Roadha Mihaaru
ލަމްހާ ބޭނުންވަނީ ހެކިބަސް ދޭއިރު ކޯޓަށް ހާޒިރުވާން

ލަމްހާ ބޭނުންވަނީ ހެކިބަސް ދޭއިރު ކޯޓަށް ހާޒިރުވާން

16 އޮކްޓޯބަރ 2022

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރުގެ މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ އިން ފެށިގެން ކޯޓަށް ހާޒިރުވާން ބޭނުން ކަމަށް އެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފަރާތުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރުގެ މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ އިން ފެށިގެން ކޯޓަށް ހާޒިރުވާން ބޭނުން ކަމަށް އެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފަރާތުން މިއަދު ބުނެފި އެވެ.

މޭރީ މަރައިލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ދައުވާ ކުރާއިރު، އެ ކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް އެހެން ދައުވާތަކެއް ކުރެ އެވެ.

މާވިންގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާ އަށް ކުރާ ދައުވާތަކަކީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމެވެ.

މިއަދުގެ ހެކިބަސް ނަގަން ފަށަން ހަމަޖެހިފައި އޮތް އަޑުއެހުމުގައި ލަމްހާގެ ވަކީލު އަހުމަދު ޔާމީނާއި އަބްދުﷲ ޝާއިރު އެދުނީ ހެކިބަސް ނެގުމުގެ މަރުހަލާގައި ލަމްހާ ކޯޓަށް ހާޒިރުވެގެން ހެކިބަސް ނަގާ ގޮތަށް ހަމަޖައްސައިދިނުމަށެވެ.

ލަމްހާ މިހާތަނަށް ގިނަ އަޑުއެހުންތަކުގައި ބައިވެރިވެފައި ވަނީ މާފުށީ ޖަލުން އޮންލައިންކޮށެވެ. އެކަމަކު، އޭނާގެ ވަކީލުން މިއަދު ވިދާޅުވި ގޮތުގައި ހެކިބަސް ނެގުމުގެ މަރުހަލާގައި ދައުވާ ލިބޭ ފަރާތާއި ވަކީލުން ކައިރިކައިރީގައި ތިބުމުން ހެކިންނާ ސުވާލު ކުރާއިރު ފަސޭހަތަކެއް ލިބޭނެ އެވެ. މިއަދު ހެކިބަސް ނަގަން ތައްޔާރުވެ، ކޯޓަށް ހެކިން ހާޒިރުކުރި އިރު، ދައުލަތުގެ ވަކީލުން ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އެނގިފައި ނުވާ ކަމަށް ވެސް ލަމްހާގެ ވަކީލުން ވިދާޅުވި އެވެ

ލަމްހާ ކޯޓަށް ހާޒިރުވެ، ޝަރީއަތް ބާއްވަން ބޭނުންވާ ކަމަށް ބުނުމުން އެ ކަމަށް ދައުލަތުން އިއުތިރާޒު ނުކުރި ނަމަވެސް ދައުލަތުން ބޭނުންވީ މިއަދު ކޯޓަށް ހާޒިރުވި ހެކިވެރިންގެ ހެކިބަސް ނަގައި ނިންމުމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބެއްލެވުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ނިންމެވީ، ލަމްހާ އަށް ކޯޓަށް ހާޒިރުވުމުގެ ފުރުސަތު ދިނުމަށެވެ. އެހެންވެ.މިއަދުގެ އަޑުއެހުން ނިންމައިލީ ހެކިބަސް ނުނަގަ އެވެ.

ހެކިބަސް ނުނަގަން ނިންމުމުން ދައުލަތުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ފާހަގަކުރީ، ދައުލަތުން ގެނައި ހެކިވެރިންނަކީ އެކި ވަޒީފާތައް އަދާކުރާ މީހުން ކަމަށާއި އެ މީހުން ކޯޓަށް ދިޔައީ ވެސް ވަގުތު ހުސްކޮށްގެން ކަމަށެވެ. އެހެންކަމުން، ހެކިބަސް ނެގުން ފަސ ކުރުން ވަނީ ދައުލަތަށާއި ހެކިވެރިންނަށް ތަކުލީފަކަށް ކަމަށް ވެސް ދައުލަތުގެ ވަކީލު އެވެ.

މުޅި ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރު ކުރަން ވެސް ލަމްހާގެ ފަރާތުން މިއަދު އެދުނެވެ. އެއީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅިދާނެ ހާލަތެއް އޮތް ކަމަށް ބުނެ އެވެ.

ކޯޓުން ބަލަމުންދާ މައްސަލައަކީ ޖިނާއީ ބޮޑު މައްސަލައަކަށް ވާއިރު ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި ނޫސްތަކުން ރިޕޯޓު ކުރާ ގޮތުން އެކި ގޮތްގޮތަށް ދައުވާ ލިބޭ ފަރާތްތަކާ ބެހޭގޮތުން ވާހަކަ ފަތުރާ ކަމަށް ވަކީލު ޔާމީން މިއަދު ވިދާޅުވި އެވެ.

ދިފާއުން އެގޮތަށް އެދި ފޮނުވި ސިޓީއާ ގުޅޭ ގޮތުން ވާހަކަ ދައްކައި އެކަމާ ބެހޭގޮތުން ގޮތެއް ނިންމުމަށް ނޫސްވެރިން ބޭރުކުރުމަށް ފަހު ފާއިޒު އަޑުއެހުން ކުރިއަށް ގެންދެވި އެވެ. އޭނާ ނިންމެވީ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ސިއްރު ނުކޮށް، ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށެވެ.

ގާޒީ އިއުލާނު ކުރެއްވި ގޮތުގައި ދެން ހެކިބަސް ނެގުމުގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.