Roadha Mihaaru
ބިލް ނުދައްކައިގެން އެފްއޭއެމުން ކަރަންޓު ކަނޑާލައިފި

އެފްއޭއެމްގެ ކަރަންޓް ބިލަށް 6 މިލިއަން ރުފިޔާ ނުދައްކާ، ހިދުމަތް ކަނޑާލައިފި

23 އޮކްޓޯބަރ 2022

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓް ބިލަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެފްއޭމް ހައުސް އިން ކަރަންޓްގެ ހިދުމަތް މިއަދު ކަނޑާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓް ބިލަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެފްއޭމް ހައުސް އިން ކަރަންޓްގެ ހިދުމަތް މިއަދު ކަނޑާލައިފި އެވެ.

ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ބުނީ، އެފްއޭމް ހައުސް އިން ކަރަންޓުގެ ހިދުމަތް މެދުކަނޑައިލަން ޖެހުނީ، އެ އެސޯސިއޭޝަނުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެކި ފަހަރު މަތިން އަންގައި، ގިނަ ފުރުސަތުތަކެއް ދިނުމުން ވެސް އެކަން ކޮށްފައި ނުވާތީ ކަމަށެވެ.

އެ ފައިސާ ނުދައްކާ ނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓްގެ ހިދުމަތް މެދުކަނޑައިލާނެ ކަމުގެ އިންޒާރު ވެސް ސްޓެލްކޯ އިން ދިނެވެ.

ސްޓެލްކޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ސެޕްޓެމްބަރު 2019 އިން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްވެސް ކަރަންޓް ބިލެއްގެ ފައިސާ އެފްއޭއެމުން ނުދައްކާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ސްޓެލްކޯ އިން މިހާރު ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާއަކީ ޖޫރިމަނާ އެކު އެ މުއްދަތުގެ ކަރަންޓު ބިލުތަކަށް އަރާ ޖުމުލަ އަދަދެވެ.

އެފްއޭއެމް ހައުސްގެ އިމާރާތް ބާވެ، އެ ތަނުގެ މަސައްކަތް ޗާންދަނީ މަގުގައި ހުންނަ އިމާރާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެފްއޭއެއެމް ހައުސް ހުސްކުރީ އެ ތަނުގައި 20 ބުރީގެ އިމާރާތެއް ހެދުމަށެވެ. އެކަމަކު އެ މަސައްކަތް މިހާތަނަށް ފަށާފައެއް ނުވެ އެވެ.

ގަލޮޅު ދަނޑުގައި ވެސް އެ އެސޯސިއޭޝަންގެ ބައެއް މަސައްކަތްތައް ކުރެ އެވެ. އަދި މި ފަހުން އަނެއްކާ ވެސް އެ އިމާރާތުގައި ބައެއް މަސައްކަތްތައް ކުރަން ފެށި އެވެ. ކޮވިޑް-19ގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ވެސް އެ އިމާރާތް ބޭނުންކުރި އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ކަރަންޓް ބިލް ނުދައްކާ މައްސަލަ ވަރަށް ބޮޑު ކަމަށް ސްޓެލްކޯއިން މި ފަހުން ބުނެފައިވެ އެވެ. އެ ކުންފުނިން މި މަހު ކުރީކޮޅު ބުނި ގޮތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކަރަންޓު ބިލުތަކަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކަައި އެބައޮތެވެ.