Roadha Mihaaru
އަޖުމަބެލުމަށް މެލޭޝިއާގައި ޑެންގީ ވެކްސިން ހުއްދަކޮށްފި

އަޖުމަބެލުމަށް މެލޭޝިއާގައި ޑެންގީ ވެކްސިން ހުއްދަކޮށްފި

12 އެޕްރީލް 2017

މަދިރީގެ ސަބަބުން ޖެހޭ ޑެންގީ ހުމުން ރައްކާތެރިވުމަށް އަލަށް އުފައްދާފައިވާ ވެކްސިން މެލޭޝިއާގައި ބޭނުންކުރުމުގެ ހުއްދަ ޝަރުތުތަކަކާ އެކު އެ ގައުމުގެ ހެލްތު މިނިސްޓްރީން ދީފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މަދިރީގެ ސަބަބުން ޖެހޭ ޑެންގީ ހުމުން ރައްކާތެރިވުމަށް އަލަށް އުފައްދާފައިވާ ވެކްސިން މެލޭޝިއާގައި ބޭނުންކުރުމުގެ ހުއްދަ ޝަރުތުތަކަކާ އެކު އެ ގައުމުގެ ހެލްތު މިނިސްޓްރީން ދީފި އެވެ.

މެލޭޝިއާގެ ނެޝަނަލް ފާމަޝޫޓިކަލް ރެގިއުލޭޓަރީ އެޖެންސީގެ ވެބްސައިޓުގައި ބުނީ އުމުރުން 9-45 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން މި ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ވެކްސިން ޖަހައިދޭނީ އަޖުމަބެލުމުގެ ދެ އަހަރު ދުވަހުގެ ދިރާސާއަކަށް ކަމަށެވެ. އެހެންވެ އަދި ވެކްސިން ޖެހޭނީ މި ދިރާސާގައި ބައިވެރިވާން އެއްބަސްވާ މީހުންނަށެވެ.

ޑްރަގް ކޮންޓްރޯލް އޮތޯރިޓީ (ޑީސީއޭ) އިން ބުނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަށެވެ. އެހެންވެ ވެކްސިން ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ޑީސީއޭ އިން ބުނީ މިއީ ހަ މަސް ދުވަހުގެ ތެރޭގައި ތިން ޑޯޒް ދޭ ވެކްސިނެއް ކަމަށެވެ. އަދި ވެކްސިނަށް ޚަރަދުކުރަން ޖެހޭނީ ވެކްސިން ޖަހަން ބޭނުންވާ މީހާ ކަމަށް ވެސް ބުނެފައިވެ އެވެ.

މެލޭޝިއާގައި އަޖުމަބެލުމުގެ ގޮތުން މި ވެކްސިން ދޭން ފަށަނީ އެ ވެކްސިން އުފެއްދި ފްރާންސްގެ ސެނޯފީ ކުންފުންޏާ ގުޅިގެންނެވެ.

މި ވެކްސިނުން އެވްރެޖް ގޮތެއްގައި ޑެންގީން ރައްކާތެރިކޮށްދޭ ނިސްބަތަކީ 66 ޕަސެންޓެވެ. އަދި ޑެންގީގައި ބޮޑުވަރު ނުވުމުގެ ފުރުސަތު 93 ޕަސެންޓް ކުޑަކޮށްދެ އެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުމުގެ ފުރުސަތު 80 ޕަސެންޓް ކުޑަވެ އެވެ. މިއީ އުމުރުން 9-16 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިނުން ރައްކާތެރިކަން ލިބޭ މިންވަރެވެ.

މި ވެކްސިނުން ޑެންގީގެ ހުރިހާ ވައްތަރުތަކަކާ ދެކޮޅަށް ވެސް މަސައްކަތްކުރާ ކަމަށް، މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ހާމަވެފައިވެ އެވެ.