Roadha Mihaaru
ޑެންގީ ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

ޑެންގީ ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

11 އޮކްޓޯބަރ 2022

ޑެންގީ ހުން ޖެހިގެން ފަރުވާދެމުން އަންނަނިކޮށް ރ. އުނގޫފާރުގައި ޒުވާނަކު ނިޔާވެއްޖެ އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ޑެންގީ ހުން ޖެހިގެން ފަރުވާދެމުން އަންނަނިކޮށް ރ. އުނގޫފާރުގައި ޒުވާނަކު ނިޔާވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު "މިހާރު" އަށް އެ ކަން ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.

ނިޔާވެފައިވަނީ ރ. ދުވާފަރު އަތޫފް އަހްމަދު، 21 އެވެ. އަތޫފް މަރާއެކު އޭނާގެ އެކުވެރިއަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަތޫފް ނިޔާވީ އަލަތު ކައިވެންޏަށް ދަރިއަކު ލިބުނުތާ ދެ މަސް ފަހުން ކަމަށެވެ.

އަތޫފަކީ ހަޔާތުގައި އެންމެ ގިނަ ދުވަސް އެކީގައި ހޭދަކުރި ރޫމްމޭޓް ކަމަށާއި އެންމެ ގިނަ ދުވަސްވީ އެކުވެރިޔާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

"މި ދުނިޔެއާ އަލްވަދާއު ކިޔައި ދިއުން އެހީ ކުއްލި ސިހުމެއްގައި. ހާދަ މަޖާ ދުވަސްތަކެއް ހޭދަކުރިއޭ. ހާދަ ޕްލޭންތަކެއް ހެދިއޭ،" އޭނާގެ ޕޯސްޓުގައި ވެ އެވެ.

ޒުވާނާ ނިޔާވީ ޑެންގޫ ޖެހިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ފަރުވާއަށް އޭނާ އުނގޫފާރަށް ގެންދިޔައީ ރޭގަ އެވެ.

ޑެންގީ ހުން ޖެހިގެން މީގެ ހަފްތާއެއް ކުރިން 19 އަހަރުގެ ޒުވާނަކު ވެސް ވަނީ ނިޔާވެފަ އެވެ. އަދި އޭގެ އެއްދުވަސް ކުރިން އެ ބަލީގައި ކުޑަކުއްޖަކު ނިޔާވި އެވެ.