Roadha Mihaaru
ވާނުވާގައި ގިނައީ ޑްރަގް ވިޔަފާރި، ކުޑަކުދިންނާ ބެހުން

"ވާނުވާގައި" 300 އަށް ވުރެ ގިނަ މީހުން؛ ގިނައީ ޑްރަގް ވިޔަފާރި އަދި ކުޑަކުދިންނާ ބެހޭ މީހުން

17 އޮކްޓޯބަރ 2022

ވަކި މުއްދަތެއް ނެތް "ވާނުވާ" ބަންދުގައި 300 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މިއަދު ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ވަކި މުއްދަތެއް ނެތް "ވާނުވާ" ބަންދުގައި 300 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މިއަދު ބުނެފި އެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ އަދަދާ ބެހޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން ޕީޖީ އޮފީހުން ހިއްސާކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި ވާނުވާ ބަންދުގައި މިދިޔަ މަހުގެ ނިޔަލަށް ތިބި މީހުންގެ އަދަދަކީ 329 އެވެ.

އޭގެ ތެރެއިން 117 މީހުންނަކީ މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ. އަދި 108 މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންނެވެ.

ދެން އެންމެ ގިނައީ މީހުން މެރުމުގެ މައްސަލަތަކުގައި "ވާނުވާ ޖަހާފައި" ތިބި މީހުންނެވެ. އެއީ 42 އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ހއ. އަށް ކުރައްވާ ދަތުރުފުޅުގައި، ކޯޓުން މީހުންނަށް ބަންދު ޖެހުމުގައި ގެންގުޅޭ އުސޫލަށް ފާޑު ވިދާޅުވެ އިހަވަންދޫގައި، އިއްޔެ ރޭ ވާހަކަފުޅު ދައްކަވަމުން ވަނީ ޕީޕީއެމްގެ ވެރިކަމެއްގެ ފުރަތަމަ 10 ދުވަސް ތެރޭ، ވާނުވާ ބަންދުގައި ތިބި އެންމެން މިނިވަން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ސުލްހަވެރިކަމާ އެކު އެއްވެ، ހިޔާލުފާޅުކުރާ މީހުން ހައްޔަރުކޮށް، ކޯޓުތަކުން ބަންދުގެ މުއްދަތު ޖެހުން ހުއްޓާލަންޖެހޭ ކަމަށާއި ބަންދުކުރަން ޖެހޭނީ މުޖުތަމައަށް ނުރައްކާތެރި މީހުން އެކަނި ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މަނިކުފާނުގެ ވެރިކަމެއްގައި ގާނޫނުތަކުން އެކަން ކަށަވަރު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ބަދަލަކުން މިހާރު ވެސް ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާކޮށް، ބަންދާ މެދު އަލުން ގޮތެއް ނިންމަން ޖެހެ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އާދައިގެ ކުށްތަކުގައި އެއްފަހަރު ބަންދު ޖެހުމަށް ފަހު ދެވަނަ ފަހަރަށް ބަންދު ނުޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި ދައުވާ ކުރަން ޖެހޭނެ އެވެ.

ޕީޖީ އޮފީހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މުޒާހަރާކުރުން ނުވަތަ އަމަން ނަގައިލުން ފަދަ ކަމެއްގައި ވާނުވާ ބަންދަކު މިހާރު އެއްވެސް މީހަކު ނެތެވެ.

ވާނުވާ ބަންދުގައި ތިބި މީހުން (ސެޕްޓެމްބަރު 2022)

● ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުން: 117

● ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން: 108

● މީހުން މެރުން: 42

● ތޫނު ހަތިޔާރު ބޭނުންކޮށްގެން ހާނިއްކަވާ ގޮތަށް މާރާމާރީ ހިންގުން: 24

● ޓެރަރިޒަމް: 23

● ޖިންސީ ގޯނާކުރުން: 4

● ވައްކަން/ފޭރުން: 3

● ރޭޕްކުރުން: 2

ދެން ހިމެނެނީ ނުކުޅެދުންތެރިކަން ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމާއި ރައްކާތެރިކަމުގެ އަމުރާ ހިލާފުވުމާއި އަނިޔާއެއް ދިނުމާއި އެއްޖިންސުން ގުޅުން ހިންގުން އަދި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމާއި ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމުގެ މައްސަލަތަކުގައި ތިބި މީހުންނެވެ. އެ އިން ކޮންމެ މައްސަލައެއްގައި ވެސް ހިމެނެނީ އެންމެ މީހެކެވެ.

ހުސަން ޝަމީމް ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާ ކުރަން ފައްޓަވައި އެތައް ބަޔަކު ބަންދު ދޫކުރައްވައިފަ އެވެ. ޕީޖީން ދެކޭ ގޮތުގައި ބޮޑެތި ކުށްތަކުގައި ނޫނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކޮށްގެން ނުވާނެ އެވެ.