Roadha Mihaaru
20 އަހަރަށް ފަހު ފޭދޫން 300 ގޯތި ދޫކުރަނީ

20 އަހަރަށް ފަހު ފޭދޫން 300 ގޯތި ދޫކުރަން ނިންމައިފި

11 އޮކްޓޯބަރ 2022

ސ. ފޭދޫން ގާތްގަނޑަކަށް 300 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސ. ފޭދޫން ގާތްގަނޑަކަށް 300 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފޭދޫގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިމުމާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޭދޫ، މަގުއްދޫ އަވަށު ކައުންސިލް މެމްބަރު އައިމިނަތު ސަލްމާ ވިދާޅުވީ، އެ ކައުންސިލުގެ މި ދައުރުގައި ޖުމްލަ 298 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ގޯތިތައް ދޫކުރާނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ.

އެ އަވަށުން ގޯތި ދޫނުކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާތީ، އެކަމާ ގުޅިގެން ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑެވެ.

"ފުރަތަމަ ފޭދޫން ދޫކުރަން ނިންމީ 320 ގޯތި. ނަމަވެސް އެ ޕްލޭން، ޕްލޭނިން މިނިސްޓްރީ އަށް ފޮނުވުމުން ގްރީން ޒޯންތަކެއް ކަނޑައަޅަން ޖެހޭތީ ބައެއް ސަރަހައްދުތަކުން ގޯތި ނަގަން މިނިސްޓްރީން އޮތީ އަންގައިފައި،" ސަލްމާ ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލް މެމްބަރު އައިމިނަތު ސަލްމާ ވާހަކަދައްކަވަނީ.

އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލް މެމްބަރު އައިމިނަތު ސަލްމާ ވާހަކަދައްކަވަނީ.

އޭނާ ވިދާޅުވި ގޮތުގައި ގޯތި ދޫކުރުމުގެ އިތުރުން އެ އަވަށުގައި 75 ފްލެޓް އަޅަން ބިން ދޫކުރަން ވެސް ލޭންޑް ޔޫސް ޕްލޭންގައި ހިމަނާފައިވެ އެވެ. އަދި ކައުންސިލާ މަޝްވަރާކުރުމަށް ފަހު، ގޯއްޗާއި ފްލެޓް ދިނުމުގައި އެ އަވަށުގެ ރައްޔިތުންނަށް އިސްކަންދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ފޭދޫގެ ލޭންޑް ޔޫސް ޕްލޭން ފާސްވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން އަމިއްލަ އަށް ލޭންޑް ޔޫސް ޕްލޭން ހަދަން ނިންމައި އެ ކައުންސިލުގެ މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތް މޭޔަރު ފާހަގަކުރެއްވި އެވެ.

"މިއީ ވަރަށް ބުރަ މަސައްކަތެއް. މި މަސައްކަތްކޮށް ވަރަށް ބޮޑު ކާމިޔާބީއެއް މި ލިބުނީ،" މޭޔަރު ވިދާޅުވި އެވެ.

އައްޑޫގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައެޅުމަށް ހަދަން ޖެހޭ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ހަދަން ހަވާލުކުރި ކުންފުނިން އެ މަސައްކަތް ނުނިންމައި ލަސްވުމުން، އެންމެ ފަހުން އެ މަސައްކަތް ސިޓީ ކައުންސިލުން އަމިއްލަ އަށް ކުރަން ނިންމައި، އޭގެ އަމަލީ މަސައްކަތް ފެށީ މި އަހަރު ޖެނުއަރީގަ އެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި އަންނަ މަހުގެ ނިޔަލަށް ހުރިހާ އަވަށެއްގެ ލޭންޑް ޔޫސް ޕްލޭން ނިންމާލެވޭނެ އެވެ.