Roadha Mihaaru
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ

ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރައްވަނީ

08 އޯގަސްޓް 2022

ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ، އެ ގައުމުގައި ގާއިމުކުރައްވަން ގަސްދުކުރައްވާ، ހުރިހާ ޕާޓީތަކުގެ ގުޅިފައިވާ ސަރުކާރުގެ ތަފްސީލުތައް، ހުރިހާ ސިޔާސީ ޕާޓީތަކާ މިއަދު ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ، އެ ގައުމުގައި ގާއިމުކުރައްވަން ގަސްދުކުރައްވާ، ހުރިހާ ޕާޓީތަކުގެ ގުޅިފައިވާ ސަރުކާރުގެ ތަފްސީލުތައް، ހުރިހާ ސިޔާސީ ޕާޓީތަކާ މިއަދު ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ރަނިލް ވިދާޅުވި ގޮތުގައި ހުރިހާ ޕާޓީތަކުގެ ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމާ ބެހޭ ގޮތުން، ލަންކާގެ ތަފާތު 11 ސިޔާސީ ޕާޓީއެއްގެ އިސް ވެރިންނާއި 43 ބްރިގޭޑްގެ އިސް ވެރިންނާ އެކުގައި، މިދިޔަ ދެ ހަފުތާގެ ތެރޭގައި އެތައް މަޝްވަރާތަކެއް އޭނާ ކުރެއްވި އެވެ. އަދި އެ މަޝްވަރާތަކަށް ފަހު، އެ ޕާޓީތަކުން ވަނީ ހުރިހާ ޕާޓީތަކުގެ ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން، އެ ޕާޓީތަކުގެ ހުށަހެޅުންތައް ރައީސް ރަނިލް އަށް ފޮނުއްވައިފަ އެވެ.

އެހެންކަމުން ވަކިވަކި ޕާޓީތަކުން ފޮނުވާފައިވާ ހުށަހެޅުންތައް މިއަދުގެ ވަގުތެއްގައި އެހެން ޕާޓީތަކާ ހިއްސާކުރައްވާނެ ކަމަށް ރަނިލް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވި ގޮތުގައި ގިނަ ޕާޓީތަކާ އެކުގައި ކުރަމުން އައި މަޝްވަރާތައް މިހާރު ވަނީ ނިމިފަ އެވެ. ނަމަވެސް ނޭޝަނަލް ޕީޕަލްސް ޕަވާ އާއި ތަމަޅައިންގެ ބައެއް ޕާޓީތަކާ އެކުގައި ކުރަމުން އައި މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދިއުމަށް އެ ޕާޓީތަކުން ބޭނުންވެ އެވެ.

ހުރިހާ ޕާޓީތަކުގެ ގުޅިފައިވާ ސަރުކާރެއް ގާއިމުކުރުމާ ބެހޭ ގޮތުން 43 ބްރިގޭޑްގެ ލީޑަރު، ޗަމްޕިކާ ރަނަވަކަ ވިދާޅުވީ ސްރީ ލަންކާ މިހާރު ވެއްޓިފައިވާ ވަޅުގަނޑުން ގައުމު ސަލާމަތްކުރުމަށްޓަކައި ހަމައެކަނި ސިޔާސީ އިސްލާހުތަކުން ނުފުދޭ ކަމަށެވެ. އޭގެ އިތުރުން، ތައުލީމީ ގާބިލު މީހުންގެ ބައިވެރިވުން ގައުމީ ފެންވަރުގައި ލިބުން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރިމަގަށް ގައުމުގެ މިސްރާބު ސީދާކުރަން ބޭނުން ނަމަ، ލަންކާގެ ތައުލީމީ ސިޔާސަތު އިސްލާހުކޮށް ތައުލީމީ މަންހަޖު ވެސް ބަދަލުކުރަންޖެހޭ ކަމަށް ޗަމްޕިކާ ވިދާޅުވި އެވެ.

ޗަމްޕިކާ ވިދާޅުވީ ސްރީ ލަންކާގެ ގާނޫނުއަސާސީ އަށް ގެނައި 19 ވަނަ އިސްލާހަށް އަލުން އަމަލުކުރަން ފެށުމާ މެދު ރައީސް ރަނިލްގެ ވިސްނުން ހުރި ގޮތެއް ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ އިސްލާހަކީ، 1978 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ރައީސަށް ގާނޫނުއަސާސީން ލިބިދީފައިވާ ބައެއް ބާރުތައް އުނިކުރުމަށް، އެޕްރީލް 28، 2015 ގައި ލަންކާގެ ޕާލަމެންޓުން ފާސްކުރި އިސްލާހެކެވެ.

އެ އިސްލާހަށް އަމަލުކުރުން ހުއްޓާލައި، ރައީސަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ހެދީ، ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އަދި އޭނާގެ ބޭބެ މަހިންދަ ރާޖަޕަކްސަ ލަންކާގައި ވެރިކަން ކުރަމުން ދިޔަ ދުވަސްވަރުގަ އެވެ. ރާޖަޕަކްސަ އާއިލާގެ ވެރިކަން އޮތް ދުވަސްވަރު، ލަންކާގެ އިގްތިސާދު ހީނަރުވަމުން ގޮސް، މިއަހަރުގެ ކުރީކޮޅު ގައުމު ބަނގުރޫޓުވުމާ ގުޅިގެން، އާންމު ރައްޔިތުން ނުކުމެ ކުރަން ފެށި މުޒާހަރާތަކާ ގުޅިގެން، އެ ދެ ބޭފުޅުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ބޮޑުވަޒީރުގެ މަގާމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ، މެއި 9، 2022 ގަ އެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ބޮޑުވަޒީރުގެ މަގާމަށް، މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އައްޔަންކުރީ މެއި 11، 2022ގަ އެވެ. އާންމު ރައްޔިތުންގެ މުޒާހަރާތައް ވަރުގަދަވެ ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ ހުޅުޖަހަން ފެށުމާއެކު، ރައީސްކަމުގެ މަގާމުން ގޯޓާބޭ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ ޖުލައި 15، 2022ގަ އެވެ.

ގޯޓާބޭ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން، ބޮޑުވަޒީރު ރަނިލްއާ ހަވާލުކުރެއްވުމަށް ފަހު، ޖުލައި 13 ވަނަ ދުވަހު ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގަތެވެ. އަދި ޖުލައި 14 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެން އެގައުމުގައި ހުންނަވައި މަގާމުން އިސްތިއުފާ ދެއްވިކަން، އީމެއިލެއްގެ ޒަރީއާއިން ލަންކާގެ ޕާލަމެންޓަށް އެންގި އެވެ.

ރާޖަޕަކްސަ އާއިލާގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެން، އެ ގައުމުގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް، ރާޖަޕަކްސަ އާއިލާގެ ނުފޫޒު ބޮޑު، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީގެ ތާއީދާއެކު، ރަނިލް ވިކްރަމަސިންހަ އިންތިޚާބުކޮށް މަގާމާ ހަވާލުވީ ޖުލައި 21، 2022 ން ފެށިގެންނެވެ.