Roadha Mihaaru
ތަހުގީގަށް ތައުރީފު، ކުށް ކުރާ މީހުންނަށް އިންޒާރެއް

ރޭޕްގެ ތަހުގީގަށް ސީޕީގެ ތައުރީފާ އެކު، ކުށް ކުރާ މީހުންނަށް އިންޒާރެއް

20 އޮކްޓޯބަރ 2022

މީގެ ދެ އަހަރު ކުރިން މެދުރާއްޖެތެރޭގެ އަތޮޅެއްގައި، އޯޓިޒަމް ހުންނަ ކުޑަކުއްޖަކު ރޭޕްކުރި އެ ކުއްޖާގެ ޅިޔަނުގެ މައްޗަށް ކުށް ސާބިތުވުމާ ހިސާބަށް ދިޔައީ ފުލުހުން ހިންގި ފެންވަރު ރަނގަޅު ތަހުގީގެއްގެ ސަބަބުން ކަމަށާއި މިއީ ކުށް ކުރާ މީހުންނަށް އިންޒާރެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މީގެ ދެ އަހަރު ކުރިން މެދުރާއްޖެތެރޭގެ އަތޮޅެއްގައި، އޯޓިޒަމް ހުންނަ ކުޑަކުއްޖަކު ރޭޕްކުރި އެ ކުއްޖާގެ ޅިޔަނުގެ މައްޗަށް ކުށް ސާބިތުވުމާ ހިސާބަށް ދިޔައީ ފުލުހުން ހިންގި ފެންވަރު ރަނގަޅު ތަހުގީގެއްގެ ސަބަބުން ކަމަށާއި މިއީ ކުށް ކުރާ މީހުންނަށް އިންޒާރެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ

އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރިކަން އެނގުނީ އެ ކުއްޖާގެ މައްސަރުކަންތައް ނުވާތާ މަސްތަކެއް ވުމުން ޑޮކްޓަރަށް ދެއްކުމުންނެވެ. އެ މައްސަލައިގައި އެ ކުއްޖާގެ ދައްތަ އިނދެގެން އުޅުނު މީހާ ހައްޔަރުކޮށް، ތަހުގީގުން ހާމަވި ކަންކަމުގެ މައްޗަށް ބިނާކޮށް އޭނާއަށް ކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ދައުވާ ލިބުނު ޅިޔަނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރެވުމާ ހަމައަށް ދެވުނީ ފުލުހުން ހިންގި ވަރަށް ރަނގަޅު ތަހުގީގެއް ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ، ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ނަގާ ކަމެއް ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް އިންޒާރު ދެއްވަމުން ހަމީދު ވިދާޅުވީ، އެފަދަ ކުށްތައް ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި އެފަދަ ކުށްތައް ކުރާ މީހުން މި މައްސަލައިގައި ކަން ވީ ގޮތަކީ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ ހަމީދުގެ ޓްވީޓު

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުން އެ މައްސަލަ ތަހުގީގު ކުރީ ހާދިސާ ހިނގިއަތޮޅުގެ ފުލުހުންނާއި ޕީޖީ އޮފީހުގެ ވަކީލުންނާ ގުޅިގެންނެވެ. މިއީ ފުލުހުން ބުނި ގޮތުގައި ވަރަށް ރަނގަޅަށް ގުޅިގެން ކޮށްފައިވާ ތަހުގީގެއްގެ ނަތީޖާ އެވެ.

އަނިޔާ ލިބުނު ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެ މިއަދު "މިހާރު" އަށް ބުނީ، ކުއްޖާއަށް އިންސާފު ލިބޭނެ ކަމަށް ކުރިން އުންމީދު ވެސް ނުކުރާ ކަމަށެވެ. ނަމަވެސް، 18 އަހަރަށް ހުކުމް ކުރުމުން ހިތްހަމަޖެހުން ފާޅުކޮށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.