Roadha Mihaaru
އަމަލުކުރި އުސޫލެއް ގޯސްކަމަށް ދައުލަތުން އެއްބަސްވެއްޖެ

ފާރިސްގެ މައްސަލާގައި ދަށު ކޯޓުން އަމަލުކުރި އިޖުރާއާތެއް ގޯސް ކަމަށް ދައުލަތުން އެއްބަސްވެއްޖެ

01 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ދަށު ކޯޓުގައި ކުރިއަށް ގެންދިޔައިރު އަމަލުކުރި އިޖުރާއާތެއް ގޯސް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ދަށު ކޯޓުގައި ކުރިއަށް ގެންދިޔައިރު އަމަލުކުރި އިޖުރާއާތެއް ގޯސް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ އުފުލީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ހަތަރު މަހާއި 24 ދުވަހަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ފާރިސްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެއްބަސްވީ ދަށު ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔައިރު، ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 116 ވަނަ މާއްދާއާ ޚިލާފަށް އަޑުއެހުންތައް ތާވަލްކޮށް އެ އަޑުއެހުން ބޭއްވި ކަމަށް ބުނެ ފާރިސްގެ ފަރާތުން ފާހަގަކުރާ ނުކުތާ އަށެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮންނަ ގޮތުން، އަޑުއެހުންތައް ތާވަލް ކުރަން ޖެހޭނީ ދެ ފަރާތާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވިޔަސް، ދަށު ކޯޓުން އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އެ އުސޫލާ ޚިލާފަށް ކަމަށް ފާރިސްގެ ވަކީލުން ހައި ކޯޓުގައި ވަނީ ބުނެފަ އެވެ.

އިސްތިއުނާފް ނުކުތާތަކަށް ޖަވާބު ދެމުން ދައުލަތުން ބުނީ އެ ނުކުތާގައި ފާރިސްގެ ފަރާތުން ފާހަގަކުރި ފަދައިން، އަޑުއެހުންތައް ތާވަލްކުރީ ޖިނާއީ އިޖުރާއާތުގެ ގާނޫނާ ޚިލާފަށް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު ފާރިސްގެ ފަރާތުން ދެން ފާހަގަކުރި ކަންކަމާ ގުޅިގެން ދައުލަތުން ވާހަކަ ދެއްކީ ދަށު ކޯޓުގެ ނިންމުމާ އެއްކޮޅަށެވެ. އަދި ދައުލަތުން އެދުނީ ވެސް ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އަޑުއެހުންތައް ތާވަލްކުރުމުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނާ ޚިލާފަށް އަމަލު ކޮށްފައިވާ ކަމަށް ދައުލަތުން ބުނުމުން ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލު ކުރިމަތިކުރި އެވެ.

އެގޮތުން، ޖިނާއީ އިޖުރާއާތުގެ ގާނޫނާ ޚިލާފަށް އެކަން ހިނގާ ކަމަށް ދައުލަތަށް ގަބޫލުކުރެވޭއިރު، އެކަން ހުއްޓުވަން ދައުލަތުން ދަށު ކޯޓުގައި އޭރު މަސައްކަތް ކުރިންތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލުކުރި އެވެ. އަދި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު، އެ މައްސަލައިގެ ޝަރީއަތް އޮތީ ކިހާ ހިސާބެއްގައިތޯ ވެސް ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އަޑުއެހުންތައް އޭރު ކުރިއަށް ގެންދިޔަ ގޮތާ މެދު ފާރިސްގެ ފަރާތުން ދަށު ކޯޓުގައި ކަންބޮޑުވުން ފާޅުކުރަން ފެށުމުން އަޑުއެހުންތައް ފަސްކުރަން ދައުލަތުން ދެކޮޅުނަހަދާ ކަމަށް ބުނެފައިވާނެ ކަމަށެވެ. އެކަމަކު އޭރު ޝަރީއަތް ކުރިއަށް ދިޔައީ ވަރަށް އަވަހަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި އެ މައްސަލައިގައި ފާރިސްގެ މައްްޗަށް ދައުވާ އުފުލިއިރު ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރަން ނުފެށިޔަސް، ޝަރީއަތް ފެށިއިރު އެ ގާނޫނަށް އަމަލުކުރަން ފަށާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ، އަޑުއެހުންތައް ފަސްކުރަން ދެކޮޅު ނުހަދާ ކަމަށް ދައުލަތުން ބުންޏަސް، އެކަމާ ގުޅިގެން އިތުރަށް ދައުލަތުން އެއްވެސް ކަމެއް ދަށު ކޯޓުގައި ކޮށްފައި ނެތް ކަމަށެވެ.

ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ޖިނާއީ އިޖުރާއާތުގެ ގާނޫނާ ޚިލާފަށް ޝަރީއަތުގެ އަޑުއެހުންތައް ތާވަލް ކުރި ކަމަށް ދައުލަތުން އެއްބަސްވެފައިވާތީ އެއީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ވެސް ދަށު ކޯޓުގެ ހުކުމް ބާތިލް ކުރަން ޖެހޭ ސަބަބެއް ކަމަށެވެ.

ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ފާރިސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ބިނާ ކޮށްފައިވާނީ މައުޟޫއީ ގޮތުން ހުރި ޝަކުވާތަކަކާއި އިޖްރާއީ ގޮތުން ހުރި ޝަކުވާތަކެއް ފާހަގަކޮށް ކަމަށެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ދައުލަތުން އެއްބަސްވެފައިވާތީ އެކަންކަމާ މެދު މިހާރު އެއްވެސް ސުވާލެއް އުފެއްދެން ނެތް ކަމަށާއި އެހެންވެ، އެކަންކަމުގެ މައްޗަށް ބިނާކޮށް ދަށު ކޯޓުގެ ހުކުމް މިހާރު ބާތިލްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުން މިއަދު ވަނީ އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމާލައިފަ އެވެ. އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ އިތުރުން ފަނޑިޔާރު ހަސަން އަލީ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފައިސަލް އެވެ.

އެ މައްސަލަ ހައި ކޯޓުން ނިމެންދެން ފާރިސްގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް، ކަފާލާތުގެ ދަށުން ހައި ކޯޓުން ރޭ ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ފާރިސްގެ މައްޗަށް ސާބިތުވެފައި ވާއިރު، ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން ފާރިސްގެ މައްޗަށް ކުރެ އެވެ. އެ ދެ މައްސަލަ ދަށު ކޯޓުގައި ދަނީ ކުރިއަށެވެ.