Roadha Mihaaru
މޭރީގެ މަރު: ސިޑިން އަރަނިކޮށް އަޑެއް އިވުނު

މޭރީގެ މަރު: ސިޑިން އަރަނިކޮށް އަޑެއް އިވުނު

06 ނޮވެމްބަރ 2022

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރުވި ދުވަހު އޭނާ ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ސިޑިން އަރަނިކޮށް އަޑެއް އިވުނު ކަމަށް މިއަދު ދައުލަތުގެ ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރުވި ދުވަހު އޭނާ ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ސިޑިން އަރަނިކޮށް އަޑެއް އިވުނު ކަމަށް މިއަދު ދައުލަތުގެ ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ދައުވާ ކުރާއިރު، އެ ކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އެހެން ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް އެހެން ދައުވާތަކެއް ކުރެ އެވެ. މާވިންގެ މައްޗަށް، އެނގި ހުރެ މީހަކު މެރުމުގެ ދައުވާކޮށްފައި ވާއިރު، ލަމްހާއަށް ކުރާ ދައުވާތަކަކީ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމެވެ.

މާވިންއާއި ލަމްހާ ސީދާ ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ ފަށާފައި ވާއިރު، މީގެ ކުރިން ހެކިބަސް ނަގާފައި ވަނީ މޭރީ އާއި މާވިން ދިރިއުޅުނު އުދުހޭކޮކާގޭގައި ދިރިއުޅޭ އަދި ހާދިސާ ހިނގި ދުވަހު އެ ގޭގެ ސިޑިން އަރައި ފޭބި ހަތަރު މީހެއްގެ އެވެ. މިއަދު ވެސް ހާޒިރުކުރީ އެ ގޭގައި ދިރިއުޅޭ ދެ މީހެކެވެ.

ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ފުރަތަމަ ހެކިވެރިޔާ އަބްދުﷲ ހުމައިދު، ކިޔައިދިން ގޮތުގައި އުދުހޭކޮކާގެއަކީ ކޮންމެ ކޮންމެ މީހަކަށް ވަދެ ނުކުމެވޭ ގެއެއް ނޫނެވެ. އޭނާ ބުނި ގޮތުގައި އެ ގެއަށް ވަދެވޭނީ ދޮރު ހުޅުވަން ބޭނުންކުރާ ޓެގުންނެވެ. އޭގެ އިތުރުން އެ ގޭގެ އެޕާޓްމެންޓުތައް ހުންނަ ގޮތާއި ސިޑިމަތި ހުންނަ ގޮތް ވެސް އޭނާ ކިޔައިދިނެވެ. އަދި އެ ގޭގައި ލިފްޓެއް ނުހުންނަ ކަމަށް ވެސް ބުންޏެވެ.

ލ. ގަމު މެޖިސްޓްރޭޓު ކޯޓުގައި ހުރެގެން އޮންލައިންކޮށް ހެކިބަސް ދެމުން އޭނާ ބުނީ ހާދިސާ ހިނގި ކަމަށް ފުލުހުން ބުނާ ވަގުތުގައި އޭނާ އެ ގޭގެ ސިޑިން ތިރިއަށް ފޭބި ކަމަށެވެ. އޭނާ ސިޑިން ފޭބި އިރު ސިޑިމަތިން އިތުރު އެއްވެސް މީހަކާ ދިމާނުވާ ކަމަށް ބުންޏެވެ.

ތިރިއަށް ފޭބި ވަގުތު ސީދާ ބުނަން ނޭނގުނަސް އޭނާ ބުނި ގޮތުގައި އެއީ މެންދުރު ސްކޫލު ނިމުނު ވަގުތެވެ. އޭނާ އެވަގުތު ތިރިއަށް ދިޔަ އިރު އޭނާގެ މަންމަ އާއި ކޮއްކޮ ސްކޫލުން އައިސް ގޭ ބޭރުގައި ހުރި ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ދިޔަ ފަހުން މަންމަމެން މައްޗަށް އެރި ކަމަށް ބުންޏެވެ.

ދެވަނަ ހެކިވެރިޔާ އައިޝަތު ވަފާ ކްރިމިނަލް ކޯޓަށް ހާޒިރުވެ ކިޔައިދިން ގޮތުގައި އޭނާ ދަރިފުޅު ގޮވައިގެން ސްކޫލުން ގެއަށް އައީ މެންދުރު 12:30ގެ ފަހުންނެވެ.

އޭނާ ބުނި ގޮތުގައި ސިޑިން މައްޗަށް އެެރި ވަގުތު، ގްރޭޑު 10ގައި އުޅޭ އޭނާގެ އަންހެން ދަރިފުޅު އޭނާ ގާތުގައި އަޑެއް އިވިގެން ސުވާލުކުރި ކަމަށެވެ. ހެކިވެރިޔާ ބުނި ގޮތުގައި އޭނާއަށް ވެސް ކުޑަކޮށް އަޑެއް އިވުނުހެން ހީވި އެވެ. އެހެންވެ، ސިޑިިމަތީގައި އަޑުއިވުނު ދިމާލެއް ބަލަން ވެސް މަސައްކަތް ކުރި ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަކު، އޭނާ ބުނީ އެއްވެސް މީހަކު ފެންނަން ނެތުމުން މައްޗަށް އެރީ ކަމަށެވެ.

އޭނާ ބުނި ގޮތުގައި، އިވުނު އަޑަކީ ހާދިސާއާ ގުޅޭ އަޑެއް ކަމަށް އެންމެ ފުރަތަމަ ހިތަށް އެރީ މީހަކު މަރުވެގެން އުޅޭ ކަމުގެ ހަބަރު ލިބުމުންނެވެ.

އޭނާ ވެެސް ބުނި ގޮތުގައި ސިޑިން ފޭބި ގަޑީގައި ވެސް އަދި އެރި ގަޑީގައި ވެސް އިތުރު އެއްވެސް މީހަކާ ސިޑިމަތިން ދިމައެއް ނުވެ އެވެ.

މާވިންގެ ދިފާއީ ވަކީލު އިސްމާއިލް މުހައްމަދު މިއަދު ވަނީ އެ ދެ މީހުން ވެސް ހާދިސާ ހިނގި ދުވަހާއި ވަގުތު ނޭނގޭ ކަމަށް ބުނާތީ އެ ވަގުތުތައް އެނގުނީ ފުލުހުން އެ މީހުން ގެންގޮސް ބުނުމުންތޯ ސުވާލުކޮށްފަ އެވެ. ދެ ހެކިވެރިން ވެސް ބުނީ ވަގުތުތައް ބަލާފައި ވަނީ ފުލުހުން ގެންގޮސްގެން ދެއްކި ސީސީޓީވީ ވީޑީއޯއިން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިން ހަމަޖެހުނީ ހަތަރު ހެކިވެރިއެއްގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް، ދެ ހެކިވެރިއަކު ކޯޓަށް ހާޒިރުނުކުރެވިގެން ހެކިބަހެއް ނުނަގަ އެވެ.

އަޑުއެހުން ނިންމަވާލައްވަމުން، ގާޒީ ހުސެއިން ފާއިޒު ރަޝާދު ވިދާޅުވީ ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ އަށް ވަނަ ދުވަހު ކަމަށެވެ.

މޭރީ މަރުވެގެން މާވިން ފުރަތަމަ އެކަން ރިޕޯޓުކުރީ އަމިއްލައަށް މަރުވުމުގެ ހާދިސާއެއްގެ ގޮތުގަ އެވެ. އެކަމަކު، ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަވެގެން ފުލުހުން އޮޓޯޕްސީ ހެދުމުން ކަށަވަރުވީ އޭނާ މަރާލާފައިވާ ކަމެވެ.

ދައުލަތުން ބުނާ ގޮތުގައި މޭރީ މަރާލީ މާވިން އާއި ލަމްހާއާ ދެމީހުން ރާވައިގެންނެވެ. އެ މީހުން ފިޔަވައި އިތުރު ބަޔަކަށް އޭނާ މަރާލުމުގެ ފުރުސަތު ނެތް ކަމަށް ވެސް ބުނެފައިވެ އެވެ. މާވިން އާއި ލަމްހާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި އެކަން މޭރީއަށް ސިއްރު ކުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެ ދެ މީހުން ވެގެން މޭރީ މަރާލަން ރާވާފައިވާކަން އެނގޭނެ މެސެޖުތައް ވެސް އެބަ ހުރި ކަމަށް ދައުލަތުން ބުނެފައިވެ އެވެ. މައްސަލަ ސާބިތު ކުރަން ދައުލަތުން ވަނީ 110 ހެކި ހުށަހަޅައިފަ އެވެ.