Roadha Mihaaru

ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!

ޕީޕީއެމްގެ ވެރިކަމުގައި 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު މަޝްހޫރު "ފެބްރުއަރީ 1" ގެ އަމުރާ ހަމައަށް ސަރުކާރާއި ޕީޕީއެމުން ދިޔައީ އެ ކޯޓަށް އޮތް ފުރިހަމަ އިތުބާރުގެ ވާހަކަ ދައްކައި ދިފާއުކުރަމުންނެވެ. ޖަލުގައި ތިއްބެވި އޭރުގެ އިދިކޮޅު ލީޑަރުންނާއި ސިޔާސީ ބޭފުޅުން މިނިވަންކުރުމުގެ ހުކުމާ އެކު، އެ ހުރިހާ ކަމެއް އަނެއްކޮޅަށް ބަދަލުވީ އެވެ. މިއަދު ވެސް އެ މަންޒަރެވެ.

ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

09 ފެބުރުއަރީ 2022

ޕީޕީއެމްގެ ވެރިކަމުގައި 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު މަޝްހޫރު "ފެބްރުއަރީ 1" ގެ އަމުރާ ހަމައަށް ސަރުކާރާއި ޕީޕީއެމުން ދިޔައީ އެ ކޯޓަށް އޮތް ފުރިހަމަ އިތުބާރުގެ ވާހަކަ ދައްކައި ދިފާއުކުރަމުންނެވެ. ޖަލުގައި ތިއްބެވި އޭރުގެ އިދިކޮޅު ލީޑަރުންނާއި ސިޔާސީ ބޭފުޅުން މިނިވަންކުރުމުގެ ހުކުމާ އެކު، އެ ހުރިހާ ކަމެއް އަނެއްކޮޅަށް ބަދަލުވީ އެވެ. މިއަދު ވެސް އެ މަންޒަރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު އެމްޑީޕީގެ އިސް ބޭފުޅުންގެ ބަހުގެ ހަމަލާތައް އޮތީ ކޯޓުތަކާއި ފަނޑިޔާރުންނަށެވެ. އެންމެ ފުރަތަމަ އެކަމާ ފާޅުގައި ވާހަކަ ނުދެއްކެވި ނަމަވެސް އެންމެ ފަހުން އާންމުންގެ ތެރޭ އެ ވާހަކަ ދައްކަވަން ފެއްޓެވީ އެވެ.

ވޭތުވެދިޔަ ތިން އަހަރު މި ސަރުކާރާއި އެމްޑީޕީން އެންމެ ފަޚުރުވެރިކަމާ އެކު ދެއްކި އެއް ވާހަކަ އަކީ ޝަރުއީ ދާއިރާއަށް އައިސްފައިވާ ބަދަލުތަކެވެ. ވަކިން ޚާއްސަކޮށް، ސުޕްރީމް ކޯޓަށް އައިސްފައިވާ ހެޔޮ ބަދަލެވެ. އެކަން ގިނަ ބަޔަކު ގަބޫލު ވެސް ކުރެ އެވެ. އެކަމަކު މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ އެކު، އެ ބޭފުޅުންގެ ރާގު ބަދަލުވީ އެވެ.

ޔާމީން މިނިވަންވުމުން އެންމެ ފުރަތަމަ އެމްޑީޕީގެ އިސް ބޭފުޅުން ދެއްވީ ވަކި ތާރީޚެއްގެ ކުރިން އެ މަނިކުފާނު އަލުން ޖަލަށްލާނެ ކަމުގެ އިންޒާރެވެ. ދެން އައީ އެންމެ އަކުރެއް ނުވަތަ ފިއްޔެއްގެ މައްސަލާގައި ޔާމީން މިނިވަންވީ ކަމަށް ބުނެ ފާޑުކިޔުމެވެ. އެންމެ ފަހުން ދުރުދުރުން ވާހަކަ ދެއްކުމުގެ ބަދަލުގައި ދެން އައީ ސީދާ އިންޒާރެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މި ހަފްތާގައި ގޮވައިލެއްވީ ޔާމީން ޖަލަށްލާން ހުކުމް ނުކުރާ ފަނޑިޔާރުން މަގާމުން ދުރުކުރުމަށެވެ.

ޔާމީން މިނިވަންކުރި ހުކުމާ މެދު "އަޖައިބުވާ" ކަމަށް ވިދާޅުވެ، އާޒިމް ދެއްކެވި ސަބަބަކީ ޔާމީންގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރުމާއި އެ މަނިކުފާނުގެ ގެކޮޅު އިމާރާތް ކުރަމުންދާ ދިއުމެވެ. އެކަމަކު އެއީ ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލެއް ވެސް ނޫން

"ފަނޑިޔާރުން އެކަން ނުކޮށްފިއްޔާ އަޅުގަނޑުމެން މި ތިބީ ވަކިކުރަން ޖެހުނު ކޮންމެ ބަޔަކު ވަކިކުރަން ނުކުމެ ތައްޔާރަށް،" ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އާޒިމް ވިދާޅުވި އެވެ.

ޔާމީން މިނިވަންކުރި ހުކުމާ މެދު "އަޖައިބުވާ" ކަމަށް ވިދާޅުވެ، އާޒިމް ދެއްކެވި ސަބަބަކީ ޔާމީންގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރުމާއި އެ މަނިކުފާނުގެ ގެކޮޅު އިމާރާތް ކުރަމުންދާ ދިއުމެވެ. އެކަމަކު އެއީ ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލެއް ވެސް ނޫނެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުން ބަޔަކަށް ގަބޫލު ކުރެވުނަސް ނުވަތަ ނުކުރެވުނަސް، އެއީ މަޖިލީހާއި ސަރުކާރާއި ރައްޔިތުން ހިމެނޭހެނެން އެންމެން ތަބާވުން ލާޒިމް އަދި އެންމެ ފަހުގެ ނިިންމުމެވެ.

ޔާމީންގެ އެކައުންޓްގައި "ގޮތް ނޭނގޭ ފައިސާ ހުރި ކަމަށް" ހުރިހާ ފަނޑިޔާރުންނާއި އެންމެން އިއްތިފާގުވާ ކަމަށާއި އެހެންވެ ޖަލުން ސަލާމަތްވި ގޮތާ މެދު އަޖައިބުވާ ކަމަށް އާޒިމް ވިދާޅުވި އިރު، ޔާމީން ސަލާމަތްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ ކޮން ފައިސާއެއްކަން ހޯދިފައި ނުވުމެވެ. ގާނޫނީ ގޮތުން ބަލާއިރު އެއީ އަޖައިބުވާންޖޭ ކަމެއް ނޫނެވެ. އެއީ ހުކުމް އިއްވީ އެންމެ މަތީ، ފަހު މަރުހަލާގެ ކޯޓުން ކަމަށް ވާއިރު ފަހުން ކުރާ ތަހުގީގަކުން އެއީ ދައުލަތުން ގެއްލުނު ފައިސާކަން ކަށަވަރު ނުވެއްޖެ ނަމަ ނުވަތަ ރަނގަޅު މުއާމަލާތެއްކަން އެނގުނަސް ޔާމީންގެ ޖަލު ހުކުމް ދެމިއޮންނާނެތީ އެވެ.

މަޖިލީހަށް، އަމިއްލަ އިސް ނެގުމުގައި ފަނޑިޔާރުން ވަކިކުރުމުގެ ބާރެއް ނެތަސް، ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފުރިހަމަ ކޮންޓްރޯލް އޮތީ މަޖިލީހާއި ސަރުކާރުގަ އެވެ. އާޒިމް އެ ވާހަކަ ދެއްކިއިރު އެކަމަށް ފުރުސަތު ދެއްވައިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ޖޭއެސްސީގެ މެމްބަރެއް ކަމަށްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ޖޭއެސްސީގެ ރައީސަކީ އެމްޑީޕީއަށް ނިިސްބަތްވެ ވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ.

މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ/މަޖިލިސް

މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ/މަޖިލިސް

ޔާމީނަށް ދައުވާކުރާ އިތުރު ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެގޮތަށް ވިދާޅުވުމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމެވެ. އަދި މަޖިލީހުގެ ރައީސް ނޫނަސް، މަޖިލީހުން އައްޔަންކޮށް އަދި ވަކިކުރެވޭނެ އެތައް މެމްބަރުންނެއް ޖޭއެސްސީގައި ތިބުމުން އެއީ އެ ކޮމިޝަންގެ މެމްބަރުންނަށް ވެސް ނުފޫޒު ފޯރުވުން ނޫން ކަމަކަށް ނުވާނެ އެވެ. ހަމައެހެންމެ، ފާޅުގައި ފަނޑިޔާރުންނަށް އިންޒާރު ދޭއިރު ވެސް ޖޭއެސްސީ އޮތީ ހިމޭނުންނެވެ.

ޔާމީންގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ލިބުނު ހައިރާން ކަމާ އެކު ވެސް، އެމްޑީޕީގެ މެމްބަރުން އެންމެ ފުރަތަމަ އެކަން ދެއްކީ ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނެތްކަމުގެ ހެއްކެއްގެ ގޮތުގަ އެވެ. އެކަމަކު ޔާމީންގެ ސިޔާސީ މަސައްކަތްތައް އަލުން ފެއްޓެވުމާ އެކު، ރާގު ބަދަލުވެ، ފަނޑިޔާރުންނަށް ބަހުގެ ހަމަލާތައް އަމާޒު ކުރުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވައުދާ މެދު ސުވާލު އުފައްދަން ލިބޭ ޖާގަައަކަށް ނޫނީ ނުވެ އެވެ.

މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތްތަކާ ބެހުމުގެ ބާރެއް ދައުލަތުގެ އެއްވެސް މަގާމެއްގައި ހުރި ބޭފުޅަކަށް ނޯންނާނެ ކަމަށާއި އެހެންވެ، ޔާމީންގެ މައްސަލާގައި ވަކި ގޮތަކަށް އަމަލު ނުކޮށްފި ނަމަ މަގާމުން ދުރުކުރާނެ ކަމަށް ބުނުމުން އެ ދެވެނީ އެހެން މެސެޖެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ބަދަލުގައި އެ ޕާޓީގެ ބާރުގެ ދަށަށް ޝަރުއީ ދާއިރާ ގެންދިއުންކަން އެ ވާހަކައިން ހާމަވާ ކަމަށެވެ.

"ޖަލަށްލަންޏާ ލާންޖެހޭނީ ޝަރީއަތަށް އެކަން ސާބިތުވީމާ. އެއީ އެމްޑީޕީ މެމްބަރުން ބޭނުންވީމާ ކުރަންޖެހޭ ކަމެއް ނޫން. މިހާރު އެ ބުނަނީ ތިމަންނަމެން ބޭނުންވާ ގޮތަށް ހުކުމްކުރާ ފަނޑިޔާރުންނޭ ތިބެން ޖެހޭނީ. އެއީކީ ނޫން ރައްޔިތުން ބޭނުންވާ ގޮތަކީ އަދި ގާނޫނުއަސާސީގައި ވެސް އޮތް ގޮތަކީ. އެހެންވީމާ ޝަރުއީ ދާއިރާ މިނިވަން ކުރުމުގެ ވާހަކައިގެ އެއްވެސް އިހްލާސްތެރިކަމެއް ނެތްކަން މިކަމުން ވެސް މި އެނގެނީ،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން އެގޮތަށް ވާހަކަ ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެކެވެ. އަދި އެފަދަ މައްސަލަތައް ކޯޓުތަކުގެ އިސް ނެގުމުގައި ބެލުމުގެ ފުރުސަތު އޮންނަ ކަމަށާއި އެހެންވެ، އެ މައްސަލަ ބަލައި، ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ވާހަކަ ދެއްކީ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރަކު ކަމަށް ވެސް، އެކަމަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމުން މުޒާހަރާކުރަނީ. -- ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމުން މުޒާހަރާކުރަނީ. -- ފޮޓޯ: މިހާރު

މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޔާމީން އަނބުރާ ޖަލަށް ގެންދާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ އިސް ބޭފުޅުން އެކި ގޮތްގޮތަށް އިންޒާރު ދެއްވާފައި ވަނިކޮށް މަޖިލީހުގައި އާޒިމް އެގޮތަށް ވާހަކަ ދެއްކީ ރާވައިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ. އަދި މީގެ ކުރިން މަޖިލީހުގައި ކަންކަން ހިނގާފައި ހުރި ގޮތަށް ބަލާއިރު، އެކަމުގެ ސަބަބުން ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނުރަސްމީ ސިފައެއްގައި ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތެރެއިން އެ މަޝްވަރާ ކޮށްފައި އެ ވާހަކަ އެ ދެއްކީ. މީގެކުރިން ޖަލްސާތަކުގައި މިވެނި ފަނޑިޔާރުންތަކެއް ވަކިކުރާނަމޭ ބުނެފައި އެ ފަނޑިޔާރުން ވަކިކޮށްފައި އެބަހުރި. އެހެންވީމާ އެއީ ނުފޫޒު ފޯރުވުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީން މިނިވަންވުމާ ދެކޮޅަށް އެމްޑީޕީގެ އިސް ބޭޭފުޅުން ވާހަކަ ދައްކަވާއިރު، ޔާމީނަށް ދައުވާކުރާ ދެން ހުރި މައްސަލަތަކަށް އެކަމުގެ އަސަރު ދަނީ ކުރަމުންނެވެ. ޔާމީންގެ މައްސަލަ އާއި ޔޫތު މިނިސްޓަރު މަހްލޫފްގެ މައްސަލާގެ ޝަރީއަތް ތާވަލް ކުރުމުގައި ތަފާތުކޮށް އަމަލު ކޮށްފައިވާކަން އެކަމާ ގުޅުވައިގެން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެގޮތަށް އެކަން ހިނގާއިރު ވެސް، ޖޭއެސްސީ ހިމޭނުން އޮތުމުން ކަންބޮޑުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ މައްސަލައާ ހަމައިން ފެނިގެން ދިޔައީ އެމްޑީޕީއަށް ޝަރުއީ ދާއިރާ ގޯސްވި މަންޒަރެވެ. އެކަމަކު ކޯޓުތަކާއި ފަނޑިޔާރުންނަކީ އެއިރެއްގައި އޮންނަ ސަރުކާރެއް ނުވަތަ ސަރުކާރު ހިންގާ ޕާޓީއަކުން ރުހޭ ގޮތަކަށް ކަންކަން ކުރަންޖެހޭ ބައެއް ނޫނެވެ. އެހެން ނޫން ނަމަ، ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތުމުގެ ބޭނުމެއް ވެސް ނެތެވެ. އެހެންވެ، ކޯޓުތަކާއި ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާ އެކު، މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހެ އެވެ. އެކަމަކު އޭރު ވެސް މިހާރުވެސް އެ މަންޒަރެއް ނުފެނެ އެވެ.