Roadha Mihaaru
ދެވަނަ ދައުރެއް ލިބިއްޖެނަމަ ވަގުން ހާމަކުރާނަން:ޔާމީން

ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ހަގީގީ ވަގުން ހާމަކުރާނަން: ޔާމީން

15 އޮކްޓޯބަރ 2022

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމަށް ކާމިޔާބުވެއްޖެ ނަމަ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ހަގީގީ ވަގުންނަކީ ކޮން ބައެއްކަން ހާމަކޮށްދެއްވުމަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމަށް ކާމިޔާބުވެއްޖެ ނަމަ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ހަގީގީ ވަގުންނަކީ ކޮން ބައެއްކަން ހާމަކޮށްދެއްވުމަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހއ. އަތޮޅަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގައި ބައިވެރިވި އަސްލު މީހުން ހާމަކުރެއްވުމަކީ އެ މަނިކުފާނުގެ އެންމެ އިސްކަން ދެއްވާނެ އެއް ކަންތައް ކަމަށެވެ. ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، ރައްޔިތުންނަށް އެކަން ހާމަކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް މި ފުރުސަތު ލިބިއްޖެ ކަމަށްވާ ނަމަ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކޮބައިތޯ ފައިސާ ނަގާފައި ތިބި ބަޔަކީ ކޮބައިތޯ ވައްކަން ކޮށްފައި ތިބި ބަޔަކީ ކޮބައިތޯ ކޮރަޕްޝަން ހިންގާފައި ތިބި ބަޔަކީ އަޅުގަނޑު ބޭނުންވޭ އެކަން ހާމަކުރަން،" މިހާރުގެ އިދިކޮޅު ލީޑަރު ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމުން އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމުން އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް

ހަގީގީ ވަގުންނަކީ ތިބީ މި ސަރުކާރުގައި ކަމަށާއި އެގޮތުން ނައިބު ރައީސަކަށް އަހުމަދު އަދީބު ހުންނެވިއިރު، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައިސާ ގެންދެވި ކަމަށާއި އަދި ސަރުކާރު ކޯލިޝަންގައި ވެސް ތިބީ ހިޔާނާތުގެ ފައިސާ ނެންގެވި ބޭފުޅުން ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"މީހުންނާ ދިމާލަށް ވަގަށް ގޮވިދާނެ. އެކަމަކު މައްސަލަ ބަލާލީމާ އެނގޭނީ ކޮން ބައެއްކަން ވަގުންނަކީ. ބޮޑެތި ވަގުން ތިބީ އެމްޑީޕީ ސަރުކާރުގައި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ބައެއް ބޭފުޅުން އެ މަނިކުފާނަށް ކުރެއްވި ތާއީދު އަނބުރާ ގެންދިޔައީ އެމަނިކުފާނުގެ ވެރިކަމުގައި އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލަ ބަލަން އުޅުމުންނެވެ.

ޕީޕީއެމުން އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމުން އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް

"މިހެން ގެއްލިފައި ހުރި ފައިސާ ރައްޔިތުންގެ ހައްގުގައި އަނބުރާ ހޯދަން ކުރި މަސައްކަތް އެ ބޭފުޅުންނަށް ކަމުނުދިޔައީ. އެކަމަކު މިކަން ބެލީމަ ދެއްތޯ އެނގޭނީ ކާކުތޯ ފައިސާއަށް ހިޔާނާތް ވެގެން މި ހުރީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ މިރޭ ވަރަށް ޔަގީންކަމާއެކު ވިދާޅުވީ، އެ މަނިކުފާނުގެ މައްޗަށް މިހާރު ވެސް ތުހުމަތުކުރާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި މީހުން ޕީޕީއެމްގެ ސަރުކާރެއްގައި ހޯދައި އެ މީހުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އެ ފައިސާގައި އެންމެ ގިނައިން ޖެހިފައި ތިބީ ވެސް އެމްޑީޕީގެ މެމްބަރުން ކަމަށް ޔާމީން ވަރަށް ޔަގީންކަމާއެކު ވިދާޅުވި އެވެ.

ޕީޕީއެމުން އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޔާމީނާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބައެއް ވެރިން.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމުން އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޔާމީނާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބައެއް ވެރިން.---ފޮޓޯ: ޕީޕީއެމް

މި ސަރުކާރަށް ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ، ހަނިމާދޫން ރައްޔިތުން ބާލާނެ ކަމަށާއި އެކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.. އަދި އެތަން ދޭނީ އިންޑިއާއަށް ކަމަށް ވިދާޅުވި އެވެ. ރާއްޖެ މިހާރު އޮތީ އިންޑިއާއަށް އަޅުވެތިވެފައި ކަމަށާއި އެ ފުރުސަތު ދިނީ މި ސަރުކާރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.