Roadha Mihaaru
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް

އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް

22 އޯގަސްޓް 2022

ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް ހިލޭ ކާން ދިނުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ސަރުކާރުގެ މުއައްސަސާތަކުގައި ތިބި މަސައްކަތް ނުކުރާ މުވައްޒަފުން ވަގުތުން ވަޒީފާ ދޫކޮށް ދިއުމަށް، އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އިއްޔެ ގޮވާލައްވައިފި އެވެ.

ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް ހިލޭ ކާން ދިނުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ސަރުކާރުގެ މުއައްސަސާތަކުގައި ތިބި މަސައްކަތް ނުކުރާ މުވައްޒަފުން ވަގުތުން ވަޒީފާ ދޫކޮށް ދިއުމަށް، އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އިއްޔެ ގޮވާލައްވައިފި އެވެ.

އަނޫރާދަޕޫރަ ޑިސްޓްރިކްޓް ޑިވެލޮޕްމަންޓް ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި ރަނިލް ވިދާޅުވީ މިއީ ގައުމުގެ ތަރައްގީއަށްޓަކައި އެންމެން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އެންމެ އާދައިގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން ވެސް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމަށާއި، ސަރުކާރުގެ އެއްވެސް މުވައްޒަފަކު ބޭކާރު ގޮތުގައި ވަގުތު ހޭދަކުރަން ދޫކޮށްލައިގެން ސަރުކާރަށް ނޯވެވޭނެ ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ލަންކާގައި ސަރުކާރު ހިންގަމުން އައި ގޮތަށާއި އުސޫލުތަކަށް ލަންކާ ރައްޔިތުން މިހާރު ނޫނެކޭ ބުނެފި ކަމަށެވެ. އެހެންކަމުން، މިހާރު ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ވެރިކަން ކުރަނީ، މުޅި ގައުމު އެއްބައިވަންތަކުރުމާ އެކު، އެންމެންގެ ބައިވެރިވުން ހޯދައިގެން ގައުމު ތަރައްގީ ކުރުމަށް ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫއެންޕީއަކީ ކުލައަކަށް ނަސްލަކަށް އަދި މީހެއްގެ އަގީދާއަކަށް ބަލައިގެން އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އެހެންކަމުން، އެއްވެސް މީހަކު އެ ޕާޓީއާ ގުޅުމަށް ބާރު ނާޅުއްވާނެ ކަމަށާއި އެހެން ނަމަވެސް، އެންމެން ވެސް ސަރުކާރާ ގުޅިގެން ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަސް ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ރަނިލް ވިކްރަމަސިންހަ، ސްރީ ލަންކާގެ ރައީސްކަމުގެ މަގާމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިންތިޚާބުކުރީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. މަގާމުގެ ހުވާ ކުރައްވައި ވެރިކަމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ޖުލައި 21 ވަނަ ދުވަހު އެވެ.

ލަންކާގެ ރައީސްކަމުގެ މަގާމު ރަނިލް އަށް ލިބިވަޑައިގަތީ، ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އާއި އޭނާގެ ބޭބެ އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ސަރުކާރާ ދެކޮޅަށް އާންމު ރައްޔިތުން ނުކުމެ ކުރަން ފެށި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބޮޑުވަޒީރުގެ މަގާމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ، މެއި 9، 2022 ގަ އެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ބޮޑުވަޒީރުގެ މަގާމަށް، މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އައްޔަންކުރީ މެއި 11، 2022ގަ އެވެ. އާންމު ރައްޔިތުންގެ މުޒާހަރާތައް ވަރުގަދަވެ ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ ހުޅުޖަހަން ފެށުމާއެކު، ރައީސްކަމުގެ މަގާމުން ގޯޓާބޭ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ ޖުލައި 15، 2022ގަ އެވެ.

ގޯޓާބޭ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން، ބޮޑުވަޒީރު ރަނިލްއާ ހަވާލުކުރެއްވުމަށް ފަހު، ޖުލައި 13 ވަނަ ދުވަހު ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގަތެވެ. އަދި ޖުލައި 14 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެން އެގައުމުގައި ހުންނަވައި މަގާމުން އިސްތިއުފާ ދެއްވިކަން، އީމެއިލެއްގެ ޒަރީއާއިން ލަންކާގެ ޕާލަމެންޓަށް އެންގި އެވެ.