Roadha Mihaaru
އަޒްހާންގެ ހަށިގަނޑު ފެނުނުއިރު ހުރީ ކަށިތައް އެކަނި

އަޒްހާންގެ ހަށިގަނޑު ފެނުނުއިރު ހުރީ ކަށިތައް އެކަނި

15 އޮކްޓޯބަރ 2022

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް މުހައްމަދު އަޒްހާން މަރުވެފައިވާ އޮއްވައި ފެނުނުއިރު އެތަނުގައި ހުރީ އޭނާގެ ކަށިތައް އެކަނި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް މުހައްމަދު އަޒްހާން މަރުވެފައިވާ އޮއްވައި ފެނުނުއިރު އެތަނުގައި ހުރީ އޭނާގެ ކަށިތައް އެކަނި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ބިލްޑިންގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އަޒްހާން ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 6:20 ހާއިރު ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ކަމަށެވެ.

އެއާ އެކު އާންމުކޮށް މީހުން ގެއްލުމުން ފުލުހުން ހިންގާ ތަހުގީގުތަކާ އެއްގޮތަށް މަސައްކަތް ފެށުނު ކަމަށާއި އޭނާގެ އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބުނު އެހީގައި އޭނާ ދަތުރުކުރާނެ ކަމަށް ބެލެވޭ މަގުތަކުގެ ސީސީޓީވީ ފޫޓޭޖް އެއްކޮށް ބަލާފައިވާ ކަމަށް ބަޝީރު ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވީ އަޒްހާން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިމަހުގެ ދެ ވަނަ ދުވަހު ހުޅުމާލޭގެ ވޯޓާ ޕާކް ސަރަހައްދުގެ ހުޅަނގު ފަރާތުން ވަރަށް ބޮޑަށް ކުނިވެފައި އޮތް ހަށިގަނޑެއް ފެނުނު ކަމަށެވެ. އަދި އެ ހަށިގަނޑުގެ ޑީއެންއޭ ސާމްޕަލުން އެއީ އަޒްހާން ކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަށިގަނޑު ފެނުނު ތަނުގައި އޮތީ ކަށިތަކެއް. އެ ކަށިތައް ނަގައިގެން އަޅުގަނޑުމެން އިންޑިއާއަށް ޕޯސްޓްމޯޓަމަށް ފޮނުވީ ވެސް،" ބަޝީރު ވިދާޅުވި އެވެ.

އޭނާގެ މަރުގެ ހަގީގަތް ހޯދުމަށް އިންޑިއާއަށް ހަށިގަނޑު ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދިއިރު އޭގެ ވަގުތީ ނަތީޖާއާ ހަވާލާދެއްވާ ބަޝީރު ވިދާޅުވީ ބޮޑެތި އަނިޔާތަކެއް އެ ހަށިގަނޑަށް ލިބިފައި ނެތްކަން އެނގޭ ކަމަށެވެ.

އަޒްހާންގެ ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަޒްހާންގެ ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ބަޝީރު ވިދާޅުވި ގޮތުގައި އަޒްހާންގެ ހަށިގަނޑު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯ އާއި ލިންކެއް ދައުރުކުރަމުން އަންނަ ކަމަށާއި އެކަމަކު އެއީ އޭނާގެ ހަށިގަނޑުގެ ފޮޓޯއެއް ނޫން ކަމަށެވެ.

"އެއީ އަޒްހާންގެ ހަށިގަނޑެއް ނޫން. އެ ލިންކަކީ ސްކޭމެއްގެ ގޮތުގައި ދައުރުކުރަމުންދާ ލިންކެއް. ސްކޭމްގެ ޒަރިއްޔާ އިން ނާޖާއިޒް ފައިދާ ހޯދަންވެގެން އެކަހަލަ ކަންކަން އެބަ ހުރި ކޮށްފައި ކުރިން ވެސް. އެކަމަކު އާންމު ރައްޔިތުން އެކަމަށް ސަމާލުވާން ޖެހޭ،"

އަޒްހާން، 27، ގެ މަރުގެ މައްސަލައާ އިތުރު މީހަކާ ގުޅުމެއް އޮތް ކަމަށް މިހާތަނަށް ހިންގި ތަހުގީގަށް ފާހަގަނުކުރެވޭ ކަމަށާއި އެ މައްސަލަ ވެސް އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޒްހާންގެ ހަށިގަނޑު ފުލުހުންނަށް ހޯދުނުއިރު އެ ސަރަހައްދުން ކުނިވަސް ދުވާތީ އެކަން ބައެއް ފަރާތްތަކުން ފުލުހުންނަށް ރިޕޯޓްކުރި ކަމަށްވެ އެވެ.

އެކަމަކު ކުނިވަސް ދުވާކަމަށް އާންމުން ބުނަމުންދިޔައިރު ވެސް އެތަން ބެލުން އެހާ ލަސްކުރީ ކީއްވެތޯ ސުވާލުކުރުމުން ބަޝީރު ވިދާޅުވީ އެތަނުން ކުނިވަސް ދުވާކަމަށް އެއްވެސް މީހަކު ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ސާޗުތައް ކުރިއަށް ގެންދިޔައީ ހަގީގަތުގައި ވެސް ފުލުހުންނަށް ލިބެމުންދިޔަ މައުލޫމާތުގެ އަލީގައި، އެ ވަގުތު އަޅުގަނޑުމެންގެ ސާޗު އެކްސްޕެންޑްކޮށްގެން އެތަން ސާޗުކުރީ،"

ބަޝީރު ވިދާޅުވި ގޮތުގައި އެތަން ބެލުމުގެ ކުރިން ހުޅުމާލެގެ އިތުރުން މާލެއަށް އަތުވެދާނެ ކަމަށް ބެލެވިގެން ކެމެރާތަކާއި އެވަގުތު ހުޅުމާލެ އާއި މާލެއާ ދެމެދު ދުއްވާ ވެހިކަލްތަކުގެ އަދަދު ބަލައި އެ މިންވަރަށް ތަހުގީގު ކުރިއަށް ގެންދިޔަ އެވެ. އަދި އަތޮޅު ތެރޭގެ ރަށަކަށް ދިޔަތޯ އާއި ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަތޯ ބެލުމުގެ މަސައްކަތް ވެސް ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން އެ ދެމެދު ދަތުރުކުރި ވެހިކަލްތަކުގެ ވެރިންނާ ގުޅިގެން ތަހުގީގު ކުރިއަށް ގެންދިއުމުގެ ކުރިން އެ ގަސްތައް ނުބެލި އޮތުމުން އެތަން ވެސް ބެލީ ކަމަށް އޭނާ ވިދާޅުވި އެވެ.