަމަވާނެ

އޮގަސްޓް މަހުގެ ނިޔަލަށް 700،000 ޑޯޒް ވެކްސިން ހަމަވާނެ: މިނިސްޓަރު

03 ޖޫން 2021

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެ އިން ގަންނަން ސޮއިކޮށްފައިވާ ވެކްސިންގެ 700،000 ޑޯޒް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެ އިން ގަންނަން ސޮއިކޮށްފައިވާ ވެކްސިންގެ 700،000 ޑޯޒް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

އެސްޓްރާޒެނެކާ އަދި އޮކްސްފޯޑު ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ ވެކްސިން ގަންނަން ސަރުކާރުން ވަނީ މި އަހަރުގެ ކުރީކޮޅު، އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާއެކު ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން 700،000 ޑޯޒް ގަންނާނެ އެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް ޑޯޒެއް ނުލިބެ އެވެ.

ހެލްތު އިމަަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި މަހުގެ ފަހުކޮޅު އެ ވެކްސިން ލިބެން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ވެކްސިން ލިބޭނީ ތިން މަހަށް ބަހާލައިގެންނެވެ. މި މަހު، ދެ ލައްކަ ޑޯޒް އަދި އަންނަ މަހު ވެސް ދެ ލައްކަ ޑޯޒް ލިބޭނެ ކަމަށާއި އޮގަސްޓް މަހު ތިން ލައްކަ ޑޯޒްގެ ވެކްސިން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ވެކްސިން ލިބުމުގައި ލަސްތަކެއްވީ ވެކްސިން އުފެއްދުމުގައި ހުރި ދަތިތަކާ ހުރެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެ އެވެ.

މުޅި ދުނިޔޭގައި ވެސް ކޮވިޑް ވެކްސިނަށް އޮތް ޑިމާންޑާ އެއްވަރަށް އެ ނުއުފެއްދޭތީ ބައެއް ގައުމުތަކުން ވެކްސިން އެކްސްޕޯޓު ކުރުމުން މަނާކޮށްފައި ވެ އެވެ.

އިންޑިއާގެ ހާލަތު ގޯސްވެ، އެ ގައުމުގައި އުފައްދަމުން އައި ކޮވިޝީލްޑް ވެކްސިން ވެސް އެހެން ގައުމުތަކަށް އެތެރެކުރުން އިންޑިއާ އިން ހުއްޓާލިއިރު ރާއްޖެ އިން ގިނަ ބަޔަކު ވަނީ ކޮވިޝީލްޑް ވެކްސިން ޖަހައިފަ އެވެ. އެއާ އެކު ރާއްޖެ އަށް ލިބުނު ކޮވިޝީލްޑް ވެކްސިން ހުސްވެ، މި ވަގުތު އޮތީ އެ ވެކްސިން ޖެހުން ވެސް ހުއްޓާލައިފަ އެވެ.

އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަމުން އައީ ފުރަަތަމަ ޑޯޒް ޖެހިތާ 8-12 ހަފުތާގެ މުއްދަތުގައި ނަމަވެސް ވެކްސިން ލިބުން ދަތިވުމާ އެކު ފަހުން ބަދަލުކުރީ 16 ހަފުތާގެ ކުރިން ވެކްސިން ޖެހިޔަސް މައްސަލައެއް ނޯންނަ ކަމަށެވެ. އެ ނިންމުން ނިންމީ ފަހުގެ ދިރާސާތަކަށް ބެލުމަށް ފަހު އެވެ. ރާއްޖޭގެ އިތުރުން ވެސް ބޭރުގެ ބައެއް ގައުމުތަކުން ވެކްސިންގެ ދަތިތަކާ ހުރެ އެގޮތަށް ދެވަނަ ޑޯޒް ޖަހައި މުއްދަތު ފަސްކޮށްފައިވެ އެވެ.

ސަރުކާރުން މިހާރު ނިންމާފައި އޮތީ އެސްޓްރަޒެނެކާ ވެކްސިން ލިބުމުން، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ވެފައި ތިބި މީހުންނަށް އެ ވެކްސިން ދިނުމަށެވެ.

އިންޑިިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދަމުން އަންނަ ކޮވިޝީލްޑަކީ ވެސް އެސްޓްރާޒެނެކާ އަދި އޮކްސްފޯޑު ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ދިރާސާގެ މައްޗަށް ތައްޔާރުކުރަމުން އަންނަ ވެކްސިނެކެވެ.

ރާއްޖެ އިން މިހާތަނަށް 310،405 މީހަކު ވެކްސިން ޖަހާފައިވާއިިރު އޭގެ ތެރެއިން 168،889 މީހުންނަކީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ.