Roadha Mihaaru
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް

ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް

11 އޮކްޓޯބަރ 2022

ސްރީ ލަންކާގެ ހަމަޖެހުމާއި ތަރައްގީއަށްޓަކައި ބޭނުންވަނީ ކޮންމެ ސަރުކާރަކާ އެކުގައި ބަދަލުނުވާ ފަދަ ހަރުދަނާ ގައުމީ ސިޔާސަތެއް ކަމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގެ ހަމަޖެހުމާއި ތަރައްގީއަށްޓަކައި ބޭނުންވަނީ ކޮންމެ ސަރުކާރަކާ އެކުގައި ބަދަލުނުވާ ފަދަ ހަރުދަނާ ގައުމީ ސިޔާސަތެއް ކަމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ތަފާތަށް ބެލުމެއް ނެތި، ކޮންމެ ސަރުކާރަކުން ވެސް ކުރިއަށް ދާންޖެހޭ ގައުމީ ސިޔާސަތެއް އެކުލަވައިލަންޖެހޭ ކަމަށެވެ. އަދި އެފަދަ ސިޔާސަތެއްގެ މަތީގައި ގައުމު ބިނާކުރުމުގައި އެންމެން ބައިވެރިވުމަށް އެ ގައުމުގެ ހުރިހާ ސިޔާސީ ވެރިންނަށާއި އާންމު ރައްޔިތުންނަށް އޭނާ ގޮވައިލެއްވި އެވެ.

އެ ގައުމުގައި އަލަށް އުފެއްދި ލައިފް-ސޭވިން ފާމަޝޫޓިކަލް ކާރުޚާނާ ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ރަނިލް އިއްޔެ ވިދާޅުވީ ގައުމުގެ އިގްތިސާދު ތަރައްގީކޮށް، ދުނިޔޭގެ އެންމެ އުހަށް ސްރީ ލަންކާ އުފުލައިލެވޭނީ އެފަދަ ސިޔާސަތެއް އޮވެގެން ކަމަށެވެ. އެ ފެންވަރަށް ސްރީ ލަންކާ ގެންދިއުމަށްޓަކައި، ހަރުދަނާ އިގްތިސާދީ ސިޔާސަތެއްގެ އިތުރުން ސިޔާސީ ހަމަޖެހުން ގާއިމުވެފައި އޮތުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ރަނިލް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވި ގޮތުގައި މުޅި ގައުމުގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ދުރު ރާސްތާގެ ގައުމީ ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް އޭނާ މިހާރު ވަނީ ފައްޓަވައިފަ އެވެ. އަދި ޖަތިކާ ސަބަވާ (ގައުމީ މަޖިލިސް) އަކީ، އެންމެން އެކުގައި މަސައްކަތްކުރެވޭނެ ޕްލެޓްފޯމެއް ކަމުގައި ބަލައިގެން އެ މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އޭނާ އެދިވަޑައިގަތެވެ.

އެ ގައުމަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި، ސްރީ ލަންކާގެ އެކްސްޕޯޓް ވެސް ހަރުދަނާ ކުރުމަކީ މިހާރު ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށް ރަނިލް ވިދާޅުވި އެވެ. އެ ގޮތުން އެކްސްޕޯޓްގެ ދާއިރާ ފުޅާކޮށް، ވާދަވެރި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިމްޕޯޓްގެ ޒަރީއާއިން އިގްތިސާދަށް ކުރިއެރުން ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމުގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ، އިއްޔެ ހުޅުވި ބޭސް އުފައްދާ ކާރުޚާނާ އެވެ. އެ ކާރުޚާނާއަކީ ހަމައެކަނި ސްރީލަންކާގައި ބޭނުންކުރުމަށް ބޭސް އުފައްދާ ތަނެއް ނޫން ކަމަށާއި، ބައިނަލްއަގުވާމީ ބާޒާރަށް ނެރުމަށްޓަކައި ވެސް، އެ ކާރުޚާނާ އިން ބޭސް އުފައްދާނެ ކަމަށް ރަނިލް ވިދާޅުވި އެވެ.