Roadha Mihaaru
ލިވަޕޫލުން ސިޓީ ބަލިކޮށްފި، ހުރިހާ އުފަލެއް އާސެނަލަށް

ލިވަޕޫލުން ސިޓީ ބަލިކޮށްފި، ހުރިހާ އުފަލެއް އާސެނަލަށް

16 އޮކްޓޯބަރ 2022

ޕްރިމިއާ ލީގުގައި މިރޭ ގަދަފަދަ މެންޗެސްޓާ ސިޓީ 1-0 އިން ބަލިކޮށް، ފޯމުން ކަޓާފައިވާ ލިވަޕޫލުން އެ ޓީމުގެ ފެންވަރުހުރިކަން ސާބިތުކޮށްދީފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޕްރިމިއާ ލީގުގައި މިރޭ ގަދަފަދަ މެންޗެސްޓާ ސިޓީ 1-0 އިން ބަލިކޮށް، ފޯމުން ކަޓާފައިވާ ލިވަޕޫލުން އެ ޓީމުގެ ފެންވަރުހުރިކަން ސާބިތުކޮށްދީފި އެވެ.

އެކަމަކު ލިވަޕޫލްގެ މި މޮޅާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ލީޑްސް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވި އާސެނަލް އަށެވެ.

އާސެނަލް ވަނީ މި ނަތީޖާއާ އެކު ތާވަލުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމަށް 27 ޕޮއިންޓް ލިބިފައިވާއިރު ސިޓީ ދެ ވަނައިގައި އޮތީ 23 ޕޮއިންޓާ އެކު އެވެ. އެ އަދަދަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ޓޮޓެންހަމް ހޮޓްސްޕާސް އޮތީ ތިން ވަނައިގަ އެވެ. އެ ޓީމު ވަނީ ރޭ އެވަޓަން 2-0 އިން ބަލިކޮށްފަ އެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި ހޯދި މޮޅާ އެކު އެ ޓީމުގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް މިވަނީ އޭނާ އެ ކްލަބާ ގުޅުނު ފަހުން އަމިއްލަ ދަނޑުގައި ބަލިނުވުމުގެ ސިލްސިލާ އަށް ބޮޅެއް އިތުރުކޮށްފަ އެވެ.

ލިވަޕޫލްގެ ހަމައެކަނި ލަނޑު 76 ވަނަ މިނެޓުގައި ވައްދާލީ މިސްރު ފޯވާޑް މުހައްމަދު ސަލާހެވެ. ހާފުގެ ކުރީކޮޅު ވެސް ސަލާހު ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. އޭގެ ފަހުން ފިލް ފޮޑެން ސިޓީ އަށް ލަނޑެއް ޖަހައިދިން ވެސް މެ އެވެ. އެކަމަކު އެ ގޯލް ޖަހަން މަގުފަހިވީ ހަމަލާގައި އާލިން ހާލަންޑް ފައުލްކޮށްފައިވާތީ ރެފްރީ އެ ގޯލް ކެންސަލްކުރީ އެވެ.

އާސެނަލުން ރަށުން ބޭރުގައި ލީޑްސް އަތުން މޮޅުވީ 35 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ޖެހި ގޯލުންނެވެ.

މިރޭ ޗެލްސީން ވަނީ ރަށުން ބޭރުގައ އެސްޓަން ވިލާ 2-0 އިން ބަލިކޮށް 19 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތަރު ވަނަ އަށް އަރައިފަ އެވެ. ދެ ގޯލް ވެސް ޖެހީ މޭސަން މައުންޓެވެ. އާ ކޯޗު ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން އެ ޓީމު އަދި ބައްޔެއް ނުވެ އެވެ.

ޗެލްސީގެ ފަހަތުގައި 16 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވަނީ މިރޭ ނިއުކާސަލް ޔުނައިޓެޑާ އަމިއްލަ ދަނޑުގައި 0-0 އިން އެއްވަރުވެފަ އެވެ.