Roadha Mihaaru
އަޒްހާންގެ ފޯނު ފެނުނީ ހަށިގަނޑު ކައިރިން: ޕޮލިސް

އަޒްހާންގެ ފޯނު ފެނުނީ އޭނާގެ ހަށިގަނޑު ކައިރިން: ޕޮލިސް

16 އޮކްޓޯބަރ 2022

ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އަޒްހާންގެ ފޯނު ފެނުނީ އޭނާގެ ހަށިގަނޑު ކައިރިން ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އަޒްހާންގެ ފޯނު ފެނުނީ އޭނާގެ ހަށިގަނޑު ކައިރިން ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.

އަޒްހާން، 27 ގެއްލިގެން އޭނާގެ އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ މަހުގެ 19 ގަ އެވެ. އޭގެ ދެ ހަފުތާ ފަހުން މި މަހުގެ ދެ ވަނަ ދުވަހު އަޒްހާން ފެނުނީ ހުޅުމާލޭގެ ސަހަރާ ބިއްދޮށުގައި އޮންނަ ހުސް ބިމުގައި ކުނިވެފައި އޮއްވަ އެވެ.

އޭނާގެ ހަށިގަނޑު ފެނުމާ ގުޅިގެން އެ ރޭ އެ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައި ވަނީ އަޒްހާންގެ ފޯނު އޭރު ނުފެންނަ ކަމަށެވެ. އެކަމަކު ޖެހިގެން އައި ދުވަހު ފުލުހުން އެ ފޯނު ހޯދާފައިވެ އެވެ.

އެ ފޯނު ފެނުނީ އަޒްހާންގެ ހަށިގަނޑު ކައިރިން ކަމަށް ފުލުހުން "މިހާރު" އަށް އިއްޔެ ބުންޏެެވެ.

އަޒްހާންގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮއްވާ ފެނުނީ މި ގަސްތަކުގެ ތެރެއިން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަޒްހާންގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮއްވާ ފެނުނީ މި ގަސްތަކުގެ ތެރެއިން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަޒްހާންގެ މަރުގެ މައްސަލަ ހިމެނޭ ގޮތަށް ދެ މައްސަލައެއްގެ މައުލޫމާތު ދޭން އިއްޔެ ފުލުހުން ބޭއްވި ޕްރެސް ބްރީފިންގައި ފުލުހުން ބުނީ، އަޒްހާން ފެނުނުއިރު އޮތީ އެ ތަނުގައި ބޮޑަށް ކަށިތައް ކަމަށެވެ. އޭރު އެއީ އަޒްހާން ކަން ނޭނގޭތީ ފުލުހުން އެ ހަށިގަނޑުގެ ސާމްޕަލް ނަގައި ބެލިިއިރު އަޒްހާންގެ ޑީއެންއޭއާ ވަނީ ދިމާވެފަ އެވެ.

އިންޑިއާ އަށް އޭނާގެ ކަށިތައް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައިވާއިރު، އޭގެ ވަގުތީ ނަތީޖާ އިން އެނގޭ ގޮތުގައި ހަށިގަނޑަށް މާބޮޑު އަނިޔާއެއް ލިބިފައި ނެތެވެ. ޕޯސްޓްމޯޓަމްގެ ފުރިހަމަ ރިޕޯޓް ލިބެން ދެ މަހެއްހާ ދުވަސް ވާނެ ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު ފުލުހުންގެ ތަހުގީގުން މިހާތަނަށް ބުރަވެވެނީ އަޒްހާނުގެ މަރުގައި އެއްވެސް މީހަކަށް ޝައްކު ނުކުރެވޭ ކަމެވެ.

ފުލުހުން ބުނީ އަޒްހާން ގެއްލުނު މައްސަލައާ އެކު ވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން މާލެ އާއި ހުޅުމާލޭގެ ޕޮލިސް ސްޓޭޝަންތަކާއި އިންޓެލިޖެންސަށް މައުލޫމާތު ހިއްސާކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އެގޮތަށް ހޯދަން އުޅުމުގެ ތެރެއިން އަޒްހާން ގެންގުޅޭ ފޯނު ނަމްބަރަށް އެންމެ ފަހުން ސިގްނަލް ލިބިފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސެލް ޓަވަރަށެވެ.

ހިޔާ ފްލެޓެއްގެ ކައިރިން ޓެކްސީއަކަށް އަރައިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓް ހައުސްއަކަށް އޭނާ ދިޔަ ކަމަށް ވެސް ސީސީޓީވީ ކެމެރާއިން ފެނެ އެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކާ ދިމާ އަތިރި މައްޗަށް ފޭބި މަންޒަރާއި އެ އަށް ފަހު އަތިރިމަތިން އެއްގަމަށް އަރައިގެން ގޮސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަކަން މަންޒަރު ފެނެ އެވެ.

އެ އަށް ފަހު އޭނާ ދިޔަ ތަނެއް ނޭނގިގެން ރާއްޖެ އިން ބޭރަށް ދިޔަތޯ އާއި އެހެން ރަށަކަށް ނުވަތަ އެ ވަގުތު ސިނަމާލެބްރިޖު މަގުން މާލެ އަށް ދިޔަތޯ ބެލުމަށް ވެސް ފުލުހުން ސީސީޓީވީ ކެމެރާތައް ބެލި އެވެ. އެންމެ ފަހުން ސްކޭޓް ޕާކާ ދިމާލުން ގަސްގަނޑުތެރެ ބެލީ، ބްރިޖުން ދިޔަ ވެހިކަލްތަކުގެ ވެރިންނާ ވާހަކަ ދެއްކުމުގެ ކުރިން އެ ތަން ނުބެލި އޮތުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.