Roadha Mihaaru
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް

އަގު ދަށްކުރަން އެއްބަސް ނުވެވުމުން، އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އެއްބަސްވުން ބާތިލްކޮށްފި

28 ސެޕްޓެމްބަރ 2024

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުުގެ މަސައްކަތުގެ އަގު ދަށްކުރަން ކޮންޓްރެކްޓަރަށް އެއްބަސް ނުވެވުމުން، އެ ކުންފުންޏާ އެކު ވި އެއްބަސްވުން ބާތިލް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުުގެ މަސައްކަތުގެ އަގު ދަށްކުރަން ކޮންޓްރެކްޓަރަށް އެއްބަސް ނުވެވުމުން، އެ ކުންފުންޏާ އެކު ވި އެއްބަސްވުން ބާތިލް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022 ގަ އެވެ. އެއީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އޭރު އެ ކުންފުންޏާ އެކު ސަރުކާރުން އެއްބަސްވީ 168.5 މިލިއަން ރުފިޔާއަށެވެ.

އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ނިންމެވީ ބާ ޖަމާލުއްދީން ހިމެނޭ ސަރަހައްދަކީ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހޭ އަދި ހަލަބޮލި ހިސާބަކަށް ވާތީ އެހެން ތަނަކަށް އަރަބިއްޔާގެ އާ އިމާރާތް ބަދަލުކުރާށެވެ. އެހެންވެ، މި ސަރުކާރުން ދެއްކީ ކުރީގެ ކުނިކޮށި ހުރި ބިން ކަމަށްވާ 381 ނަންބަރު ކޮށްޓެވެ. އެ ބިމަށް އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ބަދަލުކޮށް، އެއީ އެ ސްކޫލް ދާއިމީ ބިން ކަމަށް ވެސް ރައީސް މުއިއްޒު ނިންމެވި އެވެ.

އަރަބިއްޔާ އާއި ޖަމާލުއްދީން ސްކޫލުގެ އާ އިމާރާތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އަމިން ކޮންސްޓްރަކްޝަންގެ ސެކްރެޓަރީ ނިހާދު ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަރަބިއްޔާ އާއި ޖަމާލުއްދީން ސްކޫލުގެ އާ އިމާރާތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އަމިން ކޮންސްޓްރަކްޝަންގެ ސެކްރެޓަރީ ނިހާދު ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު "މިހާރު" އަށް އިއްޔެ ވިދާޅުވީ، އަގު ދަށްކުރުމަށް ކުރި މަޝްވަރާތަކުގައި އަމިން ކޮންސްޓްރަކްޝަނާ އެކު އަލިމަގެއް ނުފެނުމުން އެ އެއްބަސްވުން ބާތިލް ކޮށްފައިވާ ކަމަށެވެ.

"އާ ބިމެއްގައި ޒަމާނީކޮށް އާ ސްކޫލެއްގެ ކޮންސެޕްޓްގައި ސްކޫލް އިމާރާތް ކުރަން އަމިން ކޮންސްޓްރަކްޝަނުން ދިން އަގު 70 މިލިއަން މާކެޓް ޕްރައިސް އަށް ވުރެ ބޮޑީ،" އެއްބަސްވުން ބާތިލްކުރި ސަބަބާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމާ މެދު ގޮތް ނިންމުން ލަސްވީ މަޝްވަރާތައް ދިގުލައިގެން ދިއުމުންނެވެ.

"ނެގޯޝިއޭޝަން ޕްރޮސެސްއެއްގެ ތެރެއިން އެކަށީގެންވާ ވަރަށް އަގު ކުޑަ ނުކުރެވުމުން، ރައްޔިތުންގެ ފައިސާ އިސްރާފު ނުވާނެ ފަދަ ގޮތަކަށް އެ ޕްރޮޖެކްޓު ގެންދިއުމަށް އެ ކޮންޓްރެކްޓު އުވާލީ،" އޮފިޝަލް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް އާ ކޮންޓްރެކްޓަރަކާ އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގައި ހަވާލުކޮށް، ވީހާ ވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކޮންޓްރެކްޓަރުގެ އަގު ބޮޑުވުމުން، އަރަބިއްޔާގެ އާ އިމާރާތުގެ އެއްބަސްވުން މިދިޔަ ހަފުތާގައި ބާތިލްކުރި ނަމަވެސް އެ އިމާރާތުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އަމަލީ މަސައްކަތް ފެށިކަން މި އަހަރުގެ ފެބްރުއަރީ 24 ގައި އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ވެސް ކުރި އެވެ. އެކަމަކު، މިއަދާ ހަމައަށް އެ ބިމުގައި އެއްވެސް ކަމެއް ނުކުރެ އެވެ.

އަރަބިއްޔާ ސުކޫލުގެ އަމަލީ މަސައްކަތް ފެށުމަށް މި އަހަރުގެ ފެބްރުއަރީ 24 ގައި ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު އިސްމާއިލާއި ސްކޫލުގެ ދަރިވަރުންނާއި އެ ސްކޫލުގެ އިސް ވެރިން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަރަބިއްޔާ ސުކޫލުގެ އަމަލީ މަސައްކަތް ފެށުމަށް މި އަހަރުގެ ފެބްރުއަރީ 24 ގައި ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު އިސްމާއިލާއި ސްކޫލުގެ ދަރިވަރުންނާއި އެ ސްކޫލުގެ އިސް ވެރިން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މީގެ ނުވަ އަހަރު ކުރިން ބޭނުންކުރަން ފެށި، ޗާނދަނީ މަގުގައި އިމާރާތްކުރި އަރަބިއްޔާ ސްކޫލް އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން އެ ސްކޫލު ހުސްކުރި އެވެ.

ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައި އޭގެ ފަހުން ދުވަސްތަކެއް ވަންދެން ކިޔަވައިދިނުމަށް ފަހު، މިހާރު އަރަބިއްޔާގެ ކުދިން ކިޔަވަމުން އަންނަނީ ދަރުމަވަންތަ ސްކޫލްގެ ކުދިން ބޭނުންކުރި ވަގުތީ އިމާރާތެވެ.

އަރަބިއްޔާ ސްކޫލްގެ ކުދިންނަށް އާ އިމާރާތެއް ނުލިބި، އެއްތަނުން އަނެއް ތަނަށް ބަދަލުވުން އާންމުވުމުން އެ ސްކޫލްގެ ބެލެނިވެރިންގެ ޝަކުވާ މިދިޔަ ސަރުކާރުގައި ވަރަށް ބޮޑުވި އެވެ. އެހެންވެ، ރައީސް މުއިއްޒު ވެރިކަމުގެ ކެމްޕެއިންގެ ތެރޭގައި ދެއްވި އެންމެ ބޮޑު އެއް ޔަގީން ކަމަކީ އެ ކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމެވެ. އެއީ ދާއިމީ އިމާރާތެއް ހޯދައި ދިނުމުގެ ވައުދެވެ.